ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ވީއޭއެމް ކަޕް 2026 ގެ އަންހެން ޑިވިޝަނުގެ ފުރަތަމަ މެޗުތައް ސިޓީ ފްރެންޑްސް ކުލަބާއި ހުރާ ކޮމިއުނިޓީ ކުލަބުން ކާމިޔާބުކޮށްފިއެވެ.
އަންނަ ސެޕްޓެމްބަރު ހަތްވަނަ ދުވަހުގެ ނިޔަލަށް ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ކުރިއަށްދާ މި މުބާރާތުގައި 8 ޓީމެއް ވާދަކުރެއެވެ. އެއާއެކު އެ ޓީމުތައް ވަނީ 2 ޕޫލަކަށް ބަހާލާފައެވެ.
ޕޫލް އޭގައި ހިމެނެނީ ޕޮލިސް ކުލަބު، ހުރާ ކޮމިއުނިޓީ ކުލަބު، ވޮލީބޯލް ޔޫތު ނިއު ޖެނެރޭޝަން އަދި ސިޓީ ފްރެންޑްސް ކުލަބެވެ. އަދި ޕޫލް ބީގައި ހިމެނެނީ އެންމެ ފަހުގެ ޗެމްޕިއަން ކުލަބު ވެމްކޯ، ކުލަބު އެމްޓީސީސީ، ރާއްޖެ ވޮލީބޯލް ކުލަބު އަދި ގުޑް ގޭމްސް ސްޕޯޓްސް އެކެޑަމީއެވެ.
މުބާރާތުގެ ކުޅުން އިއްޔެ ހަވީރު ފެށިއިރު، ފުރަތަމަ މެޗުގައި ބައްދަލުކުރީ ވޮލީބޯލް ޔޫތު ނިއު ޖެނެރޭޝަނާއި، ސިޓީ ފްރެންޑްސް ކުލަބެވެ. މި މެޗު ސީދާ ތިން ސެޓުން ކާމިޔާބުކުރީ ސިޓީ ފްރެންޑްސް ކުލަބުންނެވެ. މެޗުގެ ސެޓުތައް އެ ޓީމުން ގެންދިޔައީ 25-21، 25-22 އަދި 25-21 އިންނެވެ.
ވީއޭއެމް ކަޕް 2026 ގެ އަންހެން ޑިވިޝަނުގައި ވޮލީބޯލް ޔޫތު ނިއު ޖެނެރޭޝަނާއި، ސިޓީ ފްރެންޑްސް ކުލަބު ބައްދަލުކުރި މެޗުގެ ތެރެއިން-- ފޮޓޯ: ވީއޭއެމް މި މުބާރާތުގައި ރޭ ކުޅުނު މެޗުގައި ވާދަކުރީ ޕޮލިސް ކުލަބާއި، ހުރާ ކޮމިއުނިޓީ ކުލަބެވެ. ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗު 3-1 ސެޓުން ކާމިޔާބުކުރީ ހުރާއިންނެވެ. މި މެޗުގެ ފުރަތަމަ ދެ ސެޓު 25-14 އަދި 25-23 އިން ހުރާއިން ގެންދިޔަ ނަމަވެސް، ތިންވަނަ ސެޓު ޕޮލިހުން ވަނީ 29-27 އިން ކާމިޔާބުކޮށްފައެވެ. އެކަމަކު ހުރާއިން ވަނީ ހަތަރުވަނަ ސެޓު 25-23 އިން ގެންގޮސް، މެޗު ކާމިޔާބުކޮށްފައެވެ.
މި މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކުރާނީ ކޮންމެ ޕޫލަކުން އެންމެ ކުރި ހޯދާ ދެ ޓީމެވެ. ސެމީ ފައިނަލް މެޗުތައް އަންނަ މަހުގެ ހަވަނަ ދުވަހު ކުޅޭއިރު، ތިންވަނަ ހޮވާ މެޗާއި، ފައިނަލް މެޗު ކުޅޭނީ އަންނަ މަހުގެ ހަތްވަނަ ދުވަހެވެ.
މުބާރާތުގެ ހުރިހާ މެޗެއް ސަން ޕްލޭއިން ވަގުތުން ދަނީ ގެނެސްދެމުންނެވެ. ކޮންމެ މެޗެއްގެ އޮންލައިން ޓިކެޓުގެ އަގަކީ 25 ރުފިޔާއެވެ.