ރާއްޖެއަށް ދަތިކަމެއް ނެތި ތެޔޮ ލިބެމުންދާނެ، އުއްމީދަކީ އަންނަ ހޯމައިގެ ކުރިން އަގު ހެޔޮވުން: ޒަމީރު

ފޮރިން މިނިސްޓަރު ޒަމީރު: ވިދާޅުވީ އަންނަ ހޯމަ ދުވަހުގެ ކުރިން ބޭރުގެ ބާޒާރުގައި ސާފުކުރި ތެލުގެ އަގު ހެޔޮވެގެން ދާނެ ކަމަށް އުންމީދުކުރައްވާ ކަމަށް --- ފޮޓޯ: ފިނޭންސް މިނިސްޓްރީ

މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމަތަކުގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް ބަދަލުތަކެއް އައި ނަމަވެސް، ރާއްޖެއަށް ބޭނުންވާ ތެލާއި ގޭހުގެ ޝިޕްމަންޓުތައް ތާވަލުކުރެވިފައިވާ ގޮތަށް އެއްވެސް ދަތިކަމެއް ނެތި ލިބެމުންދާނެ ކަމުގެ ފުރިހަމަ ޔަގީންކަން ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު އާއި އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވަނީ ދެއްވާފައެވެ. މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ރާއްޖެއަށް ދިމާވެދާނެ ދަތިތައް ހައްލުކުރުމަށް އުފައްދާފައިވާ ވަޒީރުންގެ ކޮމިޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ޒަމީރު ވިދާޅުވީ، ސާފުނުކުރާ ތެލުގެ އަގަށް ބަދަލުތަކެއް އައި ނަމަވެސް، އަންނަ ހޯމަ ދުވަހުގެ ކުރިން ސާފުކުރި ތެލުގެ އަގު ހެޔޮވާނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ. ހަމައެއާއެކު، އިކޮނޮމިކް މިނިސްޓަރު ސަޢީދު ވަނީ ކުރިއަށް އޮތް ދުވަސްތަކުގައި ޑީސަލް އާއި ޕެޓްރޯލް އަދި ގޭސް ލިބޭނެ ވަކި ތާރީޚުތަކެއް ތަފްސީލުކޮށް ހިއްސާކުރައްވާފައެވެ. މިގޮތުން މެއި އަދި ޖޫން މަހުގެ އެކި ދުވަސްތަކުގައި ޝިޕްމަންޓުތައް ލިބޭނެކަން ކަށަވަރުކޮށްދެއްވިއެވެ. މީގެ އިތުރުން، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުނު ނަމަވެސް، ސަރުކާރުން ވަނީ ރާއްޖޭގައި ތެލުގެ އަގު ބޮޑުކުރުމުގެ އެއްވެސް ވިސްނުމެއް ނެތްކަން ހާމަކޮށްފައެވެ. އަދި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ގައުމީ ތެލުގެ ރިޒާވެއް ގާއިމުކުރުމުގެ މަސައްކަތާއި ދިރާސާތައް ކުރިއަށްދާކަން ކުރިން އިއުލާނުކުރައްވާފައިކަންވެސް ފާހަގަކުރެވެއެވެ.

  • ރާއްޖެއަށް އެއްވެސް ދަތިކަމެއް ނެތި ތެލާއި ގޭސް ލިބޭނެކަމުގެ ޔަގީންކަން ސަރުކާރުން ދީފި.
  • އަންނަ ހޯމަ ދުވަހުގެ ކުރިން ބޭރުގެ ބާޒާރުގައި ސާފުކުރި ތެލުގެ އަގު ހެޔޮވާނެ ކަމަށް އުއްމީދުކުރެވޭ.
  • ކުރިއަށް އޮތް ދުވަސްތަކުގައި ތެލާއި ގޭސް ޝިޕްމަންޓުތައް ލިބޭނެ ތާރީޚުތައް އިއުލާނުކޮށްފި.
  • ރާއްޖޭގައި ތެލުގެ އަގު ބޮޑުކުރުމުގެ ވިސްނުމެއް ނެތްކަމާއި ގައުމީ ރިޒާވެއް ހެދުމުގެ މަސައްކަތް ދަނީ ކުރެވެމުން.

ރާއްޖެއަށް އެއްވެސް ދަތިކަމެއް ނެތި ތެޔޮ ލިބެމުންދާނެ ކަމަށާއި، އުއްމީދަކީ އަންނަ ހަފުތާގެ ހޯމަ ދުވަހުގެ ކުރިން ބޭރުގެ ބާޒާރުގައި ސާފުކޮށްފައިވާ ތެލުގެ އަގު ހެޔޮވުން ކަމަށް، ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މިއަދު ވިދާޅުވެއްޖެއެވެ.

