"އެއްވެސް އިންސާނަކީ މި ދުނިޔޭގައި ދާއިމަށް ހުރެވޭނެ މީހެއްނޫނެވެ. ދިރިއުޅުމަށް އައިސް ރީތި ހަނދާންތަކެއް ދޫކޮށްފައި ހިނގައިދާނެއެވެ. އެމީހުންނަށް ލޯބި ދޭށެވެ. އަގު އަދާކުރާށެވެ. ވަގުތު ދޭށެވެ. ސަބަބަކީ ކޮންމެވެސް ދުވަހަކުން ތިބާ އެންމެ ހިނދުކޮޅެއް އަދި ލިބޭނެނަމައޭ ހިތަށް އަރާނެއެވެ. އެއްވެސް އެއްޗެއް އަބަދަށްޓަކާ ދެމިގެން ނުދާނެއެވެ. އެއްވެސް އިންސާނަކު އަބަދަށް ދުނިޔެއަކު ނުހުންނާނެއެވެ."

***

"ޒާއިމްއަށް ހާލާގެ ދެލޯފުޅުން ފެންނަން ހުރި ވަފާތެރިކަމާއި ހިތްވަރު ފެނިވަޑައިގަތުމުން އޭނާގެ ހިތްޕުޅު އުފާފުޅުންނާއި އެހެން އަސަރުތަކުން ފުރިގެން ދިޔައެވެ. އެމަނިކުފާނު ހާލާގެ ނިތްޕުޅުގައި ބޮސްދެއްވަމުން މަޑުމަޑުން ހާލާގެ ގެނެސް މޭގައި ޖައްސަވައިލެއްވިއެވެ. "އެންމެ ރަނގަޅު... އަހަރެމެން އެކުގައި ދާނީ. ނަމަވެސް، އަހަރެންގެ ކައިރިން އެންމެ ފިޔަވަޅެއްވެސް ދުރަށް ނުޖެހުމަށް ވަޢުދުވޭ....."

"ވަޢުދުވަން......" ހާލާ އުފާފުޅުވިއެވެ.

ހާލާ ކޮޓަރިކޮޅުން ނުކުމެވަޑައިގެންނެވުނީ މަންމަ ބުތައިނާ އަދި ބޭބެ އާލަމްގެ ކުރިމައްޗަށެވެ. އާލަމް އަށް ހާލާ ފެނިވަޑައިގަތުމާއެކު ހައިރާންފުޅުވިއެވެ. އެކަމަނާ ހުންނެވީ ހަގުރާމައިގެ ހެދުންކޮޅުގައެވެ.

"ހާލާ..... މިއީ ކޮންކަމެއް؟" އާލަމް ކޯފާ އިސްކުރައްވާ ކުރިއަށް ޖެހިވަޑައިގަރެވެ." ހާލާ ތިއުޅެނީ ހަނގުރާމައަށް ދާންތަ؟ އަންހެނުން ނުޖެހޭނެ ޖިހާދަށް ދާށޭ ކިޔާފައި ފިރިހެނުން ކުރާ މަސައްކަތްކުރަން.. އަވަހަށް ގޮސް ތި ހެދުން ބާލާ...."

"ހާލާ...ހަނގުރާމައަށް ދަނީ ކީއްކުރަންތަ؟ އެ މައިދާނަކީ އަންހެންކުދިންނާއި އެކަށީގެންވާތަނެއްނޫން ކަނބުލޮ.....މަންމަ މި ބުނަނީ އެއީ ނުރައްކާތެރިކަމެއް...ބޮޑު އަނިޔާއެއްލިބިދާނެ....." ބުތައިނާ ދަރިކަނބަލުންނަށް ވިސްނައިދެއްވަން މަސައްކަތްކުރެއްވިއެވެ.

"ޢާނ....ގޮސްގެންނުވާނެ ހާލާ..."

