މޫނު ދެނެގަނެވޭ ފީޗާއާއެކު، އެޕަލްގެ ސްމާޓް ހޯމް ޑިސްޕްލޭ ބާޒާރަށް ނެރެނީ

އެޕަލްގެ މިޑިވައިސް ނެރުން ލަސްވަނީ ވާދަވެރިންނާ ފައިހަމަކުރުމަށްކަމަށް ރިޕޯޓްތައްބުނޭ ---

އެޕަލް ކުންފުނިން ގޭތެރޭގެ ސްމާޓް ވަސީލަތްތައް ކޮންޓްރޯލް ކުރުމަށް ޚާއްޞަކޮށްގެން އުފައްދާ ސްމާޓް ހޯމް ޑިސްޕްލޭ ވަރަށް އަވަހަށް ބާޒާރަށް ނެރުމަށް ތައްޔާރުވަމުންދާ ކަމަށް ޚަބަރުތައް ބުނެފިއެވެ.

އެޕަލް ކުންފުނިން އަލަށް ތަޢާރަފުކުރާ ސްމާޓް ހޯމް ޑިސްޕްލޭގައި ހިމެނޭ އެންމެ ޚާއްޞަ އެއް ސިފައަކީ، ޑިވައިސް ކައިރިއަށް އަންނަ މީހެއްގެ މޫނު ވަކިކޮށް ދެނެގަނެވޭ ފޭޝަލް ރިކޮގްނިޝަން ފީޗާއެވެ. ގޭތެރޭގެ ސްމާޓް ވަސީލަތްތައް ކޮންޓްރޯލްކުރާ މައި ހަބެއްގެ ގޮތުގައި މަސައްކަތްކުރާނެ މި ޑިވައިސް އެންމެ ފުރަތަމަ މިދިޔަ އަހަރުގެ ކުރީކޮޅު ނެރުމަށް ރޭވި ނަމަވެސް، އެޕަލް އިންޓެލިޖެންސް އާއި ސިރީ އޭއައި އިތުރަށް ފުރިހަމަކުރުމަށްޓަކައި މިހާރު ވަނީ ލަސްކޮށްފައެވެ.

މި އަހަރުގެ އައިއޯއެސް 27 ގެ ބީޓާތަކާއެކު މި ޓެކްނޮލޮޖީ މިހާރު ވަރަށް ބޮޑަށް ތަރައްގީކުރެވިފައިވާއިރު، ވަރަށް އަވަހަށް މި ޑިސްޕްލޭ ބާޒާރަށް ނެރުމަށް ދަނީ ތައްޔާރުވަމުންނެވެ.

މި ޑިވައިސް ބާޒާރަށް ނެރުމަށް ހަމަޖެހިފައިވަނީ ދެ ވައްތަރަކަށެވެ. އެއީ މޭޒުމަތީގައި ބަހައްޓައިގެން ބޭނުންކުރެވޭ ގޮތަށް ފޮތިން ހަދާފައިވާ ބަޔަކާއެކު އަންނަ ހަތް އިންޗީގެ ސްކްރީނެއް ހިމެނޭ މޮޑެލްއަކާއި، ފާރުގައި ހަރުކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ މޮޑެލްއެކެވެ. މިއީ އެ ކުންފުނީގެ 8.3 އިންޗީގެ އައިޕެޑް މިނީއަށް ވުރެ ކުޑަ ސައިޒެކެވެ. މީގެ އިތުރުން ފާރުގައި ހަރުކުރާ މޮޑެލް އަކީ ވަޔަރު އަޅަން ނުޖެހި، މެގްނެޓިކް ނިޒާމަކުން ނުވަތަ ބެޓެރިން ބާރު ލިބިގެން މަސައްކަތްކުރާ އެއްޗެއް ކަމަށް ބެލެވެއެވެ.

މި ޑިވައިސްގައި ބޭނުންކުރާނީ ޓީވީއޯއެސްގެ މައްޗަށް ބިނާކޮށް އުފައްދާ "ހޯމްއޯއެސް" ނަމަކަށް ކިޔާ އާ އޮޕަރޭޓިން ސިސްޓަމެއް ---

ހާޑްވެއާގެ ގޮތުން މި ޑިވައިސްގައި ފޭސްޓައިމް އަދި ވީޑިއޯ ކޯލްތަކަށް 1080ޕީ ކެމެރާއެއް ހިމެނޭއިރު، ޔޫޒަރު ވަކިކޮށް ދެނެގަތުމަށް ފޭޝަލް ރިކޮގްނިޝަން ސިސްޓަމް ހިމެނެއެވެ. ޕްރޮސެސަރެއްގެ ގޮތުގައި މަދުވެގެން އޭ17 ޕްރޯ ޗިޕެއް ބޭނުންކުރާއިރު، ވައިފައި، ބްލޫޓޫތު އަދި ތްރެޑް ގުޅުވައިދިނުމަށް އެޕަލްގެ އަމިއްލަ އެން1 ނެޓްވޯކިން ޗިޕް ހިމަނާނެ ކަމަށް ލަފާކުރެވެއެވެ.

