ސްރީލަންކާއިން 66 ކުށްވެރިއަކު އަނބުރާ ގެނެސް، 6 ބިލިއަން ރުޕީސްގެ މުދާ ހިފަހައްޓައިފި

އަމިއްލަ ގައުމުން ބޭރަށް ފިލައިގެން ގޮސްފައިވާ، އޮގަނައިޒްޑް ކްރައިމް އަދި މަސްތުވާތަކެތީގެ ވިޔަފާރިއާ ގުޅުންހުރި 66 ސަސްޕެކްޓަކު ސްރީލަންކާގެ ކަމާބެހޭ ފަރާތްތަކުން އަނބުރާ އެ ގައުމަށް ގެނެސްފިއެވެ.

ސްރީލަންކާގެ ދައުލަތުގެ މީޑިއާ ކަމަށްވާ ސިލުމިނާއިން ފުލުހުންނާ ހަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުގައި، 21 ސެޕްޓެންބަރު 2024 ގައި މިހާރުގެ ސަރުކާރު ވެރިކަމާ ހަވާލުވި ފަހުން ވަނީ މި ފަރާތްތަކާ ގުޅޭ 113 މައްސަލައެއް ތަހުގީގުކޮށްފައެވެ. މި ތަހުގީގުތަކުގެ ތެރެއިން ހަ ބިލިއަން ސްރީލަންކާ ރުޕީސްގެ މުދާ ވަނީ ހިފަހައްޓާފައެވެ.

ހިފަހައްޓާފައިވާ މުދަލުގެ ތެރެއިން ފަސް ބިލިއަން ރުޕީސްގެ މުދަލަކީ މަސްތުވާތަކެތީގެ މައްސަލަތަކުގައި ތުހުމަތުކުރެވޭ 102 މީހެއްގެ މުދަލެވެ. އަދި އޮގަނައިޒްޑް ކްރައިމްގައި ހިމެނޭ ތިން މީހެއްގެ 209 މިލިއަން ރުޕީސްގެ މުދާ ހިމެނޭއިރު، ޕިރަމިޑް ސްކޭމާއި، ކުޑަކުދިންނަށް ގޯނާކުރުމާއި، ގޮވާތަކެތީގެ މައްސަލަތަކާ ގުޅުންހުރި އަށް މީހެއްގެ 367 މިލިއަން ރުޕީސްގެ މުދާ ވެސް ވަނީ ހިފަހައްޓާފައެވެ. މީގެ އިތުރުން، ހިފެހެއްޓި ތަކެތީގެ ތެރޭގައި ދެ ކިލޯ އަދި 1،404 ގްރާމްގެ ރަން، 136 އޭކަރުގެ ބިން، 55 ގެ އަދި 142 އުޅަނދު ހިމެނެއެވެ.

އަނބުރާ ގެނައި މީހުންގެ ތެރެއިން 28 މީހަކީ އިންޓަޕޯލް ރެޑް ނޯޓިސް ނެރެފައިވާ މީހުންނެވެ. ބާކީ 38 މީހުންނަކީ ރެޑް ނޯޓިސް ނެރެފައިނުވާ މީހުންނެވެ. ފުލުހުންގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، ސެޕްޓެންބަރު 2024 އިން ފެށިގެން ކުށްވެރިން އަނބުރާ ގެނައުމަށް އިންޓަޕޯލް މެދުވެރިކޮށް އާ 110 ރެޑް ނޯޓިސް ވަނީ ނެރެފައެވެ. އަދި އޮގަސްޓް 18 އާ ހަމައަށް ސްރީލަންކާ ފުލުހުން ނެރެފައިވާ ރެޑް ނޯޓިސްގެ ޖުމްލަ އަދަދު 236 އަށް އަރާއިރު، މީގެ ތެރޭގައި އޮގަނައިޒްޑް ކްރައިމްގެ ސަސްޕެކްޓުންނަށް ނެރެފައިވާ 96 ނޯޓިސް ހިމެނެއެވެ.

މީގެ އިތުރުން، ގައުމުން ބޭރުގައި ދިރިއުޅޭ ކަމަށް ފުލުހުންނަށް ފާހަގަކުރެވިފައިވާ 35 ސަސްޕެކްޓަކު ތިބިއިރު، އޭގެ ތެރެއިން 18 މީހަކު އެކުވެރި އަރަބި އިމާރާތް (\ޔޫއޭއީ) ގައި އަދި 11 މީހަކު އިންޑިއާގައި އެބަތިއްބެވެ. ދެން ތިބި މީހުން ދިރިއުޅެމުންދަނީ އިނގިރޭސިވިލާތް، ފަރަންސޭސިވިލާތް، ރަޝިޔާ، ކެނެޑާ އަދި އިޓަލީގައެވެ.

comment ކޮމެންޓް