ރާއްޖެ އައިއިރު ފޮށީގައި ކެނަބިސް ރައްކާކޮށްފައި ހުއްޓައި ފެނުމުން ބުނީ، ބޭހާ އެކުވެފައި ހުރީ ކަމަށް

މީގެ ކުރިން ރާއްޖެ އެތެރެކުރަން އުޅުނު ކެނަބިސް: ރާއްޖެ އެތެރެކުރަން އުޅުނު ކެނަބިހަކީ އޭނާ އާންމުކޮށް ބޭނުންކުރާ ބޭހެއް ކަމަށް އިންޑިއާ މީހަކު ވަނީ ބުނެފައި --

މިދިޔަ ހޮނިހިރު ދުވަހު އިންޑިއާ މީހަކު ރާއްޖެ އައިއިރު ގެނައި ފޮށީގައި ކެނަބިސް ރައްކާކޮށްފައި ހުއްޓައި ކަސްޓަމްސްއިން ހޯދުމުން، އޭނާ ގެންގުޅޭ ބޭހާއި މަސްތުވާތަކެތި އެކުވެފައި ހުރުމަކީ އެކަށީގެންވާ ކަމެއް ކަމަށް ކޯޓުގައި އިއްޔެ ބުނެފިއެވެ.

ދެ ކިލޯގެ ކެނަބިހާއެކު އިންޑިއާއަށް ނިސްބަތްވާ އުމުރުން 39 އަހަރުގެ ފިރިހެނަކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހިފެހެއްޓީ މިދިޔަ ހޮނިހިރު ދުވަހެވެ.

ކަސްޓަމްސްއިން މިއަދު ބުނީ އެ ތަކެތި އަތުލައިގަތީ, އެ މީހާގެ ފޮށީގައި މަސްތުވާތަކެތި ރައްކާކޮށްގެން ގެނެސްފައިވާ ކަމަށް ޝައްކުކުރެވިގެން އޭނާގެ ފޮށި ފާސްކުރުމުގެ ތެރޭ ކަމަށެވެ.

އެ މީހާގެ ބަންދުގެ މުއްދަތު ޖެހުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އޭނާ ބުނީ، ފޮށިން ފެނުނު ކެނަބިހަކީ އާންމުކޮށް ބޭނުންކުރާ ބޭހެއް ކަމަށާއި، އޭނާ މަސްތުވާތަކެއްޗަށް ފައްސިވީ ބެންގަލޫރުގައި އެ ތަކެތި ބޭނުންކުރުމުގެ ސަބަބުން ކަމަށެވެ. އޭނާ ބޭނުންކުރާ ބޭހާއި ކެނަބިސް އެކުވެފައި ހުރެދާނެ ކަމަށް ވެސް ކޯޓުގައި އޭނާ ބުންޏެވެ.

ކޯޓު އަމުރުގައިވާ ގޮތުން އޭނާގެ ބަންދަށް ވަނީ 15 ދުވަސް ޖަހައިފައެވެ.

ފާހަގަކުރެވޭ ގޮތުގައި ކެނަބިހަކީ މި ފަހަކަށް އައިސް ރާއްޖެއަށް އެތެރެކުރާ މިންވަރު އިތުރުވެފައިވާ ބާވަތެކެވެ. އަދި ބިދޭސީން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމުގެ މައްސަލަތައް ވެސް ފަހަކަށް އައިސް ވަނީ އިތުރުވެފައެވެ.

މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމަށް ޓަކައި ކަސްޓަމްސްއިން އަންނަނީ ބޯޑަރު ބެލެހެއްޓުމުގެ ފިޔަވަޅުތައް ވަރަށް ބޮޑަށް ވަރުގަދަކުރަމުންނެވެ. އެގޮތުން، ވައިގެ މަގުންނާއި ކަނޑުމަގުން އަންނަ އުޅަނދުފަހަރާއި މުދާ ބަލައިފާސްކުރުމުގެ މަސައްކަތް ޒަމާނީ ވަސީލަތްތަކުގެ އެހީގައި ފުޅާކޮށްފައިވެއެވެ.

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމާއި އޭގެ ބޭނުންކޮށް ވިޔަފާރިކުރުން ވަރަށް ބޮޑަށް އިތުރުވެފައިވާއިރު، ކަމާ ބެހޭ އިދާރާތަކުން ގުޅިގެން އަންނަނީ މިކަން ހުއްޓުވުމަށް ގިނަ އޮޕަރޭޝަންތައް ވެސް ހިންގަމުންނެވެ.

comment ކޮމެންޓް