ދުނިޔޭގެ ބޮޑެތި ކުންފުނިތަކުން އުފައްދާ ކާބޯތަކެތީގެ މުއްދަތު ހަމަވާ ތާރީޚާއި ނިއުޓްރިޝަން ލޭބަލްތައް ބަދަލުކޮށް، އެހެން ގައުމުތަކަށް އެކްސްޕޯޓުކުރަން ތައްޔާރުކޮށްފައި ހުރި މުމްބާއީގެ ގުދަނެއް އިންޑިއާގެ ކަމާބެހޭ ފަރާތްތަކުން އަތުލައިގަނެފިއެވެ.
މަހާރާޝްޓްރާ ސްޓޭޓުގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން (އެފްޑީއޭ) އިން ހިންގި މި އޮޕަރޭޝަނުގައި، ޕެޕްސީކޯ، ނެސްލޭ، ކޮކާކޯލާ އަދި ޔުނިލީވާ ފަދަ ކުންފުނިތަކުގެ އުފެއްދުންތައް ވަނީ އަތުލައިގަނެފައެވެ.
މުމްބާއީގެ އިންޓަނޭޝަނަލް އެއާޕޯޓާ 25 ކިލޯމީޓަރު ދުރުގައި އޮންނަ ނަވީ މުމްބާއީގައި ހިންގި މި ރޭޑުގައި، 80،000 ޑޮލަރުގެ އަގުހުރި 5،000 އެއްހާ ކާޓަން ވަނީ ހިފަހައްޓާފައެވެ. މީގެ ތެރޭގައި ލޭސް، ކުރުކުރޭ، މެގީ ނޫޑްލްސް، ނޯރ ސޫޕް، ހެލްމަންސް މެޔޮނައިސް އަދި ތަމްސް އަޕް ފަދަ އާންމުކޮށް ބޭނުންކުރާ ބާވަތްތައް ހިމެނެއެވެ. ފުލުހުންގެ ރިޕޯޓުތަކާ ހަވާލާދީ މީޑިއާތަކުން ބުނާ ގޮތުގައި، މި ތަކެއްޗަކީ މުއްދަތު ހަމަވެފައިވާ ނުވަތަ މުއްދަތު ހަމަވާން ކައިރިވެފައިވާ ތަކެއްޗެވެ.

މި ގުދަނުގައި ކެމިކަލް ބޭނުންކޮށްގެން އުފެއްދުންތަކުގެ އަސްލު ތާރީޚުތައް ފޮހެލުމަށްފަހު، ކޮމްޕިއުޓަރާއި މެޝިނަރީ ބޭނުންކޮށްގެން އާ ތާރީޚުތަކެއް ވަނީ ޖަހާފައެވެ. އެގޮތުން، ބައެއް ޕެކެޓުތަކުގައި 2 އޮކްޓޯބަރު 2026 ގެ ތާރީޚު ޖަހާފައިވާކަން އެފްޑީއޭގެ އޮފިޝަލުންނަށް ވަނީ ފާހަގަކުރެވިފައެވެ. މީގެ އިތުރުން، ބޭރު ގައުމުތަކުގެ ގަވާއިދުތަކަށް ފެއްތުމުގެ ގޮތުން، އިނގިރޭސި އަދި ފަރަންސޭސި ބަހުން ލިޔެފައިވާ ފޭކް ނިއުޓްރިޝަން ލޭބަލްތައް ވެސް ވަނީ ތަތްކޮށްފައެވެ. މި ލޭބަލްތަކުގައި ކެލޮރީޒްގެ އަދަދު ބަދަލުކޮށް، ގޮވާމުގެ ބާވަތްތައް ހިމެނޭ މިންވަރު 10 އިންސައްތަ ދަށްކޮށްފައިވެއެވެ. އަދި މެގީ ކާޓަންތަކެއްގައި “ޕްރޮޑަކްޓް އޮފް އިންޑިއާ” ޖަހާފައިވާ ފޭކް ލޭބަލްތަކެއް ވެސް ވަނީ ފެނިފައެވެ.
މަހާރާޝްޓްރާ އެފްޑީއޭގެ ވެރިޔާ ތުކާރާމް މުންދޭ ވިދާޅުވި ގޮތުގައި، މިއީ ވަރަށް ރޭވިގެން ހިންގާފައިވާ ބޮޑު ޖަރީމާއެކެވެ. މި ގުދަނަކީ “ސާދްނާ އެންޓަޕްރައިސަސް” ނަމަކަށް ކިޔާ އަމިއްލަ ކުންފުންޏަކުން ހިންގާ ތަނެއް ކަމަށާއި، މި މަސައްކަތް ކޮށްފައިވަނީ އެކްސްޕޯޓުކުރާ 19 ކުންފުންޏެއްގެ ނަމުގައި ކަމަށް އެ ގުދަނުގެ ވެރިފަރާތުން ބުނެފައިވާ ކަމަށް ފުލުހުންގެ ލިޔެކިޔުންތަކުގައިވެއެވެ.
މި މައްސަލައިގައި ދުނިޔޭގެ ބޮޑެތި ބްރޭންޑުތަކުގެ މައްޗަށް އެއްވެސް ތުހުމަތެއް ކޮށްފައެއް ނުވެއެވެ. ނަމަވެސް، ކުންފުނިތަކުގެ ސަޕްލައި ޗެއިންގެ ކަންކަން މިހާރަށްވުރެ ހަރުދަނާކޮށް، ގަވާއިދުތަކާ އެއްގޮތަށް ޕެކޭޖިން އަދި ވިއްކުމުގެ ކަންކަން ކުރިއަށްދާކަން ކަށަވަރުކުރުމަށް މުންދޭ ވަނީ ގޮވާލައްވާފައެވެ. މި މައްސަލައިގައި މިހާތަނަށް މީހަކު ހައްޔަރުކުރިކަން ނުވަތަ ނޫންކަން ކަމާބެހޭ ފަރާތްތަކުން އަދި ހާމަކޮށްފައެއް ނުވެއެވެ.