ނޭމާއަށް ވޯލްޑް ކަޕުގެ ދޮރު އަދި ބަންދެއް ނުވޭ، އަންޗެލޮޓީ ދިނީ 60 ދުވަސް

ބްރެޒިލްގެ ސަންތޯސް ޖާރޒީގައި ނޭމާ--

މިއަހަރުގެ ވޯލްޑް ކަޕްގައި ބްރެޒިލް ތަމްސީލުކުރާ ސްކޮޑުން ޖާގަ ހޯދުމުގެ ފުރުސަތު ނޭމާއަށް އަދިވެސް އެބައޮތްކަމަށް ކޯޗު ކާލޯ އަންޗެލޮޓީ ވަނީ ހާމަކޮށްފައެވެ. 2023 ވަނަ އަހަރު ލިބުނު ކަކުލުގެ އަނިޔާއަކާ ގުޅިގެން ގައުމީ ޓީމާ ދުރުގައި ހުރި ނަމަވެސް، ކުރިއަށް އޮތް 60 ދުވަހުގެ ތެރޭގައި ފިޓްނަސް ސާބިތުކޮށްދީފިނަމަ އޭނާއަށް ޓީމުން ޖާގަ ލިބޭނެއެވެ. ފްރާންސާ ދެކޮޅަށް ކުޅުނު މެޗުން ބަލިވުމުން ސަޕޯޓަރުން ވަނީ ނޭމާ ޓީމަށް ގެނައުމަށް ގޮވާލާފައެވެ.

  • ނޭމާއަށް ވޯލްޑް ކަޕް ސްކޮޑުން ޖާގަ ހޯދުމަށް 60 ދުވަހުގެ މުހުލަތެއް ދީފި
  • އަނިޔާއަށްފަހު އޭނާގެ ފިޓްނަސް ކޯޗު އަންޗެލޮޓީ އާއި ފެޑަރޭޝަނުން ދަނީ މޮނިޓަރ ކުރަމުން
  • ފްރާންސާ ދެކޮޅަށް ކުޅުނު މެޗުގައި ސަޕޯޓަރުން ވަނީ ނޭމާ ޓީމަށް ގެނައުމަށް ގޮވާލާފައި
  • ބްރެޒިލް ހިމެނެނީ މޮރޮކޯ، ހެއިޓީ އަދި ސްކޮޓްލޭންޑާއެކު ގްރޫޕް ސީގައި

މިއަހަރު ބާއްވާ ފީފާ ވޯލްޑް ކަޕަށް ބްރެޒިލުން އެކުލަވާލާ 26 ކުޅުންތެރިންގެ ފައިނަލް ސްކޮޑުން ޖާގަ ހޯދުމުގެ ފުރުސަތު ތަރި ނޭމާ ޖޫނިއާއަށް އަދިވެސް އެބައޮތް ކަމަށާއި، ނަމަވެސް އެކަން ކަށަވަރުކުރުމަށްޓަކައި އޭނާގެ ކިބައިގައި ހުންނަންޖެހޭ ފެންވަރު ސާބިތުކޮށްދިނުމަށް އަދި ދެ މަސްދުވަހުގެ މުހުލަތެއް އެބައޮތް ކަމަށް ބްރެޒިލްގެ ކޯޗު ކާލޯ އަންޗެލޮޓީ ބުނެފިއެވެ.

ބްރެޒިލްގެ ތާރީޚުގައި އެންމެ ގިނަ ލަނޑު ޖަހައިދިނުމުގެ ރެކޯޑު 79 ގޯލާއެކު އޮތް ނޭމާރު، 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ލިބުނު ކަކުލުގެ ނުރައްކާތެރި އަނިޔާއަށްފަހު ގައުމީ ޓީމުގެ މެޗެއް ކުޅެފައިނުވާއިރު، މިދިޔަ އަހަރު ސަންތޯސްއާ ގުޅި އަލުން ކުޅުމަށް އެނބުރި އައި ނަމަވެސް އޭނާއަށް ވަނީ ގަވާއިދުން މެޗުތައް ކުޅުމުގައި ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ.

