ރާއްޖޭގެ ކަނޑުން ތެލާއި މައުދަނު ނެގުމާ ގުޅޭ ގާނޫނީ އޮނިގަނޑެއް އެކުލަވައިލަނީ

ވަޒީރުންގެ މަޖިލީހުގެ އިއްޔެގެ ބައްދަލުވުމުގެ ތެރެއިން: ރާއްޖޭގެ ކަނޑުން ތެޔޮ ނަގަން ޚާއްސަ އޮނިގަނޑެއް އެކުލަވައިލަން ނިންމީ އިއްޔެ --- ފޮޓޯ: ރައީސް އޮފީސް

ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައިވާ ތެލާއި މައުދަނާއި ގުދުރަތީ ވަސީލަތްތައް ނެގުމާ ގުޅޭ ގާނޫނީ އޮނިގަނޑެއް އެކުލަވައިލަން ވަޒީރުންގެ މަޖިލީހުން ނިންމައިފިއެވެ.

ރައީސް އޮފީހުން ބުނީ، ވަޒީރުންގެ މަޖިލީހުން އިއްޔެ ބޭއްވި ބައްދަލުވުމުގައި އެ ހުށަހެޅުން ހުށަހަޅުއްވައިފައިވަނީ ފިޝަރީޒް މިނިސްޓަރު އަޙްމަދު ޝިޔާމް ކަމަށެވެ.

އެގޮތުން ރާއްޖޭގެ ސަރަޙައްދުން ދިރުންނެތް ވަސީލަތްތައް ހޯދައި ނެގުމާއި އެކަމާ ގުޅޭ ހަރަކާތްތައް ކުރިއަށް ގެންދިއުމަށްޓަކައި ފިޝަރީޒް މިނިސްޓްރީއާއި ކަމާގުޅުންހުރި އިދާރާތަކުން ފުރިހަމަކުރަންޖެހޭ ކަންކަން ފެށުމަށް ވަޒީރުންގެ މަޖިލީހުން ނިންމައިފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

އެފަދަ ވަސީލަތްތައް ހޯދައި އެ ތަކެތި ނެގުމަށް ހުއްދަ ދިނުމާއި، ނަގާ ވަސީލަތްތަކުގެ މިލްކުވެރިކަން ކަނޑައެޅުމުގެ އިތުރުން އެ ސިނާޢަތް ހަރުދަނާކޮށް ރާވައި ހިންގުމާ ގުޅޭ ޚާއްސަ ބިލެއް ފަރުމާކުރުމަށް ވެސް ވަޒީރުންގެ މަޖިލީހުން އިއްޔެ ނިންމައިފައިވާ ކަމަށް، އެ އޮފީހުން މައުލޫމާތުދެއެވެ.

ރައީސް އޮފީހުން ބުނީ، މި ނިންމުމާއެކު، ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައިވާ އިގުތިޞާދީ މުއްސަނދިކަން ދެނެގަތުމަށާއި އެ ވަސީލަތްތަކުގެ ފައިދާ ހޯދުމަށް ކުރަންޖެހޭ އަމަލީ މަސައްކަތް މިހާރު ފަށައިފައިވާ ކަމަށެވެ.

ފާހަގަކުރެވޭ ގޮތުގައި، ދިގު މުއްދަތަކަށް ވިސްނައި، ކުރިއަށް އޮތް ފަސް އަހަރުތެރޭ ރާއްޖޭގައި ގައުމީ ތެޔޮ ރިޒާވެއް ގާއިމްކުރުމަށް ކުރަންޖެހޭ ކަންކަމުގެ ދިރާސާއެއް ސަރުކާރުން ފަށައިފައިވާ ކަމަށް، މިދިޔަ މާރިޗު މަހު ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވެއެވެ.

ރައީސް ވިދާޅުވީ، ތެލުގެ ރިޒާވެއް ގާއިމްކުރުމަކީ ސޮވްރިން ޑިވެލޮޕްމަންޓް ފަންޑު ގާއިމްކުރުން ފަދަ ކަމެއް ކަމަށެވެ. އެގޮތުން ތެލުގެ ރިޒާވެއް ގާއިމްކުރުމުގެ ސަބަބުން މުސްތަގުބަލުގައި ރާއްޖެއަށް ވާނީ ފައިދާ ކަމަށް، ރައީސް ވިދާޅުވިއެވެ.

https://sun.mv/219563

މި މަސައްކަތް ތިން ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށް ގެންދެވޭއިރު، ކޮންމެ ފިޔަވައްސަކަށް 150 މިލިއަން ޑޮލަރު ގިނަވެގެން ބަޖެޓުން ހޭދަވާނެ ކަމަށް ރައީސް ވަނީ އަންދާޒާކުރައްވައިފައެވެ.

ރާއްޖެއަކީ ތެލަށް ވަރަށް ބޮޑަށް ބަރޯސާވާ ގައުމެކެވެ. އެގޮތުން މެދުއިރުމަތީ ހަނގުރާމައިގެ ސަބަބުން، ސަރުކާރުން ތެޔޮ އެތެރެކުރުމަށް ޓަކައި ކުރާ ހޭދަ ކުރިއަށްވުރެ 110 ޕަސެންޓު އިތުރުވެ، މިހާރު މަހަކު 116 މިލިއަން ޑޮލަރު ޚަރަދުކުރަންޖެހިފައިވާ ކަމަށް، އެންވަޔަރަމަންޓް މިނިސްޓްރީން މިދިޔަ މެއި މަހު ބުނެފައިވެއެވެ.

comment ކޮމެންޓް