"ބޭބޭފުޅު އަޅުގަނޑު ހުއްޓުވަން ނޫޅުއްވިއްޔާ ރަގަޅީ......" ހާލާގެ އަޑުގައިވީ ސާބިތުކަމެވެ. "މުސްލިމުންގެ ލޭ އޮހުރުވާ ގަތުލު އާންމު ހިންގަމުން ދާއިރު އެ މަންޒަރު ބަލަހައްޓައިގެން ހަމަޖެހިލައިގެން އިންނާނެ މީހެއް ނޫން. ކޮންމެފަހަރަކު ކާފަގެ ކޮޓޭޖަށް ދާއިރު ބޮޑުބޭބޭޭ ފުޅު ވަނީ އަޅުގަނޑަށް ކަނޑިބޭނުންކުރާނެ ގޮތާއި ހަނގުރާމައިގެ ހުނަރުތަކާއި އުކުޅުތައް ސިއްރުން ދަސްކޮށްދީފައި.އަޅުގަނޑަކީ ރަސްކަލެއްގެ ދަރިއެއް..ފިނޑިމީހެއްނޫން........."

ބުތައިނާގެ މޫނުފުޅުމަތިން ކަންބޮޑުވުމުގެ އަސަރު ފައުޅުވުމާއެކު ހާލާގެ އަތްޕުޅުގައި ފިރުމައިލއްވިއެވެ."ދަރިފުޅު........."

އެވަގުތު ޒާއިމްވެސް ކޮޓަރިކޮޅުން ނުކުމެވަޑައިގެންނެވިއެވެ.

"މަންމާ ޒާއިމް ނެތް ދުނިޔެއެއްގައި އަޅުގަނޑުވެސް ހުރުމުގެ މާނައެއް ނެތް..." ހާލާ ޒާއިމްގެ އަތްޕުޅުގައި ހިފަހައްޓަވާލެއްވިއެވެ. އާލަމް ކޯފާވެ ވަޑައިގަތުމާއެކު މޫނުފުޅު ރަތްވެ އަތްޕުޅު މުށްކަވާލެއްވިއެވެ. އަދި ހިތްޕުޅަށް އަރާވަޑައިގަތެވެ.

"މި މޮޔަ އަންހެންކުއްޖާ އަމިއްލައަށް މަރުވާހިތުން އުޅެނީ..މި ޒާއިމްއަކާއިހެދި މޮޔަވެގެން..މި ހަނގުރާމައަކީ ޒާއިމް ފަނާކޮށްލަން އެންމެ ރަގަޅު ފުރުސަތު އެކަމަކު ހާލާގެ ސަބަބުން އަހަރެންގެ ރޭވުމަށް ހުރަސް އެޅިދާނެކަމުގެ ހިލަމެއްވެއްޖެ..އެންމެ ރަަގަޅުވާނީ އަހަރެންގެ ހަގުރާމަވެރިން ފޮނުވައިގެން ހާލާ ހުއްޓުވުން....".."

ބޭބޭފުޅު ހަނގުރާމައަށް ވަޑައިނުގަންނަވަނީތޯ؟"

"އަހަރެން ގަބޫލުކުރާކަމެއްނޫން މިއީ....ހަނގުރާމައާއި އަހަރެން ދެކޮޅު....އަހަރެން ގަބޫލުކުރަނީ އެންމެން ސުލްހަވެރިކޮށް ދިރިއުޅެން...ލޭ އޮހޮރުވުމާއި އުދުވާންތަކުން އަހަރެމެންގެ އުފާތައްވެސް ނެތިގެންދާނީ....ކާފަރުންނާއެކު ސުލްހައިގެ އެއްބަސްވުމަކަށް ދާން އަހަރެން ބޭނުމީ.....އެމީހުން އަހަރެމެންނަށްވުރެ މާ ކުރީގައި އެއުޅެނީ.."

"ކާފަރުން އަންދަލުސްއިން މުސްލިމުން ނައްތައިލަން މަސައްކަތްކުރާއިރު ކޮން ސުލްހައެއްތޯ އޮންނާނީ؟"

"ބަލިގަބޫލުކޮށްގެން ޖިޒީދިނީމަ ރަަގަޅަށް ދާނީ..."

"އޯ...އަޅުގަނޑުމެން އެންމެފަހު ނޭވައާއި ހަމަޔަށް ހަތިޔާރު ނުބަހައްޓާ ހަނގުރާމަކުރަން ބޭނުމީ..މުސްލިމުންނަށް އޮތީ ނަސްރު ނޫނީ ޝަހީދުވުން..."

"ދެން ހުއްޓާލަބަލަ ދަރިންނޭ....ކޮން އަރައިރުމެއް މިގަޑީގައި...." ބުތައިނާ މޫނުފުޅުމަތިން ޝުއޫރެއް ދައްކާނުލައްވައެވެ.

