ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަނެއްކާ ވެސް ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި އުމުރުން ދުވަސްވީ މީހަކަށާއި، ޒުވާނަކަށް ފަރުވާދެމުން އަންނަކަަމަށް ފުލުހުން މިއަދު ބުނެފިއެވެ.
ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ، ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހީނާމާ ހިނގުމާއި ދުނބުރިގަސް މަގު ގުޅޭ ހަތަރު އަނގޮޅީގައި ކާރަކާއި ސައިކަލެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާފައިވާކަމަށް، މިއަދު ހެނދުނު 7:44 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
އަދި މި އެކްސިޑެންޓުގައި ސައިކަލު ދުއްވަންއިން 62 އަހަރުގެ ދިވެހި ފިރިހެނަކަށާއި، އުމުރުން 24 އަހަރުގެ ފިރިހެނަކަށް އެކި ވަރުގެ އަނިޔާތައް ވެފައިވާކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.
އަދި އެ ދެމީހުންނަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ. ނަމަވެސް ލިބިފައިވާ އަނިޔާތަކުގެ އެއްވެސް ތަފްސީލެއް ފުލުހުން ހާމަކޮށްފައެއްް ނުވެއެވެ.
ފުލުހުން ބުނީ މި މައްސަލަ ފުލުހުން ތަހުގީގުކުރަމުންދާ ކަމަށެވެ.
މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ވެސް ވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ވިނަރެސް ފްލެޓުތައް ކައިރީގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، ސައިކަލު ފަހަތުގައި އިން ނުވަ އަހަރުގެ އަންހެން ކުއްޖަކަށް ސީރިއަސް އަނިޔާތަކެއް ލިބިފައެވެ. އެ ކުއްޖާއަށް އަދިވެސް ފަރުވާދެމުން އަންނަނީ އައިޖީއެމްއެޗްގެ އައިސީޔޫގައި ވެންޓިލޭޓަރުގެ އެހީގައެވެ.
އެ އެކްސިޑެންޓް ހިނގާފައިވަނީ ހުޅުމާލެ ފޭސް ދޭއްގެ، ހިތިގަސްމަގު، ވިނަރެސް ހަތެއް ކައިރީގައި މަޑުކޮށްފައި އޮތް ކާރަކަށް އަރަން، މަގާވީ ފަޅިން ހިނގާފައި ދިޔަ މީހެއްގެ ގައިގައި މަގުން ދުއްވާފައި ދިޔަ ސައިކަލަކުން ޖެހިގެންނެވެ.
ސައިކަލު ދުއްވަން އިނީ އަނިޔާވި ކުއްޖާގެ 18 އަހަރުގެ ބޮޑުދައިތަކަމަށް މައުލޫމާތުލިބޭއިރު، އެ ހާދިސާގައި އޭނާއަށް ވެސް އެކިވަރުގެ އަނިޔާތައް ލިބިގެން ވަނީ ފަރުވާދީފައެވެ.