ތެހެރާން (31 އޮގަސްޓް 2026): އުރުދުންއާއި ޔޫއޭއީގައި ގާއިމްކޮށްފައިވާ އެމެރިކާގެ ބޭސްތަކަށް އީރާނުން ހަމަލާތަކެއް ދީފިއެވެ.
އީރާނުގެ އިންގިލާބީ ލަޝްކަރު ބުނާގޮތުން ހަމަލާދިނީ އުރުދުންގައި ހުންނަ އެމެރިކާގެ އަސްކަރީ ދެ މަރުކަޒަކަށާއި ޔޫއޭއީގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަކަށެވެ. އުރުދުންއަށް ހަމަލާދިނީ ރޭ ދަންވަރުގެ ވަގުތެއްގައި ގިނަ އަދަދެއްގެ ޑްރޯންއާއި ބަލިސްޓިކް މިސައިލް ބޭނުންކޮށްގެންނެވެ. އީރާނުގެ ހަމަލާތަކަށްފަހު އުރުދުންގެ ކިންގް ހުސައިން ވައިގެ ބޭސްއާއި އަލްއަޒްރަގު ވައިގެ ބޭސްއިން ބޯކޮށް ދުންތައް އަރާ މަންޒަރު ވަނީ ފެނިފައެވެ.
މީގެއިތުރުން އީރާނުގެ ސިފައިންގެ ލަޝްކަރުތަކުން ވަނީ ޔޫއޭއީގައި ހުންނަ އަލްމުންހާދު އަސްކަރީ ބޭހަށް 50 އަށް ވުރެ ގިނަ ޑްރޯން ބޭނުންކޮށްގެން މިއަދު ހެނދުނު ހަމަލާތަކެއް ދީފައެވެ. މިކަން ބައިނަލްއަގްވާމީ މީޑިއާތަކުން ވެސް ވަނީ ކަށަވަރުކޮށްދީފައެވެ.
އީރާނުގެ ސިފައިންނާއި އިންގިލާބީ ލަޝްކަރުން ނެރުނު ބަޔާންތައް ބުނާގޮތުން މިއީ އެމެރިކާއިން ރޭގެ ވަގުތެއްގައި އީރާނުގެ ލަރަކް ޖަޒީރާއަށް ދިން ހަމަލާތަކަށް ބަދަލުހިފުމުގެ ގޮތުން ދިން ހަމަލާތަކެކެވެ. އީރާނުގެ އެއްވެސް ތަނަކަށް ހަމަލާދީފައި އެމެރިކާއަށް ފިލައި ރައްކާނުވެވޭނެ ކަމަށް މި ބަޔާންތައް ބުނެއެވެ.
ލަރަކް ޖަޒީރާއަކީ ގަލްފުގެ އީރާން ފަޅީގައި އޮންނަ އީރާނުގެ ޖަޒީރާއެކެވެ. އެމެރިކާ ހަމަލާދިނީ އެ ޖަޒީރާގައި ހުރި އީރާނުގެ މިސައިލް ހަރުތަކުގެ ތެރެއިން ދެހަރަށް ކަމަށާއި އެ މިސައިލް ހަރުތަކަކީ ހުރުމުޒު ކަނޑުއޮޅިއަށް މައިން އެޅުމަށް އީރާން ބޭނުންކުރާ މިސައިލްތައް ފޮނުވުމަށް ބޭނުންކުރާ ހަރުތަކެއް ކަމަށް އެމެރިކާގެ އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ބުނެފައިވެއެވެ. އަދި ޓްރަމްޕް ވަނީ އެމެރިކާގެ ހަމަލާތަކުގައި ލަރަކް ޖަޒީރާ އެއްކޮށް ހަލާކުކޮށްލިކަމަށް ބުނެފައެވެ.
އުރުދުންއާއި ޔޫއޭއީގައިވާ އެމެރިކާގެ ބޭސްތަކަށް އީރާނުން ދިން ހަމަލާތައް އެމެރިކާއަށް މައިތިރިނުވެ އެތަންތަނަށް އެ ހަމަލާތައް އެރިކަމަށް ރިޕޯޓްތައް ބުނެއެވެ. ނަމަވެސް އީރާނުގެ ހަމަލާތަކަށް ހުރަސްއެޅުމުގެ ގޮތުން ވައިގެ ދިފާއީ ނިޒާމުތައް ބޭނުންކުރިކަމަށް އުރުދުންއިން ވަނީ ބުނެފައެވެ.
އީރާނުގެ ޕްރެސް ޓީވީ ބުނާގޮތުން އިންގިލާބީ ލަޝްކަރުތަކުން ވަނީ ހުރްމުޒް ކަނޑުއޮޅިއަށް ވަންނަން އުޅުނު އެމެރިކާގެ ދެ އާގު ބޯޓަކަށް ވެސް ހަމަލާތަކެއް އަމާޒުކޮށްފައެވެ.