"މަންމާފުޅުވެސް އަޅުގަނޑާއި ޒާއިމްއަށް ދުއާކޮށް ދެއްވައްޗޭ....."

ޒާއިމް ބުތައިނާއަށް ސަލާމްކުރެއްވިއިރު އަނެއްކާވެސް ބުތައިނާގެ ހިތްޕުޅުގައިވި ސުވާލުތައް އިތުރުވެ ޝައްކުން ހިތްޕުޅު ފުރުނެވެ. ޒާއިމްގެ ހަށިކޮޅުގައިވަނީ ހަމަ މި އާއިލާގެ ލޭފޮދުހެއްޔެވެ؟ އެހާ ތަފާތުވާންވީ ސަބަބަކީ ކޮބާހެއްޔެވެ؟ އެސުވާލުގެ ޖަވާބު އެނގެނީ ކާކަށްހެއްޔެވެ؟

***

އާލަމް އޭނާގެ އިތުބާރު ހުރި ޖާސޫސަކު ގެނެސްފައި އެކަމަުގެ ހުރި މުހިއްމުކަމާއި ސިއްރުވެރިކަން އަންގާދިނުމަށްފަހު ސިއްރު ސިޓީއެއް ދިނެވެ.

"މި ސިޓީ އަވަހަށް ކްރިސްޓިއަނުންގެ ލަޝްކަރުގެ ވެރިޔާ ރޮޑްރިގޯ އަށް ގެންގޮސްދީ......" އާލަމް ސިއްރު އަޑަކުން ވިދާޅުވިއެވެ.. "އެމަނިކުފާނަށް މިހެން ދަންނަވާ... މުސްލިމުންގެ ލަޝްކަރު މިހާރު މިސްރާބުޖަހާފައިވަނީ ސީދާ އެކިއްލާ ފަތަހަކުރަން.... އަދި ޒާއިމް ހައްޔަރުކުރުމަށް އެންމެ ފަސޭހަވާނެ ރޭވުންތައް މި ސިޓީގައި ވާނެކަން........."

ރޮޑްރިގޯގެ އަތްޕުޅަށް އެ ސިޓީ އެރުމާއެކު ކްރިސްޓިއަން ލަޝްކަރަށް ބޮޑު ކާމިޔާބެއް ލިބޭނެ މަގުފަހިވެގެންދާނެކަން ޔަގީނާއި ގާތަށް އެނގުނެވެ.

***

ހަނގުރާމައިގެ ހަލަބޮލިކަމުގެ ތެރެއިން، ޒާއިމްގެ ލަޝްކަރު މަޑުކޮށްލީ ހިތްގައިމު ފަރުބަދަތަކުގެ ކައިރީގައެވެ. އެ ފަރުބަދައިގެ ހޮހަޅައެއްގެ ތެރޭގައި ދިިރިއުޅެމުންދާ ދެމަފިރިން ކައިރީގައި އޮންނަ ވިލެޖުން ސާމާނު ގެނެސްގެން އުޅެމުން ދިޔައީ އަމާން ހިތްހަމަޖެހޭ ދިރިއުޅުމެކެވެ. ފިރިހެންމީހާ ފާރިސްއަކީ އެތައް އަހަރެއް ކުރިން ކެތުރީންގެ ތުއްތު ދަރިފުޅު ރޮޑްރިގޯގެ ކިބައިން ސަލާމަތްކޮށް އެ ރަށުގެ މުސްލިމް ރަސްގެފާނުގެ ފުރަތަމަ އަނބިކަނބަލުން ޖަޒީރާއަށް ދަރިކަލުން ހަވާލުކުރި ރޮޑްރިގޯގެ ޚާއްސަ ފާރަވެރިއެކެވެ. އޭނަ މުސްލިމް ލަޝްކަރުގައި ހިމެނޭ އަންހެންކުއްޖެއްކަމަށްވާ އަސްމާއާއި ދިމާވެ އިސްލާމްދީން ގަބޫލުކުރިއެވެ. ސިއްރުން ކައިވެނިކޮށްގެން ދަރިއަކު ލިބުނުއިރުވެސް ރޮޑްރިގޯއަށްވެސް އެކަމެއް ނޭގެއެވެ. ކައިވެންޏަށްފަހު ދެމަފިރިންނަށްވެސް ފިިރިހެން ދަރިއަކާއި ދެ އަންހެންކުދިން ލިބުނެވެ. އެތަނުން އެއްކުއްޖަކު ކާފަރު ހަގުރާމަވެރިއެއްގެ ދުންޏެއް އަމާޒުވެ ޝަހީދުވުމުން އެއާއިލާއަށް ތަކުލީފަކަށްވިއެވެ. ނަމަވެސް ދުވަސްކޮޅެއްފަހުން ކޮންމެވެސް ވަރަކަށް ހަމަޔަކަށް އެޅުނެވެ. ﷲއަށް ވަކީލުކޮށް ދިރިއުޅުމުގެ ނާ ދަތުރުކުރުމުގެ މިސްރާބު އޮޔާއި ވަޔަށް ދޫކޮށްލީއެވެ.

