ހުއްދަ ނެތި މާލެއަތޮޅު ކައުންސިލުން ޔުނިފޯމް އެލަވަންސްގެ ގޮތުގައި 23،000 ރުފިޔާ ދިން: އޮޑިޓް

މާލެ އަތޮޅު ކައުންސިލް އިދާރާ---

ސިވިލް ސާވިސް ކޮމިޝަނުގެ ހުއްދައެއް ނެތި، މާލެއަތޮޅު އަތޮޅު ކައުންސިލްގެ މުވައްޒަފުންނާއި ކައުންސިލަރުންނަށް ޔުނިފޯމް އެލަވަންސްގެ ގޮތުގައި 23،000 ރުފިޔާ ދީފައިވާކަން އެ އިދާރާގެ 2023 ވަނަ އަހަރުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ.

މި މަހުގެ 20 ވަނަ ދުވަހު އޮޑިޓާ ޖެނެރަލްގެ އޮފީހުން ނެރުނު މި ރިޕޯޓުގައި، މާލިއްޔަތު ގާނޫނާ ހިލާފު އިތުރު ގިނަ ކަންތައްތަކެއްވެސް ވަނީ ފާހަގަކޮށްފައެވެ.

އޭރު މާލޭ އަތޮޅު ކައުންސިލްގެ ރައީސްއަކަށް ހުންނެވީ، މިހާރު ކައުންސިލްތަކުގެ ބެލެނިވެރި ފަރާތް ކަމަށްވާ، އެލްޖީއޭގެ ސީއީއޯ މުޙައްމަދު ނިމާލެވެ.

އޮޑިޓް ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުން، ކައުންސިލުން ދޫކޮށްފައިވާ ސުނާމީ ލޯނާއި، ނަފާ ލޯނުގެ އިތުރުން މުވައްޒަފުންގެ ސްކީމް ލޯނުތައް ބެލެހެއްޓޭނެ ހަރުދަނާ ނިޒާމެއް ނެތުމުގެ ސަބަބުން، ލޯނު ފައިސާ އަނބުރާ ނުލިބި ދިގު މުއްދަތެއް ވަނީ ފާއިތުވެފައެވެ. އަދި ލޯނު ފައިސާ ނުދައްކާ ފަރާތްތަކުގެ މައްސަލަ ޝަރީއަތަށް ހުށަހަޅާފައި ނުވާއިރު، އެހެން ރަށްރަށުގެ ކައުންސިލްތަކުން ބަލައިގަތް 635،036 ރުފިޔާވެސް އަތޮޅު ކައުންސިލަށް ރައްދުކޮށްފައެއް ނުވެއެވެ.

މީގެ އިތުރުން، ކުއްޔަށް ދީފައިވާ ބިންތަކުން ލިބެންޖެހޭ 221،060 ރުފިޔާ ނުލިބި ހަތަރު އަހަރަށްވުރެ ދިގު މުއްދަތެއް ވެފައިވާއިރުވެސް، އެ ފައިސާ ހޯދަން ގަވާއިދާ އެއްގޮތަށް ޝަރީއަތަށް މައްސަލަ ހުށަހަޅާފައި ނުވާކަން ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

އާމްދަނީއާ ގުޅޭގޮތުން އޮޑިޓްގައި ފާހަގަކޮށްފައިވާ މައްސަލަތަކަށް ބަލާއިރު، 2023 ވަނަ އަހަރުގެ ނިޔަލަށް ޑްރައިވިން ޓެސްޓް ފީއާއި ޓެލެކޮމް ލައިސެންސް ފީގެ ގޮތުގައި ލިބުނު 49،800 ރުފިޔާ އެމްއެމްއޭގައި އޮންނަ ޕަބްލިކް ބޭންކު އެކައުންޓަށް ޖަމާކޮށްފައެއް ނުވެއެވެ. އަދި އެކައުންޓަށް ޖަމާވި 1.9 މިލިއަނަށްވުރެ ގިނަ ރުފިޔާއަށް ރަސީދު ހަދާފައި ނުވާއިރު، 7.6 މިލިއަން ރުފިޔާގެ ރަސީދުތައް ތައްޔާރުކޮށްފައިވަނީ ފައިސާ ޖަމާވި ތާރީހަށްވުރެ މާފަހުންނެވެ. ހަމައެއާއެކު، 94،943 ރުފިޔާގެ އާމްދަނީ ނުބައި ބަޖެޓް ކޯޑުތަކުގައި ރެކޯޑުކޮށްފައިވާކަންވެސް އޮޑިޓުން ވަނީ ހާމަވެފައެވެ.

މުވައްޒަފުންނާ ގުޅޭގޮތުން ހުރި މައްސަލަތަކުގެ ތެރޭގައި، ސިވިލް ސާވިސް ކޮމިޝަނުގެ ހުއްދައެއް ނެތި، މުވައްޒަފުންނާއި ކައުންސިލަރުންނަށް ޔުނިފޯމް އެލަވަންސްގެ ގޮތުގައި 23،000 ރުފިޔާ ދީފައިވާކަން ހިމެނެއެވެ. އަދި ކައުންސިލުގެ ހަރުމުދަލުގެ ރަޖިސްޓަރީގައި މުދަލުގެ އަގާއި ތަފްސީލު ފުރިހަމައަށް ނެތުމުގެ އިތުރުން، އަހަރަކު އެއްފަހަރު މުދާ ހަމައަށް ހުރިތޯ ޗެކުކޮށްފައި ނުވާކަންވެސް ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ. މީގެ އިތުރުން، މާލީ ބަޔާނުގައިވާ އަދަދުތަކާއި 'ވިޔަ މޮޑިއުލް' ގައި ރެކޯޑުކޮށްފައިވާ އަދަދުތަކުގެ މެދުގައި ބޮޑެތި ތަފާތުތަކެއް ހުރުމުގެ ސަބަބުން، މާލީ ބަޔާނުގެ ސައްހަކަން ކަށަވަރު ނުކުރެވޭތީ، މާލީ ބަޔާން މި ރިޕޯޓާއެކު ހިމަނާފައެއް ނުވެއެވެ.

މި މައްސަލަތައް އިސްލާހުކޮށް، ދައުލަތުގެ މާލިއްޔަތު ގާނޫނާއި ގަވާއިދާ އެއްގޮތަށް އަމަލުކުރުމަށް އޮޑިޓާ ޖެނެރަލް ވަނީ ކައުންސިލަށް އިރުޝާދު ދެއްވާފައެވެ.

comment ކޮމެންޓް