މަގު ކޮނުމާއި އިމާރާތް ކުރުމުގެ މަސައްކަތުގައި، ކޭބަލްތަކަށް ސަމާލުވުމަށް ސްޓެލްކޯގެ އިލްތިމާސެއް

ގެއްލުން ލިބުނު ކޭބަލް ކައިރީގައި ސްޓެލްކޯގެ މުވައްޒަފުން: މަގު ކޮނުމާއި އިމާރާތް ކުރުމުގެ މަސައްކަތުގައި، ކޭބަލްތަކަށް ސަމާލުވުމަށް ސްޓެލްކޯއިންވަނީ އިލްތިމާސްކޮށްފައި -- ފޮޓޯ/ ސްޓެލްކޯ

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ބަޔަކު އިމާރާތް ކުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށް، ކަރަންޓު ދިނުމަށް އަޅާފައިވާ މައި ކޭބަލަކަށް ގެއްލުންވެ އަށް ގަޑިއިރަށް ކަރަންޓު ކެނޑިއްޖެއެވެ. މިކަމާ ގުޅިގެން މަގު ކޮނުމާއި އިމާރާތް ކުރުމުގެ މަސައްކަތްތަކުގައި ބިމު އަޑިން އަޅާފައިވާ ކަރަންޓު ކޭބަލްތަކަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް ސްޓެލްކޯއިން ވަނީ އިލްތިމާސްކޮށްފައެވެ.

  • ހުޅުމާލޭ ދެވަނަ ފިޔަވަހިން އަށް ގަޑިއިރަށް ކަރަންޓު ކެނޑުން.
  • މައްސަލަ ދިމާވީ އިމާރާތް ކުރުމުގެ މަސައްކަތުގެ ތެރެއިން ކޭބަލަކަށް ގެއްލުންވުމުން.
  • ބިމު އަޑީގެ ކޭބަލްތަކަށް ސަމާލުވުމަށް ސްޓެލްކޯއިން އިލްތިމާސްކުރުން.
  • މައްސަލައަށް ހައްލެއް ހޯދުމަށް ސްޓެލްކޯއާއި އެޗްޑީސީން މަޝްވަރާކުރުން.

ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ބައެއް ޓަވަރުތަކަށް އިއްޔެ ކަރަންޓު ކެނޑި، އަށް ގަޑިއިރުވި މައްސަލަ ދިމާވީ ކޭބަލަކަށް ގެއްލުންވުމުގެ ސަބަބުންކަން ފާހަގަކޮށް، މަގު ކޮނުން ފަދަ މަސައްކަތްކުރާއިރު ކޭބަލްތަކަށް ސަމާލުވުމަށް ސްޓެލްކޯއިން މިރޭ އިލްތިމާސްކޮށްފިއެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ބައެއް ހިޔާ ޓަވަރުތަކާއި ވިނަރެސް އެޕާޓްމެންޓުތަކުން އިއްޔެ ކަރަންޓު ކެނޑިފައިވާ ކަމަށް ރިޕޯޓުކުރަން ފެށީ 15:30ހާއިރެވެ.

"ސަން"އަށް މައުލޫމާތު ލިބުނު ގޮތުގައި ފުރަތަމަ ކަރަންޓު ކެނޑުނީ ހިޔާގެ އަށް ޓަވަރަކާއި ވިނަރެސްގެ ބައެއް ޓަވަރުތަކުންނެވެ. ނަމަވެސް މައްސަލަ ހައްލުނުވެ، އިތުރު ޓަވަރުތަކުން ވެސް ފަހުން ކަަރަންޓު ކެނޑިފައިވާ ކަމަށް އެ ސަރަހައްދުގައި ދިރިއުޅޭ މީހުން މައުލޫމާތު ދީފައިވެއެވެ.

ސްޓެލްކޯއިން ހުރިހާ ޓަވަރަކަށް ކަރަންޓު ދެވިފައިވާ ކަމަށް ބުނީ ރޭ 23:30ހާއިރެވެ.

އެ ކުންފުނިން މިރޭ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، އިއްޔެ ބަކަރަންޓުގެ ޚިދުމަތް މެދުކެނޑުނީ، ދެވަނަ ފިޔަވަހީގައި ބަޔަކު އިމާރާތް ކުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ކަރަންޓު ދިނުމަށް އަޅާފައިވާ މައި ކޭބަލަކަށް ލިބުނު ގެއްލުމަކާ ގުޅިގެން ކަމަށެވެ.

އެހެންވެ، މަގު ކޮނުމާއި، އިމާރާތްކުރުމުގެ މަސައްކަތްތައް ކުރިއަށްގެންދާއިރު، ބިމު އަޑިން އަޅާފައިވާ ކަރަންޓު ކޭބަލްތަކަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް ސްޓެލްކޯއިން އިލްތިމާސްކުރިއެވެ. އެގޮތަށް ސަމާލުވުމުން، އިއްޔެ ހިނގި ފަދަ ހާދިސާތަކުގެ ސަބަބުން ކުންފުންޏަށާއި އާންމު ރައްޔިތުންނަށް ކުރިމަތިވާ ދަތިތަކާއި ލިބޭ ގެއްލުންތަކުން ސަލާމަތްވެވޭނެކަން އެ ކުންފުނިން ފާހަގަކުރިއެވެ.

ދެވަނަ ފިޔަވަހިން ކަރަންޓު ކެނޑޭ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމާ ގުޅޭ ގޮތުން ސްޓެލްކޯއިން މިއަދު، ހުޅުމާލެ ބަލަހައްޓާ ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އާ ވެސް މަޝްވަރާކޮށްފައިވެއެވެ.

https://sun.mv/220563

ގިނަ އާއިލާތަކެއް ދިރިއުޅޭ ހިޔާ ޓަވަރުތަކަށް އިއްޔެ ހަވީރާއި ރޭގަނޑު ކަރަންޓު ނުލިބި ގިނައިރުވުމުން، ވަރަށް ގިނަ ބަޔަކަށް ދަތިތަކާ ކުރިމަތިލާން ޖެހުނުކަން ފާހަގަކޮށްފައިވެއެވެ.

ހުޅުމާލޭ ދެވަނަ ފިޔަވައްސަކީ ބޮޑު އާބާދީއެއް އޮންނަ، މިހާރު ވެސް ގިނަ ބަޔަކު ބަދަލުވަމުން އަންނަ ސަރަހައްދެކެވެ. އެހެންކަމުން އެ ސަރަހައްދުގައި މިހާރު ވެސް އިމާރާތްކުރުމުގެ ގިނަ މަސައްކަތްތަކެއް ކުރަމުންދެއެވެ. އެފަދަ މަސައްކަތްތަކުގެ ތެރެއިން، ކޭބަލްތަކަށް ގެއްލުންވެ މީގެ ކުރިން ވެސް ކަރަންޓު ކެނޑިފައި އެބަހުއްޓެވެ.

ދެވަނަ ފިޔަވަހީގައި ދިރިއުޅޭ އެތައް ހާސް އާއިލާއަށް އަސާސީ ޚިދުމަތްތައް އެކަށީގެންވާ ގޮތެއްގައި ފޯރުކޮށްނުދެވޭ ކަމުގެ ގިނަ ކަންބޮޑުވުންތަކެއް އޮވެއެވެ.

comment ކޮމެންޓް