އިންޑިއާގެ ކުޅަދާނަ ފިލްމު ޑައިރެކްޓަރު މޭގްނާ ގުލްޒާރުގެ އާ ފިލްމު "ދާއިރާ"ގެ ޓްރެއިލާ ދައްކާލައިފިއެވެ.
މި މަހުގެ 18 ވަނަ ދުވަހު ސިނަމާތަކަށް ގެންނަން ތާވަލުކޮށްފައި އޮތް ފިލްމު "ދާއިރާ"ގެ ލީޑް ތަރިންނަކީ ބޮލީވުޑްގެ މަގުބޫލު ބަތަލާ ކަރީނާ ކަޕޫރު ޚާން އަދި ދެކުނު އިންޑިއާގެ މަޝްހޫރު އެކްޓަރު ޕްރިތުވީރާޖް ސުކުމަރަންއެވެ.
އިންވެސްޓިގޭޓިވް ކްރައިމް ތްރިލާއެއް ކަމަށްވާ "ދާއިރާ"އިން ދެ ތަރިން ވެސް ބެލުންތެރިންނާ ބައްދަލުކުރާނީ ޒިންމާދާރު ދެ ފުލުސް އޮފިސަރުންގެ ގޮތުގައެވެ.
އާންމުކުރި ފިލްމުގެ ޓްރެއިލާއިން ދައްކުވައިދެނީ ސަސްޕެންސުން ފުރިގެންވާ، އަސަރުގަދަ މާހައުލެކެވެ. ފިލްމުގެ މައިގަނޑު ވާހަކަ ބިނާވެފައިވަނީ މުޖުތަމައުގައި ހިނގާ ނުރައްކާތެރި ކުށުގެ ހާދިސާއަކާއި، އެކަމާ ގުޅިގެން ގާނޫނީ ދާއިރާ އާއި މީޑިއާގެ ތެރޭގައި އުފެދޭ ހައްސާސީ މައްސަލަތަކުގެ މައްޗަށެވެ.
ޓްރެއިލާއިން ކަރީނާ އަދި ޕްރިތްވީރާޖްގެ ވަރުގަދަ އެކްޓިންއާއި، ދެ ތަރިންގެ މެދުގައި އޮތް ވަރުގަދަ ކެމިސްޓްރީ ވަރަށް ފުރިހަމައަށް ދައްކުވައިދޭ ކަމަށް ގިނަބަޔަކު ވަނީ ބުނެފައެވެ.

ފިލްމު "ދާއިރާ"ގެ ޕޯސްޓަރެއް--ފޮޓޯ/އިންޑިއާޓުޑޭ
މަގުބޫލު ފިލްމުތައް ކަމަށްވާ "ތަލްވާރު" އާއި "ރާޒީ" ފަދަ ކާމިޔާބު ތްރިލާ ފިލްމުތައް ގެނެސްދިން މެގްނާ ގުލްޒާރު ބުނީ، "ދާއިރާ" އަކީ ވަކި އެކަކަށް ނުވަތަ ވަކި ހާއްސަ މައްސަލައަކަށް ބިނާކޮށްފައިވާ ފިލްމެއް ނޫން ކަމަށެވެ. އޭގެ ބަދަލުގައި މިއީ އިންޑިއާގެ ތަފާތު ސަރަހައްދުތަކުގައި ހިނގާފައިވާ ހަގީގީ ހާދިސާތަކެއް އެއްކޮށްލައިގެން އުފައްދާފައިވާ "ކްރައިމް ޕްރޮސީޖަރަލް" އަދި "އިންވެސްޓިގޭޓިވް ތްރިލާ"އެއް ކަމަށް އޭނާ ވަނީ ބުނެފައެވެ.
މި ފިލްމަކީ ކަރީނާ ޑައިރެކްޓަރު މެގްނާ ގުލްޒާރުއާ އެކު މަސައްކަތްކުރާ ފުރަތަމަ ފިލްމުވެސްމެއެވެ. ކަރީނާ އެންމެފަހުން ބެލުންތެރިންނަށް ފެނިފައިވަނީ މީގެ ދެ އަހަރުކުރިން ރިލީޒްކުރި ޑައިރެކްޓަރު ރޯހިތު ޝެޓީގެ މަގުބޫލު ފްރެންޗައިސް "ސިންގްހަމް"ގެ ފަހު ފިލްމު "ސިންގްހަމް އަގެއިން"އިންނެވެ.