ޔުނިވާސަލް ފައުންޑޭޝަންގެ ފަރާތުން ސްކޮލާޝިޕްގައި ކިޔަވަމުންދާ ދަރިވަރުންނަށް ދޭ ސްޓައިޕެންޑް ފައިސާ ދެން ދޫކުރާނީ ދިވެހި ރުފިޔާއިން ކަމަށް އެ ފައުންޑޭޝަނުން ދަރިވަރުންނަށް އަންގައިފިއެވެ.
އެ ކުންފުނިން ދަރިވަރުންނަށް ފޮނުވި މެމޯއެއްގައި ބުނެފައިވަނީ ރާއްޖޭގައި އަމަލުކުރެވެމުންދާ ބޭރު ފައިސާގެ ގަވާއިދުތަކާ އެއްގޮތަށް، ޔުނިވާސަލް ފައުންޑޭޝަނުން ދެމުންދާ ސްކޮލާޝިޕްގެ ފައިސާ ދެއްކުން ޑޮލަރުން ދިވެހި ރުފިޔާއަށް ބަދަލުކޮށްފައިވާ ކަމަށެވެ.
އެ ބަދަލާއެކު ސްކޮލާޝިޕް ސްޓައިޕެންޑް ދެއްކޭނީ ރާއްޖޭގެ ބޭންކު އެކައުންޓްތަކަށް ދިވެހި ރުފިޔާއިން ކަމަށްވާތީ، ދަރިވަރުންގެ ރުފިޔާ އެކައުންޓުތަކުގެ ތަފްސީލު ހިއްސާކުރުމަށް ވަނީ އެދިފައެވެ.
ޔުނިވާސަލް ފައުންޑޭޝަނުން ޔުނިވާސަލް ސްކޮލާޝިޕްގައި ކިޔަވާ ދަރިވަރުންނަށް ސްޓައިޕެންޑް ދެން ދޫކުރާނީ ރުފިޔާއިން ކަން އެންގުމަށް ނެރުނު މެމޯ...... ދަރިވަރުން ޔުނިވާސިޓީތަކަށް ދައްކަން ޖެހޭ ފީގެ މައުލޫމާތު ހިއްސާކުރަމުން އެ ކުންފުނިން ބުނީ، އެ ފީ ފައިސާ ދައްކާ އިންވޮއިސްގައިވާ ފައިސާއިން ނުވަތަ ޑޮލަރުން ދެއްކިދާނެ ކަމަށެވެ.
ނަމަވެސް، އިންވޮއިސް ފޮނުވާ ބޭންކުން ރުފިޔާއިން ޓީޓީ ހެދުމުގެ ހުއްދަދޭނަމަ، ފައުންޑޭޝަނުން ފައިސާ ދައްކާނީ ކަނޑައެޅިފައިވާ އެކްސްޗޭންޖް ރޭޓާއި ބޭންކިންގް ގަވާއިދުތަކަށް ބަލައި ދިވެހި ރުފިޔާއިން ކަމަށް ވެސް ޔުނިވާސަލުން ބުންޏެވެ. އަދި މިކަމާ ގުޅޭ އިތުރު މައުލޫމާތު ބޭނުންވާނަމަ އީމެއިލް ކުރުމަށް ވެސް އެދިފައިވެއެވެ.
ރާއްޖޭގެ ޓޫރިޒަމް ދާއިރާގައި ފާހަގަ ކޮށްލެވޭ އެންމެ ބޮޑު އެއް ކުންފުނި ކަމަށްވާ ޔުނިވާސަލުން މި ބަދަލު ގެނައުމަށް ނިންމީ އަލަށް އަމަލުކުރަން ފެށި ގަވާއިދުތަކަށް ފުރިހަމައަށް އަމަލުކުރުމުގެ ގޮތުންނެވެ.
ބޭރު ފައިސާ އިން އާމްދަނީ ލިބޭ ވިޔަފާރިތަކުގެ ތެރެއިން ބޭރު ފައިސާ މާރުކުރަން ޖެހޭ ވިޔަފާރިތަކުގެ ކެޓަގަރީ މަތިކުރަން ސަރުކާރުގެ ފަރާތުުން ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދު ހުށަހަޅުއްވައި، ފުނަދޫ ދާއިރާގެ މެމްބަރު މުހައްމަދު މަމްދޫހު ހުށަހެޅުއްވި އިސްލާހާއެކު ފާސްކުރި ބިލުގައިވާ ގޮތުން، އޭ ކެޓަގަރީގެ ވިޔަފާރިތަކަށް މަހަކު ލިބޭ ބޭރު ފައިސާގެ 40 ޕަސެންޓް ރާއްޖޭގެ ބޭންކަަކަށް މާރުކުރަން ޖެހެއެވެ.
ރިސޯޓުތަކަށް ބޭރު ފައިސާއިން ލިބޭ އާމްދަނީގެ 40 ޕަސެންޓު ބޭންކުތަކަށް ކޮންމެ މަހަކު މާރުކުރަންޖެހޭ ގޮތަށް ބޭރު ފައިސާއާ ބެހޭ ގާނޫނަށް ގެނައި މި އިސްލާހުގެ ބިލު ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެ ވަނީ ތަސްދީގުކުރައްވާފައެވެ.