ޒާއިމްގެ ކިރުމަޔަކަށް ދުވަސްކޮޅަކަށް ނަމަވެސް އަސްމާވިއެވެ. ދެކުދިންނަށް އެއްފަހަރާ ގާތުން ދިނުމުގެ ސަބަބުން ފާރިސްގެ ފިރިހެންދަރިފުޅު އުވައިސް ވެފައިވަނީ ކިރުގެ ގޮތުން އަޚަކަށެވެ. އަދި ޒާއިމްގެ ލަޝްކަރުގައި ހިމެނި ޒާއިމްގެ އެކުވެރިއަކަށްވީވެސް އިއްތިފާގުންނެވެ. ތަގުދީރުގައި ގިނަފަހަރަށް އިންސާނުންގެ ދިރިއުޅުން ލާމެހެނީ އަޖައިބުވާފަދަ ގޮތްގޮތަށެވެ. އިލާހީ ހިކުމަތް އިންސާނުންނަށް ފަހުމްވުން ފަސޭހައެއްނުވާނެއެވެ.

ފާރިސް ޝިކާރަކުރަން އުޅެނިކޮށް އެ ލަޝްކަރު ފެނުމާއެކު ހިލަގަނޑެއްގެ ފުރަގަހުގައި ނިވާވެލައިގެން އެ މަންޒަރު ދެކެން އިރުކޮޅަކު ހުއްޓާ ކޮމަންޑަރު ފެނުމާއެކު ހިތް ތެޅިގަތެވެ. އެއީ އޭނަ ޖަޒީރާއަށް ވެދުމަށް އެރުވި އެ ތުއްޕުޅު ދަރިކަލުންހެއްޔެވެ؟ ޒާއިމްގެ ފަހަތުގައިވާ އަހަށް އޭނަގެ ދަރިފުޅު އުވައިސް ސަވާރުވެގެން އިންތަން ފެނުމުން ހިތަށް ބުނަންނޭގޭފަދަ އުފާވެރިކަމެއް އިހުސާސްކުރެވުނެވެ.

ލަޝްކަރު މަޑުކޮށްލީ އެދިމާލުގައި އަސްތަކަށް ކާންދިނުމަށެވެ.

ފާރިސް ހިލަގަނޑުގެ ފުރަގަހުން ނުކުމެގެން އައިތަން ފެނި އުވައިސް އަވަހަށް އަހުން ފައިބައިގެން އައިސް ބައްޕަގެ ގައިގާ އޮޅުލައިގަތެވެ.ދެ ބަފައިން އިރުކޮޅެއްވާންދެން އެގޮތުގައި ތިއްބާ ޒާއިމްވެސް އަހުން ފައިބާ ވަޑައިގަަތެވެ.ފާރިސްއަށް ޒާއިމް ދާދި ގާތުން ފެނުމާއެކު މޫނުފުޅުމަތިން އެތުއްޕުޅު ދަރިކަލުން ސިފަވެ ލޮލަށް ކަރުނަ އަންނަގޮތްވިއެވެ. ކުޑަ ދުވަސްކޮޅަކަށް ނަމަވެސް އެ ދަރިކަލުންގެ ބައްޕައެއްގެ މަގާމު އަދާކުރެވި އެ ދިގު ދަތުރުގެ ހަނދާންތައްވެސް ހިތުގައި އާލާވެގަތެވެ. އެތުއްޕުޅު ދަރިކަލުން މިހާރު އެހެރީ ފުރިހަމަ ޒުވާނެއްގެ ގޮތުގައެވެ. ހައިބަވަންތަ ހަނގުރާމަވެރި ލީޑަރެކެވެ. އެމަނިކުފާނުގެ ގާތުގައިި ހުންނެވި ހަނގުރާމަވެރިޔާ މޫނު ނިވާކޮށްގެން ހުއްޓަސް އަންހެންކުއްޖެއްގެ ނާޒުކުކަން ފެންނާންހުއްޓެވެ.

