އޭއައިގެ ޒަމާނުގައި ކުދިންނަށް އިންސާނިއްޔަތުކަން ދަސްކޮށްދިނުމުގެ މުހިންމުކަން

މިއަދުގެ ކުޑަކުދިން ބޮޑުވަމުން އަންނަނީ ޓެކްނޮލޮޖީގެ ވަރަށް ތަފާތު މާހައުލެއްގައެވެ. ގޭތެރޭގެ ސިޓިންގރޫމުގައި ކުއްޖަކު ޓެބްލެޓެއް ހިފައިގެން އިންނައިރު، އޭނާ އެ މުއާމަލާތްކުރަނީ ހަމައެކަނި ގޭމަކާ ނޫނެވެ. އޭނާގެ ސުވާލުތަކަށް ޖަވާބުދީ، އޭނާއަށް ވާހަކަ ލިޔެދީ، އަދި ކުރެހުންތައް ކުރަހައިދޭ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އާއެވެ. މިއީ މީގެ ޖީލެއް ކުރިން ތަސައްވުރުވެސް ކުރެވިފައިނުވާ ފަދަ ބަދަލެކެވެ. ނަމަވެސް މި އާ ޓެކްނޮލޮޖީއާއެކު އުފެދޭ އެންމެ ބޮޑު ސުވާލަކީ، މެޝިންތައް އިންސާނުން ފަދައިން ވިސްނަން ފަށާފައިވާ މި ޒަމާނުގައި، ކުދިންނަށް އިންސާނިއްޔަތުކަން ދަސްކޮށްދޭނީ ކިހިނެއްތޯ ކުރެވޭ ސުވާލެވެ.

ތައުލީމީ ދާއިރާގެ ތަޖުރިބާކާރެއް ކަމަށްވާ ޑރ. ޝީބާ ޖޯޖޯ ފާހަގަކުރި ގޮތުގައި، އޭއައި އަކީ ރަނގަޅު ގޮތުގައި ބޭނުންކޮށްފިނަމަ އިންސާނުންގެ ގާބިލުކަން އިތުރުކޮށްދޭނެ ވަރަށް ފުރިހަމަ ވަސީލަތެކެވެ. ނަމަވެސް ކުދިންނަށް ޓެކްނޮލޮޖީ ބޭނުންކުރަން ދަސްކޮށްދޭއިރު، އެއަށްވުރެ މާ މުހިންމު ފިލާވަޅެއް އެކުދިންނަށް އުނގަންނައިދޭން ޖެހޭ ކަމަށް އޭނާ ބުނެފައިވެއެވެ. އެއީ ސްމާޓް މެޝިންތަކުގެ ޒަމާނުގައި އިންސާނެއްގެ ގޮތުގައި ދެމިހުންނާނެ ގޮތެވެ.

ކުދިންނަށް ޓެކްނޮލޮޖީ ބޭނުންކުރަން އެނގޭނެތޯ ނުވަތަ ނޫންތޯ މިއީ މިހާރު އޮތް ސުވާލެއް ނޫނެވެ. އެކަން އެކުދިންނަށް ޔަގީނުންވެސް އެނގޭނެއެވެ. ހަގީގީ ގޮންޖެހުމަކީ، އެލްގޮރިދަމްތަކާއި އޭއައިގެ ތެރޭގައި ކުދިން ބޮޑުވާއިރު، އިންސާނުންނަށް ހާއްސަ ސިފަތައް ކަމަށްވާ ހަމްދަރުދީއާއި، އޯގާތެރިކަމާއި، ކެތްތެރިކަމާއި، ހިތްވަރާއި، އެހެން މީހުންނާ ގުޅުން ބޭއްވުމުގެ ހުނަރު އެކުދިންގެ ކިބައިގައި ހުންނާނެތޯ ކުރެވޭ ސުވާލެވެ.