މި ޑިވައިސް ހިންގުމަށް އެޕަލްއިން ބޭނުންކުރާނީ ޓީވީއޯއެސްގެ މައްޗަށް ބިނާކޮށް އުފައްދާ "ހޯމްއޯއެސް" ނަމަކަށް ކިޔާ އާ އޮޕަރޭޓިން ސިސްޓަމެކެވެ. މި ސިސްޓަމްގެ ދަށުން ފޭސްޓައިމް، ސަފާރީ، އެޕަލް ނިއުސް، ކަލަންޑަރު، ނޯޓްސް އަދި ފޮޓޯސް ފަދަ މައިގަނޑު އެޕްލިކޭޝަންތައް ހިމެނޭނެއެވެ. އަދި ކެމެރާ މެދުވެރިކޮށް އަތުގެ ހަރަކާތްތަކުން (ޖެސްޗާސް) ޑިވައިސް ކޮންޓްރޯލް ކުރެވޭއިރު، ސްކްރީން ކުރިމައްޗަށް އަންނަ މީހަކު ވަކިކޮށް އެމީހެއްގެ ޒާތީ މައުލޫމާތާއި ޕްރޮފައިލް ދައްކައިދޭނެއެވެ.

ޑިވައިސްގައި އެޕަލް އިންޓެލިޖެންސް އަދި ސިރީ އޭއައި ހިމެނޭތީ މިއީ ސްމާޓް ސްޕީކަރަކާއި ސްމާޓް ޑިސްޕްލޭއެއްގެ ހުރިހާ ޚިދުމަތެއް އެއްކޮށްލާފައިވާ އެއްޗެކެވެ.

މެކްއޯއެސް ޓަހޯ 26.7 ގެ ބީޓާ ކޯޑުން ދައްކާ ގޮތުގައި މީގެ ހޯމް ސްކްރީނުގައި ވިޖެޓްތަކާއި ގަޑިތައް ބޭނުންވާ ގޮތަށް ބަދަލުކުރެވޭނެއެވެ. ފުރަތަމަ ކޮޅުގައި ވަކި އެޕް ސްޓޯރެއް ނެތް ނަމަވެސް، އައިފޯނުގައި ހުންނަ އެޕްތަކުގެ ވިޖެޓްތައް މި ޑިސްޕްލޭ މެދުވެރިކޮށް ބޭނުންކުރެވޭނެ ކަމަށް ރިޕޯޓްތައް ބުނެއެވެ. އަދި ޒާތީ މައުލޫމާތުގެ ރައްކާތެރިކަމަށް ބަލާއިރު، މޫނު ދެނެގަނެ މީހަކު ކަށަވަރުވަންދެން ވިޖެޓްތަކުގައިވާ ޒާތީ މައުލޫމާތުތައް ފޮރުވާފައި ބެހެއްޓޭނެއެވެ.

މި އާ ޑިވައިސްގެ އަގު ހުންނާނެ މިންވަރަކާ މެދު އެކި ގޮތަށް ވާހަކަ ދެކެވެމުން އަންނައިރު، މީގެ ކުރިން މިއީ 499 ޑޮލަރުގެ އަގުބޮޑު އެއްޗެއްގެ ގޮތުގައި ބެލެވުނު ނަމަވެސް، ގޫގުލް ހޯމް ހަބް ފަދަ ވާދަވެރި އުފެއްދުންތަކާ އަޅާބަލާއިރު އެޕަލްއިން މީގެ އަގު 199 އާއި 249 ޑޮލަރާ ދެމެދަށް ދަށްކޮށްފާނެ ކަމަށް ވެސް ލަފާކުރެވެއެވެ.

މި ޑިވައިސް ރަސްމީކޮށް އިއުލާނުކުރާނެ ދުވަހަކާ މެދު ބްލޫމްބާގުން ބުނެފައިވަނީ، އާ އެޕަލް ޓީވީ 4ކޭ އަދި ހޯމްޕޮޑް މިނީ ސެޕްޓެމްބަރު މަހު ނެރުނު ނަމަވެސް، މި ސްމާޓް ޑިސްޕްލޭ އޮކްޓޯބަރު މަހު ނުވަތަ އަންނަ އަހަރުގެ ކުރީކޮޅާ ހަމައަށް ފަސްވުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. އެހެން ނަމަވެސް އަންނަ ބުދަ ދުވަހު އޮންނަ އައިފޯން އިވެންޓުގައި މި ޑިވައިސް ދައްކާލުމަށް ފަހު، ފަހުގެ ތާރީޚެއްގައި ވިއްކަން ފެށުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.

comment ކޮމެންޓް