އަނިޔާވެރިކޮށް މަރާލާފައި އޮއްވާ ފެނުނު، ބްލޮގަރު ޔާމީން ރަޝީދު މަރާލި މައްސަލާގައި ދައުލަތުގެ ސިއްރު ހެކިވެރިޔާގެ ހެކިބަސް އަނބުރާ ނުގެންދެވޭނެ ކަމަށް ދައުލަތުން ބުނެފިއެވެ.
ޔާމީން ދިރިއުޅުނު ގޭގެ ސިޑި ގޮޅި ތެރޭގައި އޭޕްރީލް، 2017 ގައި ތޫނު އެއްޗެހިން އޭނާއަށް ހަމަލާދީ މަރާލި މައްސަލައިގައި ދައުލަތުން ދައުވާކުރީ ހ. އަންނާރުމާގޭ އިސްމާއިލް ހައިޝަމް ރަޝީދާއި ހުޅުމާލޭ ނަމްބަރު 11399 އަހުމަދު ޒިހާން އިސްމާއިލާއި ގދ. ގައްދޫ ސިންދުބާދުގޭ މުހައްމަދު ދިފްރާނާއި މ. ކުދެހިގޭ ހަސަން ޝިފާޒްގެ އިތުރުން މ. ތާއިފް އިސްމާއިލް ރަޝީދު އަދި މ. ކޮޅުފުށީ އީސްޓް، ހުސައިން ޒިޔާދުގެ މައްޗަށެވެ.
އެ މައްސަލައިގައި ޖަނަވަރީ 2022 ގައި ކްރިމިނަލް ކޯޓުގައި ކުށް ސާބިތުވީ ހައިޝަމާއި ޒިހާންގެ މައްޗަށެވެ. އެ ދެ މީހުން އުމުރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކުރި ނަމަވެސް ދެން ތިބި މީހުންގެ މައްޗަށް ކުށް ސާބިތުނުވެ ވަނީ ސަލާމަތްވެފައެވެ.
ހައިޝަމާއި ޒިހާންގެ މައްސަލަ އެ މީހުންގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން، ހައިކޯޓުންވަނީ އެ މައްސަލައިގެ ހުކުމް ބާތިލުކޮށް، މައްސަލަ އަލުން ބަލަން އަންގައިފައެވެ.
އެ މައްސަލަ އަލުން ބަލަން ފަށައި، ދެވަނަ އަޑު އެހުން ހޮނިހިރު ދުވަހު ވަނީ ބާއްވާފައެވެ. ހޮނިހިރު ދުވަހުގެ އަޑު އެހުމުގައި ވާހަކަ ދެކެވުނީ ސިއްރު ހެކިވެރިޔާ ހުށަހެޅި ސިޓީއާ ގުޅިގެންނެވެ.
މި އަޑު އެހުމުގައި ދައުލަތުން ޖުމްލަކޮށް ފާހަގަކުރީ ހެކިވެރިޔާ ހެކިބަސް ނެގުމަށްފަހު ސިޓީ ހުށަހެޅި މުއްދަތަށް ބަލާއިރު، ހެކިބަސް ނެގުމަށްފަހު ދެ އަހަރު ފަހުން، ހުކުމް ކުރުމަށް އިއުލާން ކުރި ފަހުންވެސް ގާތްގަނޑަކަށް މަހެއް ފަހުން ކަމަށެވެ.
ހެކިވެރިޔާ ސިޓީގައި ބުނެފައި ހުރި ކަންކަމަކީ ކުރިންވެސް އޭނާއަށް އޮތް ބިރެއްގެ ވާހަކައެވެ. އެކަމަކު ހެކިބަސް ދިންއިރު އެކަން ފާހަގަކުރެވެން އޮވެމެ އެކަން ފާހަގައެއް ނުކުރެއެވެ. ހެކިބަސް ދިންއިރު ދެއްކި ވާހަކައާއި ވިޑިއޯ ފުޓޭޖްތަކާ ދިމާވެއެވެ.
އޭގެ ދިފާއުގައި، ދިފާއީ ވަކީލުން ފާހަގަ ކުރީ، ހެކިވެރިޔާއަށް ބިރުދައްކައި ނުފޫޒު ފޯރުވި ކަމަށެވެ. ދިފާއުން މައިގަނޑު ގޮތެއްގައި އެގޮތަށް ފާހަގަކުރަނީ އެ ހެކިވެރިޔާއަކީ މި މައްސަލައިގައި ހަމައެކަނި، ހަމަލާ ދިނުމަށްފަހު ތުހުމަތުކުރެވޭ މީހުން ނުކުމެގެން ދިޔައިރު ފެނުނު މީހާއެވެ. ފެށުނީއްސުރެ މި ހެކިވެރިޔާއަށް ދައުވާ ލިބޭ މީހުން ދިޔައީ އުނދަގޫކޮށް ދުއްތުރާ ކުރަމުން، އަދި ބިރުދައްކަމުންނެވެ.
ހައިކޯޓުގެ އެންގުމާ އެއްގޮތަށް، އެ މައްސަލަ އަލުން ބަލަން ފެށީ މި އަހަރުގެ ފެބްރުއަރީ މަހުއެވެ. މައްސަލަ އަލުން ބަލަނީ ތިން ފަނޑިޔާރުން ހިމެނޭ ބެންޗަކުންނެވެ. ކްރިމިނަލް ކޯޓުގައި އާއްމުކޮށް ކޮންމެ މައްސަލައެއްވެސް ބަލަނީ ވަކިވަކި ފަނޑިޔާރުން އެކަންޏެވެ. އެކަމަކު މީގެ ކުރިންވެސް ބެންޗުން ބައެއް މައްސަލަ ބަލައިފައިވެއެވެ. ބެންޗުގައި ހިމެނެނީ ގާޒީ އިބްރާހިމް އިހުސާން، ގާޒީ މުހައްމަދު މިސްބާހު އަދި ގާޒީ އަލީ ނަދީމެވެ.