މިހާރަށްވުރެ އިންސާފުވެރި އަމާން ދުނިޔެއަކަށް ޓަކައި ޝަންހާއި ޖަމާއަތުގެ ސަމިޓް ކިރްގިސްތާނުގައި ފަށައިފި

ބިޝްކިކް (1 ސެޕްޓެމްބަރު 2026) : އޭޝިއާގެ އަމަނާބެހޭ ސަރަހައްދީ ޖަމާއަތް ކަމަށްވާ "ޝެންހާއި ކޯޕަރޭޝަން އޮގަނައިޒޭޝަން" ގެ އިސްވެރިންގެ ސަމިޓް ބައްދަލުވުމެއް ކިރްގިސްތާނުގެ ވެރިރަށް ބިޝްކިކްގައި މިއަދު ފަށައިފިއެވެ.

މި ސަމިޓްގެ އެޖެންޑާގައި ހިމެނޭ މައިގަނޑު ކަންކަމަކީ މިޖަމާއަތުގެ ގައުމުތަކުގެ އަމަނާއި ސަލާމަތަށް ނުރައްކާވެފައިވާ ޓެރަރިޒަމާއި އެނޫންވެސް އަމަލުތައް ހުއްޓުވުމާބެހޭގޮތުން މަޝްވަރާކުރުމާއި ދުނިޔޭގައި މިހާރު މިއޮތް އެއްބާރު ނުވަތަ ދެބާރުގެ މައްޗަށް ބިނާވެފައިވާ ނިޒާމުގެ ބަދަލުގައި ގިނަ ބާރުތަކެއްގެ މައްޗަށް ބިނާވެފައިވާ އިންސާފުވެރި ބައިނަލްއަގްވާމީ ނިޒާމެއް ގާއިމް ކުރުމެވެ. އެއާއެކު ޔުކްރެއިން ހަނގުރާމައާއި އީރާންއާ ދެކޮޅަށް އެމެރިކާ ފަށާފައިވާ ހަނގުރާމައާ ގުޅިގެން ސަރަހައްދީ އަމަނަށް ކުރިމަތިވެފައިވާ މައްސަލަތަކާބެހޭގޮތުން މަޝްވަރާ ކުރުމެވެ.

މިޖަމާއަތުގައި ހިމެނޭ 10 ގައުމުގެ އިސްވެރިން މި ސަމިޓްގައި ބައިވެރިވެ ވަޑައިގަންނަވައެވެ. މީގެތެރޭގައި ޗައިނާއާއި ރަޝިއާ، އިންޑިއާއާއި އީރާންފަދަ ގައުމުތަކުގެ އިސްވެރިން ހިމެނިވަޑައިގަންނަވައެވެ. މި ޖަމާއަތުގައި ހިމެނޭ 10 ގައުމުގެ އިތުރުން މިޖަމާއަތާ އަވަށްޓެރި ގައުމުތަކާއި މިޖަމާއަތާ ގުޅުންބޮޑު އަދި ސަރަހައްދީ ގޮތުން ބާރުގަދަ ގައުމުތައްވެސް އޮބްޒާވަރުންގެ ގޮތުގައި މި ސަމިޓްގައި ބައިވެރިވެ ވަޑައިގަންނަވައެވެ. މިގޮތުން 21 ގައުމެއް މިސަމިޓްގައި ބައިވެރިވެއެވެ.

ސަމިޓްގެ އަރިމަތީގައި ރަޝިއާއާއި ޗައިނާގެ ރައީސުންވަނީ ބައްދަލުކުރައްވާފައެވެ. ޕޫޓިންއާއި ޝީ ގެ ބައްދަލުކުރެއްވުމުގައި އެދެބޭފުޅުންވަނީ ގިނަ ބާރުތަކެއްގެ މައްޗަށް ބިނާވެފައިވާ އިންސާފުވެރި ބައިނަލްއަގްވާމީ ނިޒާމެއް ގާއިމް ކުރުމަށް ކުރެވޭނެކަންކަމާ ބެހޭގޮތުން މަޝްވަރާ ކުރައްވައިފައެވެ.