"ބައްޕާ...މިއީ އަޅުގަނޑުމެންގެ ރަސްގެފާނުގެ ދަރިކަލުން...އަދި މި ލަޝްކަރުގެ އަމީރު ޒާއިމް ބިން މުހައްމަދު ޣާޒީ...." އުވައިސް ބައްޕަގެ އަތާއި ޒާއިމްގެ އަތް ގުޅުވައިލަދިނެވެ."އަދި އަޅުގަނޑުގެ ގާތް އެކުވެރިޔާ...."

"ވަރަށް އުފާވެއްޖެ އުވައިސްގެ ބައްޕައާއި ބައްދަލުވީމަ..އުވައިސް ބައްޕަގެ ވާހަކަ ދައްކަނީ ވަަރަށް ލޯތްބާއި ފަޚުރުވެރިކަމާއެކީ....."

"ސުބުހާނަﷲ..."ފާރިސްގެ ލޯ ބޮޑުވިއެވެ."ކޮންފަދަ އިއްތިފާގެއް..."

"ތިބުނީ ކީކޭ ބައްޕާ"

"މިބުނީ އުވައިސްގެ އެކުވެރިޔަކާއި މިހެން ބައްދަލުވުމުގެ ނަސީބު ލިބުން.."

"މިމަގު ޚިޔާރުކުރީ އަދި މަޑުކޮށްލީވެސް އަޅުގަނޑު މަންމަމެންނާއި ބައްދަލުކޮށްލަންވެގެން..."އުވައިސް ބައްޕަގެ އަތުގައި ހިފައިގެން ހިނގައިގަތެވެ."ޒާއިމްގެ ދެކަނަބަލުންވެސް ވަޑައިގަންނަވާ...އަޅުގަނޑުގެ ކުޑަ އާއިލާ ދިރިއުޅޭ ގެއަށް ވަޑައިގަތުމަކީ ހަމަ ވަރަށް ބޮޑު އުފަލެއް..."

ފާރިސްއަށް ޒާއިމްގެ އަތުގައި އަނެއް އަތުން ހިފާ ބާރުކޮށްލެއްވުނެވެ. އެމޫނުފުޅަށް ބަލައިލެވުނުއިރު އެލޮލުން ފެންނަން ހުރީ އުފާވެރިކަމުގެ ކަރުނައެވެ.

"ބައްޕަ ރޮނީތަ؟"އުވައިސް ހައިރާންވިއެވެ."ބައްޕައަކީ ހިތްވަރުގަދަ މީހެއް...ދުވަހަކުވެސް ބައްޕަގެ ލޮލުން ކަރުނަ އައިތަނެއް ނުދެކެން.."

"ރަސްގެފާނުގެ ދަރިކަލުންނާއި މިހެން ބައްދަލުވުމާއި ދަރިފުޅުމެން ﷲގެ މަގުގައި ޖިހާދަށް ދާތީ އެކަމުގެ އުފަލުގައި ރޮވުނީ...މާތްﷲ ތިކުދިންނަށް ނަސްރު ދެއްވާށި...."ފާރިސް ބުނެލިއެވެ.