އޭއައި އަށް، އިންސާނުން ކުރާ ގިނަ ކަންކަން ނަކަލުކުރެވިދާނެއެވެ. އެގޮތުން މީހަކާ ވާހަކަދައްކާ ފަދައިން މުއާމަލާތްކުރުމުގެ ގާބިލުކަން އޭއައިގައި ހުރެއެވެ. ނަމަވެސް ހިތާމައިގައިވާ މީހަކަށް ލިބޭ ގެއްލުމާއި ހިތްދަތިކަން އޭއައިއަކަށް އިހުސާސެއް ނުކުރެވޭނެއެވެ. އަދި އޭއައި އަކީ ލަފާދޭ އެއްޗަކަށް ވިޔަސް، އޭގައި އިންސާނީ ޟަމީރެއް ނުވަތަ ދިރިއުޅުމުގެ ތަޖުރިބާއެއް ނުހުރެއެވެ. އެހެންކަމުން، އޭއައި އަކީ ހަމައެކަނި ވަސީލަތެއް ކަމާއި، އެއީ އިންސާނީ ގުޅުންތަކާއި އިހުސާސްތަކުގެ ބަދަލުގައި ބޭނުންކުރެވޭނެ އެއްޗެއް ނޫންކަން ކުދިންނަށް ވިސްނައިދިނުން މުހިންމެވެ. ކަމެއް ކުރުން "މިއީ ރަނގަޅު ގޮތްތޯ" ސުވާލުކުރުމުގެ ގާބިލުކަން، "މިއީ ކުރެވިދާނެ ކަމެއްތޯ" ސުވާލުކުރުމަށްވުރެ މުހިންމެވެ.

މިފަދަ އިންސާނީ ސިފަތަކަކީ ހަމައެކަނި ކްލާސްރޫމެއްގައި ދޭ ލެކްޗަރަކުން ދަސްވާނެ ކަންކަމެއް ނޫނެވެ. މި ސިފަތައް އަށަގަންނަނީ އަމަލީ ތަޖުރިބާގެ ތެރެއިންނެވެ. ސްކްރީންތަކާ ދުރުގައި، ހަގީގީ މީހުންނާއެކު ވަގުތު ހޭދަކުރުމުގެ ފުރުސަތު ކުދިންނަށް ދޭންޖެހެއެވެ. އާއިލާ އެކުގައި ކާން ތިބެ ވާހަކަދެއްކުމާއި، މާމައާއި ކާފަ ނުވަތަ ތިމާގެ މީހުންނަށް ޒިޔާރަތްކުރުމާއި، އަވަށްޓެރިންނާ މުއާމަލާތްކުރުމަކީ މީގެ ތެރޭގައި ހިމެނޭ މުހިންމު ކަންކަމެވެ. މީގެ އިތުރުން، އެކުވެރިންނާއެކު ބޭރުގައި ކުޅުމާއި، ކުޅިވަރާއި މުޖުތަމައުގެ ހަރަކާތްތަކުގައި ބައިވެރިވުމާއި، އެހީތެރިކަން ބޭނުންވާ މީހުންނަށް އެހީވުމަކީވެސް އިންސާނިއްޔަތުކަން ދަސްކޮށްދޭ ކަންކަމެވެ. ދެބަސްވުންތައް ކުރިމަތިލައިގެން ހައްލުކުރުމަކީވެސް ކުދިންނަށް ލިބޭ ވަރަށް ބޮޑު ފިލާވަޅެކެވެ.

މި އާދައިގެ ކަންކަމުގެ ތެރެއިން ކުދިންނަށް ދަސްވަނީ މީހުންގެ މޫނުމަތީގެ ކުލަވަރުތައް ދެނެގަންނާށެވެ. އިހުސާސްތައް މާނަކުރާށާއި، ތަފާތުތަކާއެކު އެއްބަސްވުންތަކަށް އަންނާށެވެ. އަދި އަމިއްލަ ފުރުސަތު އަންނަންދެން މަޑުކުރުމާއި، މާފަށް އެދުމާއި، މާފުކުރުމާއި، އެހެން މީހުންގެ ވިސްނުންތައް ބަލައިގަތުމަށްވެސް ދަސްވެއެވެ. އެއްވެސް އެލްގޮރިދަމަކަށް މި މުއްސަނދި ތަޖުރިބާތައް ފުރިހަމައަށް ނަކަލެއް ނުކުރެވޭނެއެވެ.

