އާދަޔާ ޚިލާފު ހާދިސާއަކާއެކު، އިޒްރޭލުގައި ލޮނުފެން ސާފު ފެނަށް ބަދަލުކުރާ ގިނަ ކާރުޚާނާތައް ހުއްޓުމަކަށް

އިޒްރޭލު ކައިރީގައި އުފެދިފައިވާ މައިކްރޯއަލްގަލް ބްލޫމް: އެ އާދަޔާ ޚިލާފު ހާދިސާއަކާއެކު، އިޒްރޭލުގައި ލޮނުފެން ސާފު ފެނަށް ބަދަލުކުރާ ގިނަ ކާރުޚާނާތައް ވަނީ ހުއްޓުމަކަށް އައިސްފައި -- ފޮޓޯ/ އިޒްރޭލް އޯޝެނޯގްރެފިކް ރިސާޗް އިންސްޓިޓިއުޓް

އިޒްރޭލު ކައިރީ ކަނޑުގެ ސަރަހައްދުގައި 'މައިކްރޯއަލްގަލް ބްލޫމް'އެއް އުފެދި، އެ ގައުމުގައި ލޮނުފެން ސާފު ފެނަށް ބަދަލުކުރާ ހަ ކާރުޚާނާގެ ތެރެއިން ފަސް ކާރުޚާނާގެ މަސައްކަތަށް ބުރޫ އަރައިފިއެވެ.

އަލްގަލް ބްލޫމްއަކީ ކަނޑާއި ކުޅި ފަދަ ފެން އެކުލެވޭ ސަރަހައްދުތަކުގައި އުޅޭ ކުދި ދިރުންތަކެއް މާ ބޮޑަށް އިތުރުވުމަށް ކިޔާ ނަމެކެވެ. ފެންގަނޑުގައި އެކުލެވޭ ވަކި މާއްދާއެއް މާ ބޮޑަށް އިތުރުވުމާއެކު، ހޫނުގަދަ ވުމުން އިތުރުވާ މި މާއްދާތަކުގެ ސަބަބުން ބައެއް ފަހަރު ނުރައްކަލާ ކުރިމަތިލާން ޖެހެއެވެ.

އިޒްރޭލުގެ ކައިރީގައި އުފެދިފައިވާ މައިކްރޯއަލްގަލް ބްލޫމް މިހާރު 12 މޭލަށް ވުރެ ބޮޑު ސަރަހައްދަކަށް ފެތުރިފައިވާއިރު، އެ ގައުމުގެ ސައިންސުވެރިއަކާ ހަވާލާދީ ސީއެންއެންއިން ވަނީ، މިއީ އެފަދަ މައްސަލައެއް އެހާ ގޯސްވި ފުރަތަމަ ފަހަރު ކަމަށް ރިޕޯޓުކޮށްފައެވެ.

އިސްރާއީލުގެ ލޮނުފެން ސާފުކުރާ ކާރުޚާނާތަކުގައި އާންމު ގޮތެއްގައި ބޭނުންކުރަނީ "ރިވާސް އޮސްމޯސިސް" ޓެކްނޮލޮޖީއެވެ. އެމެރިކާގެ ޔުނިވާސިޓީ އޮފް ޔޫޓާގެ މިޑްލް އީސްޓް ސެންޓަރުގެ ޑިރެކްޓަރު މައިކަލް ކްރިސްޓޮފާ ލޯ ބުނި ގޮތުގައި، އެލްގީއާއި އޭގެން އުފެދޭ މާއްދާތަކުގެ ސަބަބުން ފެން ސާފުކުރާ މެންބްރޭންތަކަށް ގެއްލުންވެ، ފިލްޓަރުވުމަށް ހުރަސްއެޅެއެވެ.

އެފަދަ މައްސަލަތައް ދިމާވެގެން، އިޒްރޭލުގައި ލޮނުފެނުން ސާފު ފެން އުފައްދާ ހަ ކާރުޚާނާގެ ތެރެއިން ފަސް ކާރުޚާނާވަނީ މިދިޔަ އާދިއްތަ ދުވަހު ބަންދުކޮށްފައި ކަމަށް އެ ގައުމުގެ ނޭޝަނަލް ވޯޓާ ކޮމްޕެނީން ބުނެއެވެ. އޭގެ ތެރެއިން ބައެއް ކާރުޚާނާތަކުގެ މަސައްކަތް އަލުން ފަށައިފައިވާއިރު، ފުރިހަމައަށް އަލުން މަސައްކަތްތައް ކުރިއަށްގެންދެވެނީ އެންމެ ކާރުޚާނާއެއްގައި ކަމަށް ސީއެންއެންގައިވެއެވެ.

އިޒްރޭލަކީ ބޮޑެތި ކޯރުތަކެއް ނެތް އަދި ވާރޭވެހުން މަދު ގައުމަކަށް ވުމާއެކު، ބޯފެން ހޯދުމަށް ލޮނުފެން މީރުކުރާ ނިޒާމަށް ވަރަށް ބޮޑަށް ބަރޯސާވެއެވެ. އެ ގައުމުގައި ބޭނުންކުރާ ބޯފެނުގެ 65 އިންސައްތަ އުފައްދަނީ މި ނިޒާމުގެ ތެރެއިންނެވެ.

މީގެ އިތުރުން މި މައްސަލަ ދިމާވެފައިވަނީ ހޫނު މޫސުމާ ދިމާކޮށް ފެނަށް އޮންނަ ޑިމާންޑް ވަރަށް ބޮޑަށް އިތުރުވެފައިވާ ދަނޑިވަޅެއްގައި ކަމުން އިޒްރޭލަށް ވަނީ ގޮންޖެހުންތައް އިތުރުވެފައެވެ.

comment ކޮމެންޓް