ވިޔަފާރިވެރިންގެ މިސްކިތުން ލައިޓްތަކެއް ވަގަށް ނަގައިފި

ވިޔަފާރިވެރިންގެ މިސްކިތް: -- ފޮޓޯ/ މާލޭ ސިޓީ ކައުންސިލް

މާލޭގެ މަސްޖިދުލް ސުލްޠާން މުޙައްމަދު ބިން ޢަބްދުﷲ (ވިޔަފާރިވެރިންގެ މިސްކިތް) ގެ ތިރީ ފަންގިފިލާގައި ހަރުކޮށްފައި ހުރި ހަތަރު ލައިޓެއް ވަގަށް ނަގައިފިއެވެ.

މާލެ ސިޓީ ކައުންސިލުން މައުލޫމާތު ދިން ގޮތުގައި، މި މައްސަލަ ފާހަގަކުރެވުމާއެކު އެ ކައުންސިލުން ވަނީ ކަމާބެހޭ ފަރާތްތަކަށް މައްސަލަ ރިޕޯޓްކޮށް، ތަހުގީގު ކުރުމަށް އެދިފައެވެ. އަދި މިސްކިތަށް ނަމާދަށް ދާ ފަރާތްތަކަށް ދަތިނުވާނޭހެން ކައުންސިލުން މިހާރު ވަނީ އަލުން އައު ލައިޓްތައް ގަނެ، އެ ތަނުގައި ހަރުކޮށްފައެވެ.

މިސްކިތްތަކަށް ގެއްލުންދީ، ތަކެތި ވަގަށް ނަގަމުންދާ މައްސަލައާ ގުޅިގެން މާލެ ސިޓީގެ މޭޔަރު އާދަމް ޢާޒިމް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. މޭޔަރު ޢާޒިމް ވިދާޅުވީ މިސްކިތްތަކުން ވައްކަން ކުރުމަކީ ވަރަށް ނާތަހުޖީބު އަމަލެއް ކަމަށެވެ.

މީގެ އިތުރުން، މިފަދަ ނާތަހުޒީބު އަދި ޣައިރު ޤާނޫނީ ޢަމަލުތައް ހިންގާ ފަރާތްތައް އަވަހަށް ހޯދައި، އެ ފަރާތްތަކަށް ޤާނޫނީ ގޮތުން ދޭންޖެހޭ ޙައްޤު އަދަބު ލިބެންޖެހޭނެ ކަމަށް ވެސް މޭޔަރު ވިދާޅުވިއެވެ.

މާލެ ސަރަހައްދުގައި މާލެ ސިޓީ ކައުންސިލުން ބަލަހައްޓަމުންދާ ޖުމްލަ 41 މިސްކިތެއް ހުރެއެވެ. އެހެންނަމަވެސް، މިސްކިތްތަކުން ތަކެތި ވަގަށް ނެގުމާއި ގެއްލުން ދިނުމަކީ ދޭތެރެދޭތެރެއިން ތަކުރާރުވަމުން އަންނަ ބޮޑު މައްސަލައެއް ކަމަށް ކައުންސިލުން ބުނެއެވެ.

މިސްކިތްތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކައުންސިލުން ގިނަގުނަ މަސައްކަތްތަކެއް ކުރަމުންދާއިރު، މިފަދަ ހިތާމަވެރި ހާދިސާތަކުގެ ސަބަބުން މިސްކިތްތަކުން ނަމާދުކުރާ ފަރާތްތަކަށް ދޭ ޚިދުމަތްތަކަށް ބުރޫއަރައެވެ. އަދި މީގެ ސަބަބުން ސިޓީ ކައުންސިލަށް މާލީ ގޮތުންނާއި އިދާރީ ގޮތުން ބޮޑެތި ގެއްލުންތަކާ ދަނީ ކުރިމަތިވަމުންނެވެ.

comment ކޮމެންޓް