މި ސަބަބަށްޓަކައި، ޑިވައިސްތައް ބޭނުންކުރުމުގައި ވަކި ހުދޫދުތަކެއް ކަނޑައެޅުން މުހިންމެވެ. ކުދިން އެހެން މީހުންނާ ގުޅުން ބަދަހިކުރުމަށާއި، ކުޅުމަށާއި، ވާހަކަދެއްކުމަށް ބޭނުންވާ ވަގުތުތައް ޓެކްނޮލޮޖީގެ ސަބަބުން ގެއްލިގެން ނުދާނެ ގޮތަކަށް ކަންކަން ރޭވުން މުހިއްމެވެ. އާއިލާއެކު ހޭދަކުރާ ވަގުތުތަކުގައާއި، ކާ ވަގުތުތަކުގައި އަދި ނިދުމުގެ ކުރިން ސްކްރީން ބޭނުންކުރުމާ ގުޅޭގޮތުން ސާފު އުސޫލުތަކެއް އާއިލާތަކުން ކަނޑައަޅަން ޖެހެއެވެ. މީގެ ބޭނުމަކީ ކުދިން ޓެކްނޮލޮޖީދެކެ ބިރުގަންނަވައިލުމެއް ނޫނެވެ. ނަމަވެސް ފޫހިވުމުން ނުވަތަ އެކަނިވެރިކަން އިހުސާސްވުމުން، އެކަމުގެ ހައްލަކީ ހަމައެކަނި ޓެކްނޮލޮޖީ ކަމަށް ނުހެދުމެވެ.

ޑިޖިޓަލް ޕޭރެންޓިންގ ނުވަތަ ޓެކްނޮލޮޖީގެ ޒަމާނުގައި ދަރިން ތަރުބިއްޔަތުކުރުމުގައި ސަމާލުކަންދޭންޖެހޭ އަނެއް ކަމަކީ ކުދިން ބަލާ ކޮންޓެންޓެވެ. ކުއްޖާގެ ސިކުނޑި ތަރައްގީވަމުން އަންނައިރު، އޭނާއަށް ފެންނަ މަންޒަރުތަކާއި ވާހަކަތަކުގެ އަސަރު ވަރަށް ބޮޑަށް ކުރެއެވެ. އެހެންކަމުން، ކުދިންގެ އުމުރާ ގުޅޭ ޕްރޮގްރާމްތަކާއި، ފިލްމުތަކާއި، ސޯޝަލް މީޑިއާ ކޮންޓެންޓް ބެލުމަށް މައިންބަފައިން ސަމާލުވާން ޖެހެއެވެ. ހާއްސަކޮށް އަނިޔާވެރިކަމާއި ބިރުވެރި މަންޒަރުތައް ކުދިންނަށް ދެއްކުމަކީ ރަނގަޅު ކަމެއް ނޫނެވެ. މިފަދަ މަންޒަރުތައް ތަކުރާރުކޮށް ފެނުމުން، އެއީ އާދައިގެ ކަމެއްގެ ގޮތުގައި ކުދިންނަށް ގަބޫލުކުރެވި، އެކަންކަމާމެދު ހުންނަންޖެހޭ އިންސާނީ އިހުސާސްތައް ފަނޑުވެގެންދެއެވެ.

