ބޮލީވުޑްގެ މަގުބޫލު ކޮމެޑީ ސީކުއަލްތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ފިލްމު ކަމަށްވާ "ދަމާލް"ގެ ހަތަރު ވަނަ ފިލްމު ނެޓްފްލިކްސްގައި ސްޓްރީމްކުރަން ނިންމިކަން ފިލްމުގެ އުފެއްދުންތެރިން އިއުލާނުކޮށްފިއެވެ.
ފިލްމީ ތަރިން ކަމަށްވާ އަޖޭ ދޭވްގަން، ރިތޭޝް ދޭޝްމުކް، އަރުޝަދު ވާރްސީ، ޖާވިދު ޖެފްރީ، ރަވީ ކިޝަން، ސަންޖޭ މިޝްރާ، އުޕެންދްރާ ލިމާޔޭ، އީޝާ ގުޕްތާ، ސަންޖީދާ ޝެއިޚް އަދި އަންޖަލީ އާނަންދު މުހިއްމު ރޯލްތައް ކުޅެފައިވާ މި ފިލްމަކީ، ބެލުންތެރިންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދި ސީކުއަލް "ދަމާލް"ގެ ދަށުން އުފެއްދި ހަތަރު ވަނަ ފިލްމެވެ.
މި ފިލްމުގެ ވާހަކަ ބިނާކޮށްފައި ވަނީ ތިން ރަހުމަތްތެރިން، ފޮރުވިފައިވާ ހަޒާނާއެއް ހޯދުމަށް ކުރަމުންދާ މަސައްކަތްތަކާއި، އެ ދަތުރުގައި އެމީހުންނަށް ދިމާވާ ހެއްވާ މަޖާ ހާދިސާތަކުގެ މައްޗަށެވެ.

ފިލްމު "ދަމާލް"ގެ މަންޒަރެއްގައި އަޖޭ ދޭވްގަން އަދި ސަންޖޭ މިޝްރާ--ފޮޓޯ/ބޮލީވުޑްހަންގާމާ
މި އަންނަ ހަފުތާގެ އަންގާރަ ދުވަހު "ދަމާލް 4" ނެޓްފްލިކްސް މެދުވެރިކޮށް ސްޓްރީމިންގްއަށް ދޫކޮށްލާނެކަން އިއުލާނުކޮށްފައިވާއިރު މި ފިލްމު އަށް ހަފުތާ ވަންދެން ތިއޭޓަރު ތަކުގައި ވަނީ ދައްކާފައެވެ.
މިދިޔަ ޖުލައި މަހުގެ 10 ވަނަ ދުވަހު ސިނަމާތަކުގައި ރިލީޒްކުރި މި ފިލްމަކީ، ޖުމްލަ 200 ކްރޯޑު ރުޕީސްގެ ބަޖެޓަކުން އުފައްދާފައިވާ ފިލްމެކެވެ. ސިނަމާތަކުން ފިލްމު ނެގިއިރު ބޮކްސް އޮފީހުގައި ފިލްމަށް ލިބުނު އާމްދަނީގެ އަދަދު 224.57އަށް އަރައެވެ.
އިންދަރު ކުމާރު ޑައިރެކްޓްކޮށް އަޖޭ ދޭވްގަން، ބުޝަން ކުމާރު އަދި ކްރިޝްނަން ކުމާރު ޕްރޮޑިއުސަރުންގެ ޓީމުގައި ހިމެނޭ މި ފިލްމު ގެނެސްދިނީ އަމަރު މޮހައިލް، ޓީ-ސީރީސް ފިލްމްސް، ދޭވްގަން ފިލްމްސް އަދި ޕަނޯރާމާ ސްޓޫޑިއޯއިންނެވެ.