މި ސަބަބާހުރެ، މިދިޔަ މަހު ފްރާންސް އަދި ކްރޮއޭޝިއާއާ ދެކޮޅަށް ބްރެޒިލް ކުޅުނު އެކުވެރިކަމުގެ މެޗުތަކަށް ނެގި ސްކޮޑުންވެސް އޭނާއަށް ޖާގަ ދީފައެއް ނުވެއެވެ.

ފްރާންސްގެ 'ލެކިއުޕް' ނޫހަށް ދިން ތަފްސީލީ އިންޓަވިއުއެއްގައި އަންޗެލޮޓީ ހާމަކުރި ގޮތުގައި، ނޭމާއަކީ އާދަޔާ ހިލާފު ހުނަރުވެރިއެއް ކަމަށާއި އޭނާގެ އެހީތެރިކަމާއެކު ބްރެޒިލަށް ވޯލްޑް ކަޕް ކާމިޔާބު ކުރެވިދާނެ ކަމަށް ގިނަ ބަޔަކު އުންމީދު ކުރެއެވެ.

އަންޗެލޮޓީ ބުނީ ނޭމާރުގެ ފިޓްނަސް އާއި ކުޅުން ބްރެޒިލްގެ ފުޓްބޯޅަ ފެޑަރޭޝަނުންނާއި އޭނާ ވެސް އަންނަނީ ވަރަށް ގާތުން މޮނިޓަރ ކުރަމުން ކަމަށާއި، އަނިޔާއަށްފަހު އެނބުރި އައިސް އޭނާ ގޯލު ޖަހަމުންދާ ދިއުމަކީ އޭނާ މިހާރު ހުރީ ރަނގަޅު މިސްރާބެއްގައި ކަމުގެ ހެއްކެއް ކަމަށެވެ.

އެހެންނަމަވެސް، ސްކޮޑުން ޖާގަ ލިބޭނީ ކުރިއަށް އޮތް ދެ މަސްދުވަހުގެ ތެރޭގައި އޭނާގެ ފިޒިކަލް ފިޓްނަސް އިތުރަށް ރަނގަޅުކޮށް، ވޯލްޑް ކަޕް ފަދަ މުބާރާތެއްގައި ކުޅެވޭ ފެންވަރުގެ ކުޅުންތެރިއެއްކަން ސާބިތުކޮށްދިނުމުން ކަމަށްވެސް ކޯޗު ފާހަގަކުރިއެވެ.

މިދިޔަ މަހު ބޮސްޓަންގައި ފްރާންސް އަތުން ބްރެޒިލް 2-1 އިން ބަލިވި މެޗުގައި ސަޕޯޓަރުން ނޭމާރުގެ ނަމުން ގޮވައި، އޭނާ ޓީމަށް ގެނައުމަށް ބާރުއަޅާފައިވާއިރު، އަންޗެލޮޓީ މިހާރު ވަނީ ވޯލްޑް ކަޕަށް ދިއުމުގެ ދޮރު ނޭމާރަށް މުޅިން ބަންދުނުވާކަން ކަށަވަރުކޮށްދީފައެވެ.

އެމެރިކާ، ކެނެޑާ އަދި މެކްސިކޯގައި ޖޫން 11 އިން ޖުލައި 19 އަށް ބާއްވާ މި ފަހަރުގެ ވޯލްޑް ކަޕްގައި ބްރެޒިލް ހިމެނެނީ މޮރޮކޯ، ހެއިޓީ އަދި ސްކޮޓްލޭންޑާއެކު ގްރޫޕް ސީ ގައެވެ.

ބްރެޒިލްގެ ފުރަތަމަ މެޗު ޖޫން 13 ވަނަ ދުވަހު ކުޅުމަށް ހަމަޖެހިފައިވަނީ ނިއު ޖާޒީގައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު