ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި އޮތް މީހަކު 15 ދުވަހަށް ބަންދުކޮށްފި

އައިޖީއެމްއެޗް ކުރިމަތި -- ފޮޓޯ/ މާނިއު މުހައްމަދު

ތ. މަޑިފުއްޓަށް ނިސްބަތްވާ ފިރިހެނަކު މަސްތުވާތަކެތި ވިއްކާ ކަމުގެ ތުހުމަތުގައި ހައްޔަރުކޮށް، އޭނާ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި ވަނިކޮށް ޣައިރު ހާޒިރުގައި ކޯޓުން ވަނީ އޭނާ 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައެވެ. މި މީހާއަކީ ކުށުގެ ރެކޯޑު އޮންނަ އަދި މީގެ ކުރިންވެސް ހޯދާ ނުފެނިގެން ފުލުހުން އިއުލާނުކޮށްފައިވާ މީހެކެވެ. ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ބަލިހާލަތު ހުރިގޮތުން ޑޮކްޓަރުގެ ލިޔުމަކާއެކު ޣައިރު ހާޒިރުގައި ބަންދާމެދު ގޮތެއް ނިންމިދާނެކަމަށް ފަނޑިޔާރު ވަނީ ފާހަގަކުރައްވާފައެވެ. އަދި ހޮސްޕިޓަލުން ދޫކޮށްލުމާއެކު ވީ އެންމެ އަވަހަކަށް ފަނޑިޔާރެއްގެ ކުރިމައްޗަށް އޭނާ ހާޒިރުކުރުމަށް ވަނީ އަންގަވާފައެވެ.

  • މަސްތުވާތަކެތީގެ ތުހުމަތުގައި ތ. މަޑިފުށީ މީހަކު 15 ދުވަހަށް ބަންދުކުރުން
  • އޭނާ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައިވާތީ ބަންދު މަޖިލިސް ކުރިއަށް ގެންދިޔައީ ޣައިރު ހާޒިރުގައި
  • އޭނާއަކީ ކުށުގެ ރެކޯޑު އޮންނަ އަދި ކުރިންވެސް ފުލުހުން ހޯދަން އިއުލާނުކުރި މީހެއް
  • ހޮސްޕިޓަލުން ދޫކޮށްލުމާއެކު ކޯޓަށް ހާޒިރުކުރުމަށް ފަނޑިޔާރު ވަނީ އަންގަވާފައި

މަސްތުވާތަކެތި ވިއްކާ ކަމަށް ތުހުމަތު ކުރެވޭ މީހަކު ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި އޮއްވައި، 15 ދުވަހަށް ބަންދު މުއްދަތު ޖަހައިފިއެވެ.

ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި އޮއްވާ 15 ދުވަހަށް ބަންދު މުއްދަތު ޖެހީ، ތ. މަޑިފުށީ ފިރިހެނަކަށެވެ.

އޭނާގެ ބަންދު އަމުރުގައި ފަނޑިޔާރު ފާހަގަކުރައްވައިފައިވާ ގޮތުގައި، ޣައިރު ހާޒިރުގައި ބަންދު މަޖިލިސް ކުރިއަށް ގެންދިޔައީ އެ މީހާ އެޑްމިޓްކޮށްފައި އޮތުމުންނެވެ. އަދި ހޮސްޕިޓަލުން ދޫކޮށްލުމާއެކު ވީ އެންމެ އަވަހަކަށް ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރު ކުރުމަށްވަނީ އަންގަވައިފައެވެ.

މި ފިރިހެން މީހާ ހައްޔަރުކޮށްފައިވަނީ އިޖުރާއަތުތަކާ އެއްގޮތަށް ކަމަށް ފަނޑީޔާރުވަނީ ކަނޑައަޅުއްވައިފައެވެ. އަދި މި މީހާއަކީ ކުށުގެ ރެކޯޑް އޮންނަ މީހެއްކަންވެސް ފަނޑިޔާރުވަނީ ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން ރެކޯޑްތަކުން ދައްކާ ގޮތުގައި މި މީހާއަކީ މީގެ ކުރިން ހޯދާ ނުފެނިގެން ފޮޓޯއާއެކު ފުލުހުން އިއުލާންވެސް ކޮށްފައިވާ މީހެކެވެ.

ކުށެއްގެ ތުހުމަތުގައި ހައްޔަރުކުރެވޭ މީހަކު 24 ގަޑިއިރު ތެރޭގައި ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކުރަންވާނެ ކަމަށް ގާނޫނުއަސާސީގެ 48 ވަނަ މާއްދާގެ (ޣ) ގައި ބަޔާންކުރެއެވެ. ނަމަވެސް، ބައެއް ޙާލަތްތަކުގައި އެ މީހަކު ހާޒިރުނުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ އިޚްތިޔާރު ގާނޫނުން ފަނޑިޔާރަށް ލިބިދެއެވެ.

​ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 60 ވަނަ މާއްދާގެ (ކ) ގައިވާ ގޮތުން، ބަލިހާލަތު ހުރިގޮތުން ކޯޓަށް ހާޒިރުކުރެވެން ނެތުމުން ޑޮކްޓަރެއްގެ ލިޔުން ހުށަހަޅާފައިވާ ނަމަ ޣައިރު ހާޒިރުގައި ބަންދު މަޖިލިސް ކުރިއަށް ގެންދެވިދާނެއެވެ. އަދި ބަންދު ކުރެވޭ މީހާގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ނުވަތަ އޭނާގެ ފަރާތުން އެހެން ބައެއްގެ ސަލާމަތަށް ނުރައްކާވެދާނެ ފަދަ ސަބަބެއް އޮތް ނަމަވެސް ޣައިރު ހާޒިރުގައި ބަންދު މަޖިލިސް ކުރިއަށް ގެންދެވިދާނެއެވެ.

މީހަކު ޣައިރު ހާޒިރުގައި ބަންދާމެދު ގޮތެއް ނިންމާއިރުވެސް، އޭނާގެ ފަރާތުން ގާނޫނީ ވަކީލަކަށް ބަންދު މަޖިލީހުގައި ބައިވެރިވުމުގެ ފުރުޞަތު އޮންނަންވާނެއެވެ. އަދި ފަނޑިޔާރު ޣައިރު ހާޒިރުގައި ބަންދާމެދު ގޮތެއް ނިންމާއިރު، އޭނާ ބަންދުގައި ބަހައްޓަންޖެހޭ ސަބަބުތައް ތަހުގީގީ އިދާރާއިން ހުށަހަޅަންޖެހޭނެއެވެ. އަދި އޭނާ ބަލިވެގެން ހާޒިރު ނުކުރެވުނު ނަމަ، އެ ބަލިމަޑުކަމެއް ފިލައިގެން ދަންދެން ނުވަތަ ކަނޑައެޅޭ ވަކި މުއްދަތަކަށް ބަންދު އިތުރުކުރެވިދާނެއެވެ.

ޣައިރު ހާޒިރުގައި ބަންދު އިތުރުކުރި ސަބަބު ފިލައިދިއުމުން (މިސާލަކަށް ބަލި ފަސޭހަވުމުން)، އެންމެ އަވަސް ފުރުޞަތެއްގައި އޭނާ ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކުރަންޖެހޭނެއެވެ.

comment ކޮމެންޓް