ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީ އިންތިޚާބުގެ ދެވަނަ ބުރުގައި ވޯޓުލާ ތަން ބަދަލުކުރަން ބޭނުންވާ މީހުންނަށް ރީ-ރަޖިސްޓްރޭޝަންވުމުގެ ފުރުސަތު މާދަމާ ހުޅުވާލުމަށް ނިންމައިފިއެވެ.
މިކަމާ ގުޅޭ ގޮތުން މައުލޫމާތު ދެއްވަމުން އިލެކްޝަންސް ކޮމިޝަންގެ ޑިރެކްޓަރު އާމިނަތު އަޒީފާ ވިދާޅުވީ، އޭޕްރިލް 13 ވާ ހޯމަ ދުވަހުން ފެށިގެން ރީ-ރަޖިސްޓްރޭޝަނަށް ފުރުސަތު ހުޅުވާލާނެ ކަމަށެވެ. އަދި މިހާރު ވޯޓާސް ލިސްޓަށް ބަލާއިރު، މި މަހުގެ 18 ވަނަ ދުވަހަށް، 18 އަހަރު ފުރިގެން ލިސްޓަށް އިތުރުވެފައިވާ ފަރާތްތަކުގެ މައުލޫމާތު މިހާރު އާންމުކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑުމެން އެންމެ ފަހުން [އިންތިޚާބު] މި ބޭއްވުނު ތަނުގައި ހަމަ ކޮންޓިނިއު ކުރާނީ. މިސާލަކަށް މާލޭގައި ވެއްޖެއްޔާ މާލެ، ހުޅުމާލެ އަދި ވިލިމާލޭގެ މީހުން ހަމަ މާލޭގައި މިގޮތަށް ރަޖިސްޓާ ކޮށްފައި [ކޮންޓިނިއު ކުރާނީ]. އޭގެ އިތުރަށް އެހެން ތަނަކަށް ރެޖިސްޓާ ވާން ބޭނުންވާ ފަރާތްތަކަށް މި ފުރުސަތުގައި ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލެވޭނެ," އަޒީފާ އިތުރަށް ވިދާޅުވިއެވެ.
އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި އިންތިޚާބުގެ ދެވަނަ ބުރުގައި ވޯޓުދިނުމުގެ ޙައްގު ލިބިފައިވާ މީހުންގެ ލިސްޓުގެ ގޮތުގައި ބަލާނީ، މި މަހުގެ ހަތަރު ވަނަ ދުވަހު ބޭއްވި އިންތިޚާބުގެ ފައިނަލް ލިސްޓުގައިވާ ފަރާތްތަކާއި، އަލަށް 18 އަހަރު ފުރުނު ފަރާތްތަކެވެ. އެގޮތުން ފަސް ދާއިރާއަކަށް އަލަށް ވޯޓުލުމުގެ ޙައްގު ހަތް މީހަކަށް ލިބިފައިވާ ކަމަށް ކޮމިޝަނުން ބުންޏެވެ.
އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުން ފަސް ދާއިރާއެއްގައި ކުރިއަށްގެންދާއިރު، މީގެ ތެރޭގައި ހިމެނެނީ ބ. ދޮންފަނު ކައުންސިލްގެ އަންހެނުންނަށް ޚާއްސަ ގޮނޑިއާއި، ފުވައްމުލަކު ސިޓީ ދަޑިމަގު ދާއިރާގެ ކައުންސިލަރުގެ ގޮނޑިއެވެ. މީގެ އިތުރުން އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބު ހއ. ކެލާ، ހދ. ނޭކުރެންދޫ އަދި ލ. މާވަށުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
މި ދާއިރާތަކުގައި ދެވަނަ ބުރެއް ބާއްވަން ޖެހުނީ ފުރަތަމަ ބުރުގައި އިންތިޚާބު ކުރަންޖެހޭ އަދަދަށްވުރެ ގިނަ ކެންޑިޑޭޓުންނަށް އެއްވަރަކަށް ވޯޓު ލިބިފައިވާތީއެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ އަލަށް ވޯޓުލުމުގެ ޙައްގު ލިބޭ ފަރާތްތަކުގެ ރަޖިސްޓްރީ އޮންނާނީ އެ މީހެއްގެ ދާއިމީ އެޑްރެސް އޮންނަ ތަނެއްގައި ކަމަށެވެ.