ޕާސްޕޯޓުގެ މުއްދަތު އިތުރުކުރަން ހުށަހަޅަންޖެހެނީ 'އިމުގަ' މެދުވެރިކޮށް: އިމިގްރޭޝަން

އިިމިގްރޭޝަނުން މީހަކާ ޕާސްޕޯޓެއް ހަވާލުކުރަނީ -- ފޮޓޯ/ ރާއްޖެ އެމްވީ

ރާއްޖޭގެ ޕާސްޕޯޓް ބުކްލެޓް ލިބުން ލަސްވުމާ ގުޅިގެން މި ވަގުތަށް ހަމަޖައްސާފައިވާ އިންތިޒާމްތަކުގެ ތެރެއިން، މުއްދަތު ހަމަވާ ޕާސްޕޯޓުތަކުގެ މުއްދަތު އިތުރުކޮށްދިނުމަށް ވެސް ހުށަހަޅަން ޖެހޭނީ ކުރިން ވެސް އޮންނަ އުސޫލުން 'އިމުގަ' ޕޯޓަލް މެދުވެރިކޮށް އާ ޕާސްޕޯޓަކަށް އެދި ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ހާމަކޮށްފިއެވެ.

މި ވަގުތަށް ހަމަޖައްސާފައިވާ އިންތިޒާމްތަކުގެ ދަށުން، ޕާސްޕޯޓުގެ މުއްދަތު އިތުރުކޮށްދިނުމާއި އިމަޖެންސީ ޕާސްޕޯޓު ދޫކުރުމުގެ ޚިދުމަތް ފޯރުކޮށްދޭނީ އެއްވެސް ފީއަކާ ނުލައެވެ.

"ޕާސްޕޯޓު މުއްދަތު ހަމަވެގެން އައު ޕާސްޕޯޓެއް ހެއްދުމަށް އެދޭ ފަރާތްތަކަށް، އައު ޕާސްޕޯޓެއް ދޫކުރުމުގެ ބަދަލުގައި، މިހާރު އޮތް ޕާސްޕޯޓުގެ މުއްދަތު، އެއްވެސް ފީ އަކާ ނުލައި، 30 ޖޫން 2027 ގެ ނިޔަލަށް އިތުރުކޮށްދޭނެ،" އިމިގްރޭޝަނުން ބުނެފައިވެއެވެ.

އިމިގްރޭޝަނުން މައުލޫމާތު ދޭ ގޮތުގައި، 2016 ވަނަ އަހަރުން ފެށިގެން ރާއްޖެއަށް ޕާސްޕޯޓު ބުކްލެޓް ފޯރުކޮށްދޭ ޖަރުމަނުގެ ކުންފުނީގެ ޕްރިންޓް ހައުސްގެ މެޝިންތަކަކަށް ދިމާވި މައްސަލައަކާ ގުޅިގެން ބުކްލެޓް ފޮނުވުން ވަނީ ލަސްވެފައެވެ.

އެހެންކަމުން، މިހާރު ހުރި ސްޓޮކް މެނޭޖްކުރުމަށްޓަކައި ޕާސްޕޯޓް ދޫކުރުމުގެ އުސޫލަށް ވަނީ ބަދަލުތަކެއް ގެނެސްފައެވެ. އެ ބަދަލުތަކުގެ ދަށުން، ރާއްޖޭގައި ހުއްޓައި ޕާސްޕޯޓުގެ މުއްދަތު ހަމަވާ މީހުންނަށް އާ ޕާސްޕޯޓެއް ދޫކުރުމުގެ ބަދަލުގައި މިހާރު އޮތް ޕާސްޕޯޓުގެ މުއްދަތު އަންނަ އަހަރުގެ ޖޫން 30 ގެ ނިޔަލަށް އިތުރުކޮށްދޭނެއެވެ.

މި ބަދަލުތަކުގެ ތެރޭގައި އަލަށް ޕާސްޕޯޓް ހައްދާ މީހުންގެ ތެރެއިން އިންޑިއާ އަދި ސްރީ ލަންކާ ފަދަ އާންމުކޮށް ދިވެހިން ދަތުރުކުރާ ގައުމުތަކަށް ކުރު މުއްދަތަކަށް ދަތުރުކުރާ ފަރާތްތަކަށް ދޫކުރާނީ އިމަޖެންސީ ޕާސްޕޯޓެވެ.

އިމަޖެންސީ ޕާސްޕޯޓަކީ އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން އޮގަނައިޒޭޝަން (އައިކާއޯ) ގެ މިންގަނޑުތަކަށް ފެތޭ، އެއް އަހަރު ދުވަހުގެ މުއްދަތަށް ދޫކުރާ 8 ސަފްހާގެ މެޝިން ރީޑަބަލް ޕާސްޕޯޓެކެވެ.

އިމިގްރޭޝަނުން ވަނީ ޕާސްޕޯޓް ދޫކުރުމުގެ އިންތިޒާމަށް މިފަދަ ބަދަލުތަކެއް ގެނައި ނަމަވެސް، އެއްވެސް ދިވެއްސަކަށް ރާއްޖެއިން ބޭރަށް ދަތުރުކުރުމުގައި އެއްވެސް ދަތިކަމެއް ނުވަތަ ހުރަހެއް ކުރިމަތިނުވާނެ ކަމުގެ ފުރިހަމަ ޔަގީންކަން ދީފައެވެ.

comment ކޮމެންޓް