މެރިޓައިމް ތައުލީމު ތަރައްގީކުރަން ލަންކާގެ ކެމްޕަހަކާއެކު، އެމްއެންޔޫއިން އެއްބަސްވުމަކަށް

ލަންކާގެ ސިނެކް ކެމްޕަހާއެކު، އެއްބަސްވުމުގައި ސޮއިކުރައްވަނީ --- ސަން ފޮޓޯ/ މުހައްމަދު ޝާތިއު އަބްދުﷲ

މެރިޓައިމް ތައުލީމު ތަރައްގީ ކުރުމަށް ލަންކާގެ ސިނެކް ކެމްޕަހާއެކު، ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ)އިން މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

އެމްއެންޔޫގައި އޮތް ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި އެ ޔުނިވާސިޓީގެ ފަރާތުން ސޮއިކުރެއްވީ ވައިސް ޗާންސެލަރު ޑރ. ޢައިޝަތު ޝެހެނާޒެވެ. ސިނެކް ކެމްޕަސްގެ ފަރާތުން ސޮއިކުރެއްވީ، ޑރ. ސުޖީވާ ޕޮލްގަމްޕަލާއެވެ.

އެމްއެންޔޫގެ ފެކަލްޓީ އޮފް މެރިޓައިމް ސްޓަޑީސްގެ ޑީން, ކެޕްޓަން މުޙައްމަދު ޒައިދު 'ސަން'އަށް ވިދާޅުވީ، މި އެއްބަސްވުމުގެ މަގުސަދަކީ ދެ ފަރާތުގެ މެރިޓައިމްގެ ތައުލީމު ތަރައްގީކުރުން ކަމަށެވެ.

ލަންކާގެ ސިނެކް ކެމްޕަހާއެކު، އެއްބަސްވުމުގައި ސޮއިކުރައްވަނީ --- ސަން ފޮޓޯ/ މުހައްމަދު ޝާތިއު އަބްދުﷲ

މިގޮތުން، މެރިޓައިމް ދާއިރާގެ ތައުލީމީ މުގައްރަރަށް މި ދުވަސްވަރު ބަދަލު އަންނަމުންދާ ކަން ފާހަގަކުރައްވައި ޒައިދު ވިދާޅުވީ، މި ދާއިރާއަށް ވެސް ޒަމާނީ ބަދަލުތައް އަންނަމުންދާ ކަމަށެވެ.

"މި ކަންތައްތައް މިހެން ހުރީމައި އޭގެ މާނައަކީ، އަޅުގަނޑުމެން ކިޔަވާދޭ (މެރިޓައިމް) މުގައްރަރަށް ވެސް ބަދަލުތައް އަންނަން އެބަ ޖެހެޔޭ. މިއީ ރާއްޖެއަށް ވެސް ފައިދާކުރާނެ ދާއިރާއެއް," އޭނާ އިތުރަށް ތަފުސީލުކޮށްދެއްވިއެވެ.

އޭނާ ކިޔައިދެއްވި ގޮތުގައި، މި އެއްބަސްވުމުގެ ދަށުން މެރިޓައިމް ދާއިރާގެ މީހުން ބިނާކުރުމާއި ދާއިރާގެ ރިސާޗުތައް ފުޅާކުރުމަށް ދެ ފަރާތުން އެކުގައި މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

އެމްއެންޔޫގެ ފެކަލްޓީ އޮފް މެރިޓައިމް ސްޓަޑީސްގެ ޑީން ކެޕްޓަން މުޙައްމަދު ޒައިދު ވާހަކަދައްކަވަނީ --- ސަން ފޮޓޯ/ މުޙައްމަދު ޝާތިއު އަބްދުﷲ

މީގެއިތުރުން، ލަންކާއާއި ރާއްޖެއާ ދެމެދު އޮންނަ ބަދަހި ގުޅުން ފަދައިން ދެ ފަރާތުގެ ދެމެދުގައި ބަދަހި ގުޅުމެއް ގާއިމުވާނެ ކަމަށް އުއްމީދުކުރައްވާކަން އޭނާ ފާހަގަކުރެއްވިއެވެ.

އެމްއެންޔޫއާއެކު ސޮއިކުރި ސިނެކް ކެމްޕަހަކީ، ލަންކާގައި ހިންގާ އެންމެ ބޮޑު، އަދި ޕްރައިވެޓް މެރިޓައިމް ފެކަލްޓީއެވެ. ޒަމާނީ ލެބްތަކާއި ގިނަ ވަސީލަތްތައް ހުންނަ އެ ކެމްޕަހަކީ، ލަންކާގައި އެންމެ މަޝްހޫރު އެއް ފެކަލްޓީއެވެ.

comment ކޮމެންޓް