އެހީއަށް ބޭނުންވެފައިވާ ކުޑަކުދީންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ދިވެހި ފަންނާނުންގެ ފަރާތުން ކުރިއަށްގެންދާ 'ކާލާމަންނަ ޕްރެޒެންޓްސް ފިޔަވަނަ ޗެރިޓީ ޝޯ'ގެ މީޑިއާ ޕާޓްނަރަކަށް ސަން ސިޔާމް މީޑިއާ (އެސްއެސް ޓީވީ) އިން މިއަދު ސޮއިކޮށްފިއެވެ.
މިކަމަށް ޚާއްސަކޮށްގެން ސަން ސިޔާމް މީޑިއާގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ކާލާ މަންނަ އެކެޑަމީގެ ފަރާތުން ސޮއިކުރީ އެކެޑަމީގެ ވެރިޔާ އަޙްމަދު މުއާޒެވެ. އަދި ސަން ސިޔާމް މީޑިއާގެ ފަރާތުން ސޮއިކުރެއްވީ ޗީފް ކޮންޓެންޓް އޮފިސަރު މުޙައްމަދު ޒަހީނެވެ.
އެ ރަސްމިއްޔާތުގައި ވާހަކަދައްކަމުން ކާލާމަންނަ އެކެޑަމީގެ އެކްސްކޯ މެމްބަރު ފިލްމީ ތަރި އިސްމާއިލް ރަޝީދު (ކޮޕީ އިއްސެ) ބުނީ، މި ހަރަކާތަކީ އެހީއަށް ބޭނުންވެފައިވާ ކުދީންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ފަންނާނުން އިސްނަގައިގެން ކުރިއަށްގެންދިއުމަށް ނިންމާފައިވާ ހަރަކާތެއް ކަމަށެވެ.
މި ޝޯގެ ބޭނުމަކީ އެކި ކަހަލަ ކަންތައްތަކަށް ބޭނުވެފައިވާ ކުޑަކުދީންނަށް، އާޓިސްޓުންގެ ފަރާތުން ޝޯއެއް މެދުވެރިކޮށް ދީލަތި އެހީއެއް ފޯރުކޮށްދިނުން ކަމަށް އޭނާ ވަނީ ބުނެފައެވެ.

ފަންނާނުން ކުރިއަށްގެންދާ 'ކާލާމަންނަ ޕްރެޒެންޓްސް ފިޔަވަނަ ޗެރިޓީ ޝޯ'ގެ މީޑިއާ ޕާޓްނަރަކަށް އެސްއެސް ޓީވީ --- ސަން ފޮޓޯ: މުޙައްމަދު ޝާން
މިހާރު މަސައްކަތްކުރަނީ ސީދާ އެ ކުދީން ހޯދާފަ އެ ކުދީންގެ ގޭގެއަށް ޒިޔާރަތްކޮށްފައި، ވަރަށް ޓްރާންސްޕޭރެންޓް ގޮތަކަށް ސީދާ އެ ކުދީންނަށް މި އެހީތައް ލިބޭ ގޮތަށް އަހަރުމެންގެ މި ސިސްޓަމް ބައްޓަންކުރަނީ. ކާލާމަންނަ އެކެޑަމީގެ އެކްސްކޯ މެމްބަރު އިސްމާއިލް ރަޝީދު (ކޮޕީ އިއްސެ)
އެ އެކެޑަމީގެ ފަރާތުން މި ހަރަކާތް ބޭއްވުމަށް ނިންމާފައިވަނީ އަންނަ އޮކްޓޫބަރު މަހުގެ ނުވައެއްވާ ހުކުރު ދުވަހުގައެވެ.

ފަންނާނުން ކުރިއަށްގެންދާ 'ކާލާމަންނަ ޕްރެޒެންޓްސް ފިޔަވަނަ ޗެރިޓީ ޝޯ'ގެ މީޑިއާ ޕާޓްނަރަކަށް އެސްއެސް ޓީވީ --- ސަން ފޮޓޯ: މުޙައްމަދު ޝާން
ކާލާ މަންނަ އެކެޑަމީގެ އެކްސްކޯ މެމްބަރު އަޙްމަދު އިބްރާހީމް (އަންމަޑޭ) ބުނީ އެ ހަރަކާތުގެ ތެރެއިން، ރޭގަނޑުގެ މުނިފޫހިފިލުވުމުގެ ހަރަކާތްތަކުގެ އިތުރުން ހަވީރު ގަޑީގައިވެސް ވަރަށް ގިނަ ހަރަކާތްތަކެއް ކުރިއަށްދާނެ ކަމަށެވެ. އެގޮތުން މި އިވެންޓު ކުރިއަށްދާނީ ސްޓޯލަތްކެއް ވެސް ހުޅުވައިގެން ރާއްޖޭގައި ބާއްވާ ރަނގަޅު ކާނިވާ ފެސްޓިވަލެއްގެ ގޮތަށް ކަމަށް އޭނާ ބުންޏެވެ.
ޝޯގެ ތެރެއިން ވެސް ބޭރުން ވެސް މި އިވެންޓުގެ މަގުސަދަކީ ކުޑަކުދީންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް އޭނާ ވަނީ ބުނެފައެވެ.
ވަރަށް ބައިވަރު ގޮންޖެހުންތައް އެބަހުރި ކުޑަކުދިންގެ ވެސް. ބޭބީ ނާސަރީއިން ފެށިގެން ޔޫކޭޖީއާ ހިސާބަށް. މިސާލަކަށް ސްކޫލުތަކުގައި، އޯޓިޒަމް ކުދީން އެބަތިބި ބައިވަރު ކަންތައްތައް ނުވެފަ. އަހަރުމެން މި އުޅެނީ އެ ކަންކަން އަންގާފަ އެ އެހީތެރިކަން ފޯރުކޮށްދޭން. ކާލާ މަންނަ އެކަޑަމީގެ އެކްސްކޯ މެމްބަރު އަޙްމަދު އިބްރާހީމް (އަންމަޑޭ)
އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސަން ސިޔާމް މީޑިއާގެ ސީސީއޯ މުޙައްމަދު ޒަހީން ވަނީ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ކުރިއަށްގެންދާ މިފަދަ އިވެންޓެއް މީޑިއާ މެދުވެރިކޮށް ގެނެސްދިނުމުގެ ފުރުސަތު ދިނުމުން އެ ކަމަށް ޓަކައި ކާލާ މަންނަ އެކެޑަމީއަށް ޝުކުރުއަދާކުރައްވައިފައެވެ.
ކުޑަކުދިންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މާތް މަގުސަދުގައި ބާއްވާ މި ހަރަކާތަށް އެސްއެސް ޓީވީގެ ފަރާތުން ފުރިހަމައަށް އެއްބާރުލުން ލިބޭނެކަމުގެ ޔަގީންކަން ޒަހީން ދެއްވިއެވެ.