މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ބަލިކޮށް، ބުރު ސްޕޯޓްސް ކްލަބުން އެފްއޭ ކަޕްގެ ސެމީ ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފިއެވެ.
ގަލޮޅު ދަނޑުގައި ކުޅުނު މި ފޯރިގަދަ މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު 2-2 އިން އެއްވަރުވެފައި އޮތުމުން، ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި ބުރު ކުރިހޯދީ 6-5 ގެ ނަތީޖާއަކުންނެވެ.
މިއީ މި ސީޒަނުގެ ދިވެހި ޕްރިމިއާ ލީގާއި ލީގު ކަޕް ކާމިޔާބުކުރި މާޒިޔާ އަށް ކުރިމަތިވި ހައިރާންކުރުވަނިވި ނާކާމިޔާބީއެކެވެ. ސެމީ ފައިނަލުގައި ބުރު ބައްދަލުކުރާނީ ވިކްޓަރީ ބަލިކޮށް ސެމީއަށް ދަތުރުކުރި ޓީސީ ސްޕޯޓްސް ކްލަބާ އެވެ.
މެޗުގެ ފުރަތަމަ ހާފު ލަނޑެއް ނުޖެހި ނިމުނު ނަމަވެސް، ދެވަނަ ހާފުގައި މާޒިޔާ އިން ވަނީ ދެ ގޯލުގެ ލީޑެއް ނަގައިފަ އެވެ. އެގޮތުން ހަމްޒާ މުހައްމަދު (ހަމްޕު) ޕެނަލްޓީއަކުން ފުރަތަމަ ލަނޑު ޖަހައިދިންއިރު، މުހައްމަދު އިލާން އިމްރާން ވަނީ އެ ޓީމުގެ ދެވަނަ ލަނޑު ކާމިޔާބުކޮށްފަ އެވެ.
އެހެންނަމަވެސް، މާޒިޔާގެ ފަރުވާކުޑަކަމުގެ ފައިދާ ނަގައި ބުރުން ވަނީ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ދެ ލަނޑު ޖަހައި މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ. ބުރުގެ ލަނޑުތައް ޖަހައިދިނީ ތޯއިފް ގާސިމް (ތޯއްޕެ) އާއި ގާނާގެ މިޑްފީލްޑަރު ޑިއަވަންޑޫ ޑިއާނޭ އެވެ.
ޕެނަލްޓީ ޝޫޓްއައުޓްގައި މާޒިޔާގެ ތިން ކުޅުންތެރިއަކު ފޮނުވާލި ޕެނަލްޓީ ނާކާމިޔާބުވިއިރު، ބުރުގެ ކީޕަރު އަބްދުﷲ އަރުޝަން ވަނީ މުހިންމު ސޭވްތަކެއް ކޮށްފަ އެވެ.
މާޒިޔާގެ ކެޕްޓަން ސަމޫހު އަލީ ފޮނުވާލި ޕެނަލްޓީ ހުރަސްދަނޑި މަތިން ދިޔައިރު، ލުއިސް އަލްމައިޑާ އާއި ހުސެއިން ސިފާއު (ކުރޯ) ގެ ޕެނަލްޓީތައް ވެސް ކާމިޔާބެއް ނުވިއެވެ. ބުރު މޮޅުވި ޕެނަލްޓީ ކާމިޔާބުކޮށްދިނީ މުހައްމަދު ނައިސަމް އެވެ. މިއީ ޕެނަލްޓީ ޖަހައިގެން މާޒިޔާ މުބާރާތަކުން ކެޓި ޖެހިޖެހިގެން ދެވަނަ ފަހަރެވެ.
މި ނަތީޖާއާއެކު އެފްއޭ ކަޕްގެ ސެމީ ފައިނަލްގެ މެޗުތައް މިހާރު ވަނީ ތަރުތީބުވެފަ އެވެ. ބުދަ ދުވަހު ހަވީރު ކުޅޭ ފުރަތަމަ ސެމީގައި ނިއު ރޭޑިއަންޓް ނުކުންނާނީ ތިންވަނަ ޑިވިޝަނުގެ ސަޕްރައިޒް، ބްލޫ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.
ބުދަ ދުވަހުގެ ރޭ ކުޅޭ ދެވަނަ ސެމީގައި ބުރު ސްޕޯޓްސް ކްލަބް ބައްދަލުކުރާނީ ޓީސީ ސްޕޯޓްސް ކްލަބާ އެވެ.