ސަލްމާނާއި ނަޔަންތާރާ އެކީގައި މަސައްކަތްކުރާ ފިލްމަށް ކިޔަނީ 'މޮންސްޓަ'

ދެކުނު އިންޑިއާގެ ބަތަލާ ނަޔަންތާރާ އަދި ބޮލީވުޑްގެ ފިލްމީ ތަރި ސަލްމާން ޚާން--ފޮޓޯ/ބޮލީވުޑްހަންގާމާ

އިންޑިއާގެ ފިލްމީ ތަރިން ކަމަށްވާ ސަލްމާން ޚާނާއި ނަޔަންތާރާ އަލަށް އެކީގައި ފެނިގެންދާ ފިލްމަށް "މޮންސްޓަ"ގެ ނަން ދީފައިވާކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ޕްރޮޑިއުސަރު ދިލް ރާޖޫ އާއި ޑައިރެކްޓަރު ވަމްޝީ ޕައިޑިޕަލީ ގުޅިގެން އުފައްދާ، މި ފިލްމުގެ މަސައްކަތްތައް ކުރިއަށްދަނިކޮށް، ސަލްމާންގެ ބޮޑީ ޑަބަލްއަށް ހާޓް އެޓޭކެއް ޖެހުމާ ގުޅިގެން، ފިލްމުގެ ގިނަ ސްޓަންޓްތައް ސަލްމާން އަމިއްލައަށް ކުރަން ނިންމާފައިވާ ކަމަށް ވެސް ފިލްމުފެއާގައިވާ ރިޕޯޓެއްގައި ވަނީ ބަޔާންކޮށްފައެވެ.

ފިލްމުގެ މަސައްކަތާ ގާތް ފަރާތަކުން ފިލްމްފެއައަށް މައުލޫމާތު ދެމުން ބުނެފައިވަނީ، ސަލްމާން މިހާރު ފިލްމުގެ މަސައްކަތްތަކުގައި ވަރަށް އިސްކޮށް އަމަލީގޮތުން ބައިވެރިވަމުންދާ ކަމަށާއި، ފިލްމުގެ މަސައްކަތްތައް ހުއްޓުމެއްނެތި ކުރިއަށް ގެންދިއުމަށް އެކްޓަރު ބޭނުންވާ ކަމަށެވެ.

ސަލްމާންގެ ކުރިއަށް އޮތް ފިލްމު "މާތުރަބޫމީ"ގެ މަންޒަރެއްގައި އެކްޓަރު. މި ފިލްމު މި އަހަރުތެރޭ ސިނަމާތަކަށް ގެންނާނެކަން ވަނީ އިއުލާނުކޮށްފައި--ފޮޓޯ/އިންޑިއާޓުޑޭ

މިއީ ސަލްމާން، ޑައިރެކްޓަރު ވަމްޝީ ޕައިޑިޕަލީ އަދި ޕްރޮޑިއުސަރު ދިލް ރާޖޫއާ އެކު މަސައްކަތްކުރާ ފުރަތަމަ ފަހަރެވެ. ސަލްމާން އާއި ނަޔަންތާރާގެ އިތުރުން މި ފިލްމުގެ ކާސްޓުންގެ ތެރޭގައި ސާގަރިކާ ގަޓްގޭ އަދި މުޒައްމިލް އިބްރާހީމް ފަދަ ތަރިން ހިމެނޭއިރު ކުރީގެ މަޝްހޫރު އެކްޓަރު ޖެކީ ޝްރޮފްވެސް ފިލްމުގެ ޓީމާ ގުޅިފައިވާ ކަމަށް ރިޕޯޓުތަކުން ބުނެއެވެ.

މި ފިލްމަކީ ގިނަ އެކްޝަން މަންޒަރުތަކެއް ހިމެނޭ ފިލްމަކަށް ވުމުން، ގިނަ ބައެއްގެ ސަމާލުކަން މިހާރުވެސް ވަނީ މި ފިލްމަށް ހުއްޓިފައެވެ. ފިލްމުގެ ސެޓުގައި ސަލްމާން އާއި ވަމްޝީ، ވަމްޝީގެ އުފަންދުވަސް ފާހަގަކުރާ މަންޒަރުތައްވެސް ދާދި ފަހުން ވަނީ އާންމުންނާ ހިއްސާކޮށްފައެވެ.

ބޮލީވުޑް ހަންގާމާއިން މީގެކުރިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ފިލްމުގެ އެކްޝަން މަންޒަރުތައް ފުރިހަމަކުރުމަށް ކޮރެއާގެ އެކްޝަން ޓީމެއް ވަނީ ހަމަޖައްސާފައެވެ. "މިސްޓަ އޯ"ގެ ނަމުން މަޝްހޫރު ސީ ޔަންގް އޯ އިސްވެ ހުރެ މަސައްކަތްކުރާ މި ޓީމަކީ ބައިނަލްއަގުވާމީ ފެންވަރުގެ މަޝްހޫރު ފިލްމުތަކެއްގައި މަސައްކަތްކޮށްފައިވާ ޓީމެކެވެ.

އެގޮތުން ސަލްމާންގެ ޝަޚްސިއްޔަތާ ގުޅޭނެ ފަދަ ތަފާތު އެކްޝަން މަންޒަރުތަކެއް އުފެއްދުމަށް އެ ފަރާތުން ދަނީ ބުރަކޮށް މަސައްކަތް ކުރަމުން ކަމަށް ބޮލީވުޑް ހަންގާމާގެ ރިޕޯޓުގައި ބުނެފައިވެއެވެ.

ފިލްމުގެ ނަމަކީ "މޮންސްޓަ" ކަމަށް ރިޕޯޓްތައް ބުނި ނަމަވެސް، ފިލްމު އުފައްދާ ފަރާތުން މިކަން އަދި ރަސްމީކޮށް ކަށަވަރުކޮށްދީފައެއް ނުވެއެވެ.

comment ކޮމެންޓް