ރަޝިއާ، ޗައިނާ އަދި އީރާނުގެ އިސްވެރިން

ސަމިޓްގެ އަރިމަތީގައި އިންޑިއާގެ ބޮޑުވަޒީރު ނަރަންދުރަ މޯދީ ވަނީ ރަޝިއާގެ ރައީސް ޕޫޓިންއާ ބައްދަލުކުރައްވައިފައެވެ. އީރާނުގެ ރައީސް ޑރ. މަސްއޫދު ޕަޒެޝްކިއާންވެސް ސަމިޓްގެ އަރިމަތީގައި ގިނަ ގައުމުތަކެއްގެ އިސްވެރިންނާ ބައްދަލުކުރައްވާނެކަމަށް އީރާނުގެ ރަސްމީ މީޑިއާ ބުނެއެވެ. މީގެތެރޭގައި ޗައިނާގެ ރައީސް ޝީ އާއި ރަޝިއާގެ ރައީސް ޕޫޓިން އަދި އިންޑިއާގެ ބޮޑުވަޒީރު މޯދީ އާއި ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހެބާޒް ޝަރީފު ހިމެނިވަޑައިގަންނަވާނެ ކަމަށް އީރާނުގެ ރަސްމީ މީޑިއާ ބުނެއެވެ.

އީރާނުގެ ރައީސާއި ރަޝިއާގެ ރައީސް ގެ މަޝްވަރާތައް ބިނާކުރައްވާނީ އެދެގައުމުގެ މެދުގައި އަސްކަރީ ގުޅުންތަކާއި އިގްތިސާދީ ގުޅުންތައް އިތުރަށް ވަރުގަދަ ކުރުމާބެހޭގޮތުން ކަމަށް ރަޝިއާގެ އާރުޓީ ބުނެއެވެ. އީރާނުގެ ރައީސާއި ޗައިނާގެ ރައީސް ގެ މަޝްވަރާތައް ބިނާކުރައްވާނީ އިގްތިސާދާއި ވިޔަފާރީގެ ދާއިރާގައި ދެގައުމުގެ ގުޅުންތައް އިތުރަށް ބަދަހިކުރުމާއި ޗައިނާގެ ޓެކްނޮލޮޖީ އީރާނަށް ލިބޭނެ ދާއިރާތައް އިތުރުކުރުމާއި ހުރުމުޒު ކަނޑުއޮޅީގެ މައްސަލައާ ބެހޭގޮތުން ކަމަށް އީރާނުގެ ވަފްދުގެ ބޭފުޅުންނާ ހަވާލާދީ ރިޕޯޓްތައް ބުނެއެވެ.

މިސަމިޓް މި ބާއްވަނީ އީރާން އިނދަޖައްސާލުމަށްޓަކައި އެގައުމާ ދެކޮޅަށް އެމެރިކާ އިގްތިސާދީ ބޮޑު ހަނގުރާމައެއް ފަށާފައިވަނިކޮށެވެ. އީރާން ވަނީ އެމެރިކާއަކީ ޓެރަރިސްޓް ގައުމެއްކަމަށް ލޭބަލްކޮށް އެމެރިކާގެ ހިސާރުގެ ފިޔަވަޅުތަކަކީ އިގްތިސާދީ ޓެރަރިޒަމްކަމަށް ސިފަކޮށްފައެވެ.

ޗައިނާއާއި ރަޝިއާ ވަނީ އީރާންއާ ދެކޮޅަށް އެމެރިކާ އިއުލާންކޮށްފައިވާ އިގްތިސާދީ ހަނގުރާމައަށް އެއްބާރުލުން ނުދޭނެކަން ފާޅުގައި ހާމަކޮށްފައެވެ. އީރާންގެ ޚާރިޖިއްޔާ ބުނާގޮތުން އީރާނުގެ ރައީސް މިސަމިޓްގައި މައިގަނޑު ގޮތެއްގައި މަސައްކަތް ކުރައްވާނީ އެމެރިކާގެ އިގްތިސާދީ ހަނގުރާމަ ފެއިލްކޮށްލުމަށްޓަކައި ޗައިނާއާއި އިންޑިއާ އަދި ރަޝިއާގެ އިތުރުން ޝެންގްހާއި ކޯޕަރޭޝަން ޖަމާއަތުގެ ހުރިހާ ގައުމެއްގެ އެހީތެރިކަން ހޯދުމަށެވެ. އެމެރިކާގެ ފިޔަވަޅުތަކަށް އިންޑިއާވެސް މާބޮޑަށް ބޯލަނބާނެކަމަށް ނުބެލެވޭކަމަށް މުހައްލިލުން ވިދާޅުވެއެވެ.

comment ކޮމެންޓް