ގިނަ އަދަދެއްގެ ކުދިން ވަނީ އަމިއްލަ ދިރިއުޅުމުގެ މުހިންމު ކަންކަމުގައި އޭއައިގެ އެހީތެރިކަން ހޯދާފައި --- ފޮޓޯ: އައިސްޓޮކް

މީގެ މާނައަކީ ދުނިޔޭގައި ހިނގާ ހިތާމަވެރި ކަންކަމާއި އަނިޔާވެރިކަން ކުދިންނަށް މުޅިން ސިއްރުކުރުމެއް ނޫނެވެ. އޭގެ ބަދަލުގައި، އެފަދަ ކަންކަން ކުދިންނަށް އަންގައިދޭންވާނީ އެކުދިންގެ އުމުރާ ގުޅޭ ގޮތަށް، މަޑުމަޑުންނެވެ. އޭރުން އެކަންކަން ފަހުމްވުމުގެ ޖަޒުބާތީ އަދި ސިކުނޑީގެ ގާބިލުކަން އެކުދިންގެ ކިބައިގައި އަށަގަންނާނެއެވެ.

މިކަމުގައި ސްކޫލްތަކުގެ ދައުރުވެސް ވަރަށް ބޮޑެވެ. ތައުލީމަކީ ހަމައެކަނި ފޮތުން ދަސްކުރާ އެއްޗަކަށް ނުވަތަ ޑިޖިޓަލް ހުނަރުތަކަކަށް ވެގެން ނުވާނެއެވެ. ކުދިން ގުޅިގެން މަސައްކަތްކުރުމަށާއި، ބަހުސްކުރުމަށާއި، އެހެން މީހުންނަށް ހިދުމަތްކުރުމަށާއި، އުފެއްދުންތެރި މަސައްކަތްތައް ކުރުމަށް ސްކޫލްތަކުގައި ފުރުސަތު ފަހިކޮށްދޭން ޖެހެއެވެ. އަދި ބައެއް ފަހަރު ނާކާމިޔާބީއާ ކުރިމަތިލާންވެސް ދަސްކޮށްދޭން ޖެހެއެވެ. ޑިޖިޓަލް ލިޓަރަސީއާއެކު ޖަޒުބާތީ ލިޓަރަސީ ދަސްކޮށްދީ، އީޖާދީ ވިސްނުމާއެކު އަހްލާގީ މިންގަނޑުތައްވެސް އުނގަންނައިދޭންޖެހެއެވެ.

އޭއައިގެ ޒަމާނުގައި ބޭނުންވަނީ ޓެކްނޮލޮޖީއަށް ފަރިތަ، ނަމަވެސް އަހްލާގީ ގޮތުން ހަރުދަނާ ކުދިންތަކެކެވެ. މެޝިންތައް މާ ބޮޑަށް ސްމާޓްވެދާނެތީ ބިރުގަތުމުގެ ބަދަލުގައި، އިންސާނުންގެ ކިބައިގައި ހުންނަ އޯގާތެރިކަމާއި ގުޅުންތައް ހީނަރުވެދާނެތީ ކަންބޮޑުވާންޖެހެއެވެ. އެހެންކަމުން، މައިންބަފައިންނާއި މުޖުތަމައުގެ ޒިންމާއަކީ މެޝިންތަކާ ވާދަކުރާނެ ކުދިންތަކެއް ބޮޑުކުރުމެއް ނޫނެވެ. އޭގެ ބަދަލުގައި، މެޝިންތަކަށް ނުވެވޭނެ ފަދަ އިންސާނިއްޔަތުކަން ހުރި ކުދިންތަކެއް ތަރުބިއްޔަތުކުރުމެވެ. އާޓިފިޝަލް އިންޓެލިޖެންސްގެ މި ޒަމާނުގައި ތައުލީމީ ގޮތުން ހާސިލުކުރަން ބޭނުންވާ އެންމެ މުހިންމު ލަނޑުދަނޑިއަކަށް ވާންޖެހެނީ، ކުދިންނަށް އިންސާނުންގެ ގޮތުގައި ދެމިތިބެން ދަސްކޮށްދިނުމެވެ.

comment ކޮމެންޓް