މެދުއިރުމަތީގައި އީރާނާއި އިސްރާއިލާއި އެމެރިކާއިން ކުރަމުން އަންނަ ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް ކުރިމަތިވެދާނެ ދަތިތައް ހައްލުކުރަން އެކުލަވާލި ވަޒީރުންގެ ކޮމިޓީގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޒަމީރު ވިދާޅުވީ، ތާވަލުކޮށްފައިވާ ގޮތަށް ގޭހާއި ތެލުގެ ޝިޕްމަންޓުތައް އެއްވެސް ދަތިކަމެއް ނެތި، ލިބޭނެ ކަމަށެވެ.

ޒަމީރު ވިދާޅުވީ، ހަނގުރާމަ ހުއްޓައިލުމަށްޓަކައި މަޝްވަރާއަށް ދިޔައިރު، މިދިޔަ ހަފުތާ ބަންދުގައި ކްރޫޑް އޮއިލް، ނުވަތަ ސާފުނުކުރާ ތެލުގެ އަގަށް ބަދަލު އައިކަން ފާހަގަވި ކަމަށެވެ. އެކަމަކު ސާފުކޮށްފައިވާ ތެލުގެ އަގުތަކަކަށް އެއްވެސް ހެޔޮ ބަދަލެއް މިދިޔަ ބުރާސްފަތި ދުވަހާއި ހުކުރު ދުވަހު ނާންނަ ކަމަށް ވިދާޅުވިއެވެ.

"އެކަމަކު އަޅުގަނޑުމެން އުއްމީދު މި ކުރަނީ [އަންނަ ހަފުތާގެ] ހޯމައާ ހިސާބަށް ދާއިރު ސާފު ތެލުގެ އަގަށް ކޮންމެވެސް ހެޔޮ ބަދަލެއް އަންނާނެއޭ، އެކަމަކު ހަނގުރާމަ ހުއްޓާނުލާތީ އެހެންވެ، އޭގެ ދަތިތައް އެބަހުރި،" އޭނާ ވިދާޅުވިއެވެ.

މިހާރުވެސް ތާވަލުކުރެވިފައިވާ ގޮތަށް، އެއްވެސް ދަތިކަމެއް ނެތި ތެލާއި ގޭހުގެ ޝިޕްމަންޓް ލިބެމުން އަންނާނެ ކަމަށް ވިދާޅުވާ ވިދާޅުވުން މިއަދުވެސް ޒަމީރު ވަނީ ތަކުރާރުކުރައްވައިފައެވެ.

ހަމަ މި ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތު ދެއްވަމުން އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވީ، އެއްވެސް ދަތިކަމެއް ނެތި ގޭހާއި ތެލުގެ ޝިޕްމަންޓް ލިބެމުން އަންނަ ކަމަށެވެ.

މިހާރު ސަރުކާރަށް ލިބިފައިވާ ތާރީޚުތަކަށް ބަލާއިރު، ޑީސަލްގެ ޝިޕްމަންޓުތައް މިއަދާއި އަންނަ ހޮނިހިރާއި މި މަހުގެ 24ވަނަ ދުވަހު ލިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އަންނަ މަހުގެ ހަތްވަނަ ދުވަހާއި 15ވަނަ ދުވަހު ވެސް ޑީސަލް ލިބޭނެ ކަމަށާއި، ޕެޓްރޯލްގެ ޝިޕްމެންޓުތައް އަންނަ ހޮނިހިރު ދުވަހާއި މި މަހުގެ 27ވަނަ ދުވަހު ލިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ހަމައެއާއެކު، މޭ މަހުގެ 18ވަނަ ދުވަހާއި ޖޫން މަހުގެ ދެވަނަ ދުވަހާއި 21ވަނަ ދުވަހު ވެސް ޕެޓްރޯލް ލިބޭނެ ކަމަށް ސައީދު ވިދާޅުވިއެވެ. އޭނާ ވިދާޅުވިގޮތުގައި މި މަހުގެ 22ވަނަ ދުވަހާއި 23ވަނަ ދުވަހުގެ ހިސާބުގައި ގޭހުގެ ޝިޕްމަންޓެއްވެސް ލިބޭނެއެވެ.

ފާހަގަކުރެވޭ ގޮތުގައި، މެދުއިރުމަތީގެ ހަނގުރާމައިގެ މި ދަނޑިވަޅުގައި ތެލުގެ އަގު އުފުލި ރާއްޖޭގައިވެސް ތެލަށް ކުރާ ޚަރަދު ބޮޑުވެފައިވާއިރު، ސަރުކާރުން ވަނީ ތެލުގެ އަގު އިތުރަށް ބޮޑުކުރުމުގެ ވިސްނުމެއް ނެތް ކަން ހާމަކޮށްފައެވެ. އަދި ތެލުގެ ގައުމީ ރިޒާވެއް ގާއިމްކުރުމަށް ދިރާސާކުރަމުން އަންނަ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްްޒު މިދިޔަ މާރިޗް މަހުގެ 22ވަނަ ދުވަހު ހާމަކުރައްވައިފައެވެ.

comment ކޮމެންޓް