ގައްދޫގައި ދަރިވަރަކު އަންހެން މުދައްދިރަސަކަށް އަނިޔާ ކުރުމުން، އިތުރު ފަރުވާއަށް ތިނަދުއަށް

ގދ. އަތޮޅު ސްކޫލް: ގައްދޫގައި ދަރިވަރަކު އަންހެން މުދައްދިރަސަކަށް އަނިޔާ ކުރި މައްސަލައެއް ވަނީ ފެންމަތިވެފައި -- ފޮޓޯ/ ގދ. އަތޮޅު ސްކޫލް

ގދ. ގައްދޫގައި ހުންނަ އަތޮޅު މަދަރުސާގައި ކިޔަވައިދޭ އިންޑިއާގެ އަންހެން މުދައްރިސަކަށް އެ ސްކޫލުގެ ދަރިވަރަކު ޖިސްމާނީ އަނިޔާކުރި މައްސަލައެއް ފުލުހުންނާއި ކަމާބެހޭ އިދާރާތަކުން އަންނަނީ ތަހުގީގު ކުރަމުންނެވެ. އަނިޔާވި މުދައްރިސަށް ގައްދޫ ހެލްތު ސެންޓަރުން ފަރުވާ ދިނުމަށްފަހު، އިތުރު ފަރުވާއަށް މިހާރު ވަނީ ގދ. ތިނަދޫގައި ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ބަދަލުކޮށްފައެވެ.

  • ގދ. އަތޮޅު މަދަރުސާގެ ދަރިވަރަކު އިންޑިއާ އަންހެން މުދައްރިސަކަށް ޖިސްމާނީ އަނިޔާކޮށްފި
  • މި މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މިއަދު އެގާރަ ގަޑި ސާޅީސް ހައެއް ހާއިރު
  • އަނިޔާވި މުދައްރިސަށް އިތުރު ފަރުވާ ދިނުމަށް ތިނަދުއަށް ވަނީ ބަދަލުކޮށްފައި
  • ފުލުހުންނާއި ކަމާބެހޭ އެހެނިހެން އިދާރާތައް ގުޅިގެން މި މައްސަލަ އަންނަނީ ތަހުގީގު ކުރަމުން

ގދ. ގައްދޫގައި ހުންނަ އަތޮޅު މަދަރުސާގައި ދަރިވަރަކު، އަންހެން މުދައްރިސަކަށް އަނިޔާކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ، ގދ. އަތޮޅު މަދަރުސާގައި ކިޔަވައިދޭ އިންޑިއާގެ އަންހެން މުދައްރިސަކަށް އެ ސްކޫލުގެ ދަރިވަރަކު ޖިސްމާނީ އަނިޔާކުރި މައްސަލައެއް މިއަދު 11:46 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

އެ ހާދިސާގައި އަނިޔާވި މުދައްރިސަށް އެ ރަށު ހެލްތު ސެންޓަރުގައި ފަރުވާ ދިނުމަށް ފަހު އިތުރު ފަރުވާއަށް ތިނަދޫގައި ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ބަދަލުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެ ޓީޗަރަށް ލިބިފައިވާ އަނިޔާތަކާ ގުޅޭ އިތުރު ތަފުސީލެއް މިހާތަނަށް ލިބިފައިނުވެއެވެ.

އެ މައްސަލަ، ކަމާބެހޭ އެހެނިހެން އިދާރާތަކާ ގުޅިގެން ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް އެ މުއައްސަސާއިން ބުންޏެވެ.

comment ކޮމެންޓް