ހޮހަޅައިގެ ތެރެއަށް ވަނުމާއެކު ހޫނުކަމާއި އަރާމުކަން އިހުސާސްވިއެވެ. އަސްމާއަށް ޒާއިމް ތައާރަފުކޮށްދިނުމާއެކު އެލޮލަށްވެސް ކަރުނަ ޖަމާވިއެވެ. އެތައް ޒަމާނެއްފަހުން އޭނައަށް ދަރިކަލުން ފެނުމުގެ ނަސީބު މިންވަރުކުރައްވައިފިއެވެ. ތުއްޕުޅުއިރުގެ ރީތިކަމާއި ފުރިހަމަކަން އަދިވެސް އެގޮތުގައެވެ. ޒާއިމްއާއި ހާލާއަށްވެސް ހައިރާންކަން ލިބިވަޑައިގަތެވެ. މި ދެމަފިރިންގެ ލޮލުގައިވީ ކަރުނަތައް ތަފާތު ވާހަކައެއް ކިޔައިދިންފަދައެވެ. ނޫނީ ޒާއިމްދެކެ އެވަރުގެ ލޯތްބާއި އިހުތިރާމެއް ދެނީ އުވައިސްގެ އެކުވެރިޔާއަށް ވީމަހެއްޔެވެ؟ އަސްމާ ވަގުތުން އެންމެނަށް ކާން ދީފައި ހޫނު ގަހުވަވެސް ގެނެސްދިނެވެ. އަދި ތާޒާވެލާނެ ހޫނު ފެން ގެނެސްދިނެވެ. އަސްމާ ޒާއިމްއަށް ޚާއްސަގޮތެއް ބެހެއްޓިއެވެ. އަމިއްލަ ދަރިއެއްގެ ކުލުނާއި ލޯބި އެލޮލުގައިވިއެވެ. ވަދާއުގެ ސަލާމް ކުރިއިރުވެސް އުވައިސްފަދައިން ޒާއިމްގެ ނިތްކުރިއަށް ބޮސްދިނެވެ.

"ދަރިކަލުންނަށް މާތް ﷲ ބަރަކާތް ލައްވާށި..މަންމަގެ ހެޔޮ ދުޢާތައް ދަރިކަލުންނާއެކީގައި އަބަދުވާނެ..."އަސްމާގެ ލޯ ކަރުނުން ފުރުނެވެ.

ހޮހަޅައިން ބޭރަށް ނުކުމެވަޑައިގެން ދެކަނބަލުން އެކީގައި ހިންގަވައިގެންފާ ހާލާ އެސުވާލުކުރެއްވިއެވެ.

"އެމީހުންނާއި ޒާއިމްއާއި ގުޅުމެއް ވާކަހަލަ....އުވައިސް އެކުވެރިޔަކަށްވިޔަސް އެވަރުނުވާނެ...ކުރިން އެނގިވަޑައިގަންނަވާ އާއިލާއެއްތޯ؟"

"ނޫން..އުވައިސްއާއިވެސް ދިމާވީ ތާރިގުއާއިއެކުު ހަގުރާމައިގެ ތަމްރީނުތަކުގައި.ކުޑައިރުން ފެށިގެން އުވައިސް އެނގޭ..އެކަމަކު އާއިލާއާއި ބައްދަލުވީ އަލަށް..މަންމައާއި ބައްޕައެއްގެ ލޯބި އިހުސާސްކުރެވިއްޖެ އެހާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި...އެބުނާހެން ކޮންމެވެސް ހިސާބަކުން ހިތާއި ގުޅިފައިވާފަދަ......"

"އެގެއިން ފެނުނު އަންހެންކުއްޖާ ވަރަށް ފިލައިގެން އިނީ..."

"ހެހހެ.."ޒާއިމް ހިނިފުޅުވަޑުވައިލެއްވިއެވެ.

"އަނެއްކާ އެމީހުންގެ ހިތުގައި އެކަހަލަ ޚިޔާލެއް އޮތީތަ؟"

"އަސްތަޣުފިރުﷲ.....އެއީ ބާރަވަރަކަށް އަހަރުގެ ކުޑަ ކުއްޖެއްނު...."

ހާލާ ޒާއިމްގެ އަތްޕުޅުގައި ހިއްޕަވާލެއްވިއެވެ.

"އެހެންނޫނަސް ކަންބޮޑުނުވޭ ލޯބިވާ ހާލާ....ކުޑައިރުއްސުރެ ހިތުގައި ތި ނޫން އަންހެންކުއްޖަކުނެތް..ފަހުންވެސް ނުވާނެ ﷲ އިރާދަކުރެއްވިއްޔާ ޖަންނަތުގައިވެސް އެކީގައިވާނީ...."

