ރައީސް އޮފީހުގެ ކުރީގެ ޗީފް އޮފް ސްޓާފް ޢަލީ ޒާހިރު، މޮރިޝަސް ބޭންކަށް ދައްކަން ހުކުމްކޮށްފައި އޮތް، 2.3 މިލިއަން ރުފިޔާ، ކޯޓުން ބޭރުގައި ދައްކައި މައްސަލަ ނިންމައިފިއެވެ.
މޮރިޝަސް ކޮމާޝަލް ބޭންކަށް، އަލީ ޒާހިރު ދެ މިލިއަން ތިން ލައްކަ ފަސް ހާސް އެއްސަތޭކަ ރުފިޔާ (2,305,100ރ.) ދައްކަން ޖެހޭ ކަމަށް، ސިވިލް ކޯޓުން ހުކުމް ކުރި މައްސަލައަކީ، ޗެކެއް ދޫކުރެއްވުމުން އޭނާގެ އެކައުންޓްގައި އެ ވަރަށް ފައިސާ ނެތީސް، އޯވަޑްރާފްޓެއްގެ ގޮތުގައި ބޭންކުން ޗެކަށް ފައިސާ ދޫކުރި މައްސަލައެވެ.
ރެކޯޑްތަކުން ދައްކާ ގޮތުގައި، އަލީ ޒާހިރުގެ އެކައުންޓަށް ޖަމާކުރީ ރައީސް އޮފީހުގެ ކުރީގެ އަންޑަ ސެކްރެޓަރީ އަދި ހައްޖު ކޯޕަރޭޝަންގެ އޭރުގެ ޗެއާމަން އަބްދުﷲ ނަސީރު މުހައްމަދުގެ ޗެކެކެވެ.
އަލީ ޒާހިރު ޗެކް ދޫކުރެއްވީ އޭނާގެ އެކައުންޓަށް ހަތަރު މިލިއަން ރުފިޔާ ޖަމާވިކަމުގެ ބޭންކް ސްލިޕް ލިބުމުންނެވެ. އެކަމަކު އޭރު ފައިސާ ޖަމާ ނުވިޔަސް، ބޭންކުން ޗެކަށް ފައިސާ ދޫކުރިއެވެ. އަދި ފަހުން ބޭންކުން ވަނީ އޭނާ 2.3 މިލިއަން ރުފިޔާ ދައްކަވަން ޖެހޭނެ ކަމަށް އަންގައިފައެވެ.
އެ މައްސަލައިގައި އޭނާ ފުރަތަމަ ސިވިލް ކޯޓަށް ވަޑައިގަތީ، ބޭންކުގެ އެންގުން ބާތިލް ކުރުމަށް އެދިއެވެ.
ސިވިލް ކޯޓުން އޭނާއާ ދެކޮޅަށް ހުކުމް ކުރި މި މައްސަލަ ހިފައިގެން ސުޕްރީމް ކޯޓާ ހަމައަށްވެސް އަލީ ޒާހިރު ވަޑައިގަތެވެ. އެކަމަކު، ހައިކޯޓާއި ސުޕްރީމް ކޯޓުންވެސް އަލީ ޒާހިރަށް ކާމިޔާބުނުވުމުން، އެންމެ ފަހުން ކޯޓުން ބޭރުގައި މައްސަލަ ނިންމީއެވެ.
ކޯޓުން ބޭރުގައި މި މައްސަލަ ނިންމައި، މޮރިޝަސް ކޮމާޝަލް ބޭންކަށް ދައްކަން ޖެހޭ ފައިސާ އަލީ ޒާހިރު ދައްކައި ޚަލާސްކޮށްފައިވާކަން، ސިވިލް ކޯޓުން މިއަދު ނިންމި ނިންމުމުން އެނގެއެވެ.
އެ ނިންމުނުގައިވާ ގޮތުން، އަލީ ޒާހިރުވަނީ 2.3 މިލިއަން ރުފިޔާ މޮރިޝަސް ކޮމާޝަލް ބޭންކަށް އެއް ފަހަރާ ދައްކައި ޚަލާސްކޮށްފައެވެ.