މާލެ ސިޓީގެ ގަލޮޅު އަވަށުގައި ފުޓްސަލް ދަނޑެއް ތަރައްގީކުރުމުގެ މަސައްކަތް 1.5 މިލިއަނަށްވުރެ ގިނަ ރުފިޔާއަށް، 120 ދުވަހުގެ ތެރޭގައި ނިންމާގޮތަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާ ހަވާލުކޮށްފިއެވެ.
ގާކޮށި ފްލެޓާ އިންވެގެން އޮންނަ ހުސްބިމުގައި އަޅާ މި ފުޓްސަލް ދަނޑު މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރުމަށް މިއަދު ހެނދުނު މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސްގައި ވަނީ ރަސްމިއްޔާތެއް ބާއްވާފައެވެ.
ރަސްމިއްޔާތުގައި ކުޅިވަރާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު އަބްދުﷲ ރާފިޢުއެވެ. އަދި އާރުޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ނަޒީމްއެވެ.
ޖުމްލަ 1,521,283.60 (އެއް މިލިއަން ފަސްލައްކަ އެކާވީސް ހާސް ދުއިސައްތަ އަށްޑިހަ ތިން ރުފިޔާ ފަންސާސް ލާރި) ޚަރަދުކޮށްގެން ހިންގާ މި މަޝްރޫއުގެ ދަށުން، ގަލޮޅު ސަރަހައްދުގައި ދިރިއުޅޭ ޒުވާނުންނާއި ކުޅިވަރަށް ލޯބިކުރާ ފަރާތްތަކަށް ހާއްސަކޮށްގެން ޒަމާނީ ފެންވަރަށް ފުޓްސަލް ދަނޑު ތަރައްގީކުރެވިގެންދާނެއެވެ.
މިހާރުވެސް އެ ސަރަހައްދުގައި ފުޓްސަލް ދަނޑެއް އޮވެއެވެ. އެއީ ސިނަމާލެ ފްލެޓުތަކާ ޖެހިގެން އޮންނަ ފުޓްސަލް ދަނޑެކެވެ. މާލޭ ސަރަހައްދުގައި ގިނަ ފުޓްސަލް ދަނޑުތަކެއް މިހާރުވެސް އޮންނައިރު ގިނަ ދަނޑުތަކަކީ ސަރުކާރުގެ ބާރުގެ ދަށުގައި އޮންނަ ދަނޑުތަކެއް ނޫނެވެ. އެ ދަނޑުތައް ހިންގަނީ ކުލަބު ޖަމުއިއްޔާތަކުންނެވެ.