އެ ލަފުޒުތަކުން ހާލާގެ ހިތްޕުޅަށް ޚަރީފުގެ ވައިރޯޅިތައްފަދަ ފިނިކަމެއް ލިބިވަޑައިގަތެވެ. ޒާއިމްގެ ލޯތްބާއިމެެދު ޔަގީންކަން އޮތަސް އަންހެންކުދިންނަށް އިތުބާރެއްނެތީއެވެ. ޒާއިމް ފެނުމުން އަންހެނުން މޮޔަވެ ލޮލުން ކާލަފާނެހެން ހީވާ ފަހަރުވެސް އާދެއެވެ.އެކަމަނާއަށް އެކަން ބަލައިގަންނަން ފަސޭހަނުވަނީއެވެ.

***

އަމީރާ އޮލީވިއާ އަސްކޮޅުގައި ޖަންގަލިތެރޭގައި ދަތުރުކުރައްވަމުން ގެންދެވީ އެކަނިމާއެކަންޏެވެ. ލަޝްކަރާއި ވަކިވެގެން މާ ދުރަށް ވަޑައިގަތުމުގެ ސަބަބުން މަގު އޮޅި ވަޑައިގަންނަވަންވީ ދިމާލެއް ނޭގުނީއެވެ.

ކުއްލިއަކަށް އެ ސަރަހައްދުގެ ގަސްތަކުގެ ތެރެއިން ބޮޑު ސިންގާ އެއް ފަދަ ވަލުޖަނަވާރެއް ނުކުތީ ހިލަމެއްވެސް ނުވެއެވެ. އަދި އޮލީވިއާގެ އަސްކޮޅާ ދިމާއަށް ފުންމައިގަތުމާއެކު އަސް ބިރުގަނެ ފަހަތަށް ޖެހި އެކަމަނާ އަސްމަތިން ވެއްޓިވަޑައިގަތެވެ. ހުރިހާކަމެއް ހިނގީ ސިކުންތުކޮޅެއްގެ ތެރޭގައެވެ. ޖަނަވާރު އެކަމަނާއާއި ދިމާއަށް ބަލަހައްޓައިގެން އޮތީ ހަމަލާދޭން ތައްޔާރުވެގެންނެވެ. އޮލީވިއާގެ ލޯފުޅުން ކަރުނަ ފާއްދައިލިއެވެ. އެއީ އެކަމަނާގެ ފަހު ވަގުތުކަން ޔަޤީންވިއެވެ.

އެނުރައްކާތެރި ވަގުތުކޮޅު ވައިރޯޅިއެއް ފަދައިން އައި މީހަކު އޮލީވިއާގެ ކުރިމައްޗަށް އެރިއެވެ. އެމީހެއްގެ އަތުގައި އޮތް އައްޑަނަ ނެގުމާއެކު އެ ޖަނަވާރުގެ ހަމަލާތަކުން އޮލީވިއާ ސަލާމަތްކޮށްދޭން މަސައްކަތްކުރިއެވެ. އެޒުވާނާގެ ހަށިގަނޑުގައި ހުރި ބާރުގަދަކަމާއި މޫނު ނިވާކޮގެން ހުއްޓަސް އެ ލޮލުގައި ހުރި ހިތްވަރު ފެނި އޮލީވިއާގެ ހިތްވެސް ހުއްޓުނުފަދައެވެ. ޒުވާނާ އެ ޖަނަވާރާ ދެކޮޅަށް ކުރި ހަނގުރާމަ ހީވީ ހުނަރުވެރި ނެށުމެއް ހެންނެވެ. އެންމެ ފަހުން އެޒުވާނާ އެ ޖަނަވާރަށްވެސް އަނިޔައެއްނުދީ ދުރަށް ފޮނުވާލުމަށްފަހު އޮލީވިއާގެ ކައިރިއަށް އައިސް އިހުތިރާމާއެކު އަތް ދިއްކޮށްލިއެވެ.

"ފަޔަށް އަނިޔާއެއްވިތަ؟ ހިނގޭނެތަ؟"

"ނޫން....އަނިޔާއެއްނުވޭ..."އޮލީވިއާ މަޑުމަޑުން ވިދާޅުވިއެވެ.

"އެކަމަކު ހިތަށް އަނިޔާވެއްޖެ.."އެ ޖުމްލަވީ އެކަމަނާގެ ހިތްޕުޅުގައެވެ.

ނުނިމޭ

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު