އާލިއާ އަލަށް ސޮއިކުރި ބިރުވެރި ފިލްމު 'ތުމްބާޑް 2'ގެ މަސައްކަތް ފަށައިފި

ބަތަލާ އާލިއާ ބަޓް ފިލްމު "ތުމްބާޑް 2"ގެ ތަރި ސޯހަމް ޝާހްއާ އެކު--ފޮޓޯ/ބޮލީވުޑްހަންގާމާ

ބޮލީވުޑްގެ ބަތަލާ އާލިއާ ބަޓް ދާދިފަހުން ސޮއިކުރި ބިރުވެރި ފިލްމު "ތުމްބާޑް 2"ގެ ފިލްމުގެ މަސައްކަތް ބަތަލާ ފަށައިފި ކަމަށް ރިޕޯޓުތަކުން ބުނެފިއެވެ.

މި ފިލްމުގެ ސީކުއަލްއިން އާލިއާ ފެންނާނެކަން މިދިޔަ ޖުލައި މަހު ރަސްމީކޮށް އިއުލާންކޮށްފައިވާއިރު، އާލިއާ ފިލްމުގެ ސެޓުގައި މަސައްކަތްކުރަމުން އަންނަ ކަމަށް ފިލްމީ ޚަބަރުތަކުން ބުނެއެވެ.

ފިލްމު ސެޓުގެ ބައެއް މަންޒަރުތައް ސޯޝަލް މީޑިއާގައި ދައުރުވެފައިވާއިރު ސެޓުން ފެނުނު ފޮޓޯތަކުގައި އާލިއާ ހުރީ ވަރަށް އާދައިގެ ގޮތަކަށް ހެދުން އަޅައިގެންނެވެ. ރިޕޯޓްތައް ބުނާ ގޮތުގައި އާލިއާ ޝޫޓިންއާ ގުޅުނީ ކޯރެއްގެ އައްސޭރިއާއި މުސްކުޅި ކިއްލާއެއްގެ މަންޒަރުތައް ނަގަމުންދާ ތާވަލުގެ ތެރެއިންނެވެ.

ފިލްމުގެ އެކްޓަރު އަދި ޕްރޮޑިއުސަރ ސޯހަމް ޝާހް ސޯޝަލް މީޑިއާ މެދުވެރިކޮށް އާލިއާއަށް މަރުހަބާ ކިޔަމުން ބުނެފައިވަނީ، "ތުމްބާޑް"ގެ ދުނިޔެ އިތުރަށް ފުޅާވެ، އައު ބާބެއް ފެށިގެންދާއިރު، އާލިއާ މި ފިލްމާ ގުޅުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

ބަތަލާ އާލިއާ ބަޓް ފިލްމު "ތުމްބާޑް 2"ގެ ސެޓުގައި އަދި ފިލްމުގެ ކާސްޓުގައި ހިމެނޭ ދެ ތަރިން ކަމަށްވާ ސޯހަމް ޝާހް އާއި ނަވާޒުއްދީން ސިއްދީގީ--ފޮޓޯ/ބޮލީވުޑްހަންގާމާ

މިއީ އާލިއާ ހޮރޯ ޖޯންރާގެ ފިލްމެއްގައި މުހިންމު ރޯލަކުން ފެންނާނެ ފުރަތަމަ ފަހަރެވެ. މި ފިލްމުގައި އޭނާއާ އެކު ސޯހަމް ޝާހްގެ އިތުރުން ނަވާޒުއްދީން ސިއްދީގީ ވެސް މުހިއްމު ރޯލަކުން ފެންނާނެއެވެ. ނަމަވެސް، ފިލްމުގެ ކެރެކްޓާތަކާއި ވާހަކައިގެ ތަފްސީލުތައް އުފެއްދުންތެރިން ވަނީ ސިއްރުކޮށްފައެވެ.

ބެލެވޭ ގޮތުގައި ނަވާޒުއްދީންގެ ރޯލަކީ ވާހަކައިގައި ވަރަށް މުހިންމު ދައުރެއް އަދާކުރާނެ ރޯލެކެވެ. އަދި އާލިއާގެ ސަބަބުން މި ފޯކްލޯ ވާހަކަ އިތުރަށް ތަރައްޤީވުމުގެ މަގު ކޮށައިދޭނެ ކަމަށް ރިޕޯޓުތަކުން ބުނެއެވެ.

އަދޭޝް ޕްރަސާދު ޑައިރެކްޓްކޮށް، ސޯހަމް ޝާހް އިސްކޮށް ހަރަކާތްތެރިވާ "ތުމްބާޑް 2" ބިނާވެފައިވަނީ ފުރަތަމަ ފިލްމުގައި ދައްކުވައިދިން މައިތޮލޮޖީގެ މައްޗަށެވެ. މި ސީކުއަލްގައި ވެސް ދަހިވެތިކަމާއި، ބިރުވެރިކަމާއި، އިންސާނީ ތަބީއަތުގެ މައްޗަށް އަލިއަޅުވާލައި، ވާހަކައިގެ އައު މަރުހަލާއެއް ދައްކުވައިދޭނެއެވެ.

މި ފިލްމުގެ ފުރަތަމަ ޝޫޓިންތަކަށް މުމްބާއީގައި ހަތެއް ނުވަތަ އަށެއްކަ އޭކަރުގެ ބޮޑު ސަރަހައްދެއްގައި ބޮޑު ސެޓެއް ވަނީ ތައްޔާރުކޮށްފައެވެ. މުޅި ސިޓީއެއް ރަމްޒުކޮށްދޭ ގޮތަށް ފަރުމާކޮށްފައިވާ މި ސެޓުން ފިލްމުގެ ފެންވަރު ވަރަށް ބޮޑަށް ހާމަވެގެންދެއެވެ.

ފިލްމު "ތުމްބާޑް 2" ސިނަމާތަކަށް ނެރުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ޑިސެމްބަރު މަހުގެ ތިން ވަނަ ދުވަހުއެވެ.

comment ކޮމެންޓް