ކުޅުދުއްފުށިން ވައްކަންކުރި މީހަކު އެއް އަހަރަށްވުރެ ދިގު މުއްދަތަށް ޖަލަށް

ކުޅުދުއްފުށި ސިޓީ -- ފޮޓޯ/ އަބޫއިޝް

ހދ. ކުޅުދުއްފުށީގައި ހުރި ގުދަނަކާއި އޮޑިހަރުގެއަކަށް ވަދެ ގިނަ އަދަދެއްގެ ކަރަންޓު ސާމާނާއި ޓޫލްސްތަކެއް ވަގަށް ނަގައި މުދަލަށް ގެއްލުންދިން މައްސަލައެއްގައި އެ ރަށު ވައިޓްހާޑް، މުޙައްމަދު ނަބީލް އަޙްމަދުގެ މައްޗަށް ކުށް ސާބިތުވެ، އެއް އަހަރާއި ދެ މަހަށްވުރެ ދިގު މުއްދަތެއްގެ ޖަލު އަދަބެއް ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުން ޙުކުމްކޮށްފިއެވެ.

މި ހާދިސާ ހިނގާފައި ވަނީ މި އަހަރުގެ ޖުލައި މަހުގެ އަށް ވަނަ ދުވަހެވެ.

ދައުލަތުން ނަބީލުގެ މައްޗަށް ކުރި ދަޢުވާތަކުގައިވާ ގޮތުން، އޭނާ ވަނީ ކުޅުދުއްފުށީ އޮޑިއެހެލާ ސަރަޙައްދުގައި އޮތް "ޑިސްކަވަރީ" ދޯނީގެ އޮޑިހަރުގެއަށާއި "އެތުމާ ހިތްތަލަ" ނަމަކަށް ކިޔާ ގުދަނަކަށް ހުއްދަނެތި ވަދެފައެވެ. އަދި އެ ދެ ތަނުން ގިނަ އަދަދެއްގެ ޑްރިލް، ގްރޭންޑަރު، ޗެއިން ސޯ، ރެންޗް ސެޓުތަކާއި ކަރަންޓު ސާމާނު ވަގަށް ނެގުމުގެ އިތުރުން، ވަގަށް ނެގި ޗެއިން ސޯތަކެއް މޫދަށް އެއްލާލައި ގެއްލުންދީފައިވެއެވެ.

މި މައްސަލައިގައި ދައުލަތުން ނަބީލުގެ މައްޗަށް އުފުލި ވައްކަންކުރުމުގެ ދެ ދަޢުވާއަށާއި، އެނގިހުރެ ހުއްދަ ނޫން ތަނަކަށް ވަނުމުގެ ދެ ދަޢުވާގެ އިތުރުން މުދަލަށް ގެއްލުންދިނުމުގެ ދަޢުވާއަށް އޭނާ ވަނީ ކޯޓުގައި އިޢުތިރާފު ވެފައެވެ.

އިސް މެޖިސްޓްރޭޓް މުޙައްމަދު އިސްމާޢީލް ކުރެއްވި ޙުކުމްތަކުގައި، ވައްކަމުގެ މައި ދަޢުވާއަށް ހަތް މަހާއި 25 ދުވަހުގެ ޖަލު އަދަބެއް ކަނޑައެޅުއްވިއެވެ. މިއީ ތަޙުޤީޤު މަރުޙަލާގައި އޭނާ ބަންދުގައި ހޭދަކުރި 53 ދުވަސް އުނިކުރުމަށްފަހު ތަންފީޒު ކުރަންޖެހޭ އަދަބެވެ.

މީގެއިތުރުން، އެއް ހާދިސާއަކާ ގުޅިގެން ސާބިތުވި އަނެއް ހަތަރު ދަޢުވާއަށް ޤާނޫނުލްޢުޤޫބާތުގެ ދަށުން އަދަބު ކުޑަކުރުމުގެ އުޞޫލުން، ޖުމްލަ ހަ މަހާއި 24 ދުވަހުގެ ޖަލު އަދަބެއް އިތުރަށް އިއްވެވިއެވެ.

ޝަރީޢަތުގެ މަރުޙަލާގައި، ޖަލު އަދަބުގެ ބަދަލުގައި ގޭބަންދުގެ އަދަބަކަށް ބަދަލުކޮށްދިނުމަށް ނަބީލުގެ ފަރާތުން އެދުނު ނަމަވެސް، ކޯޓުން ނިންމެވީ އެއް ހާދިސާއެއްގައި ގިނަ ކުށްތަކެއް ސާބިތުވެފައިވާތީ އަދަބުގެ ބާވަތް ބަދަލުކޮށްދެވެން ނެތް ކަމަށެވެ.

comment ކޮމެންޓް