އީރާނާ ބެހޭގޮތުން ޓްރަމްޕްގެ ހަރުކަށި އިންޒާރެއް ޗައިނާއަށް

ޓްރަމްޕް

ޗައިނާއިން އީރާނަށް ހަތިޔާރު ފޯރުކޮށްދޭން މަސައްކަތްކުރާ ކަމަށް ބުނާ ޖާސޫސީ ރިޕޯޓްތަކަކާ ގުޅިގެން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޗައިނާއަށް ހަރުކަށި އިންޒާރެއް ދެއްވައިފިއެވެ. މިގޮތުން ޗައިނާއިން އީރާނަށް ވައިގެ ދިފާއީ ނިޒާމުތަކެއް ފޯރުކޮށްދޭން އުޅޭކަމަށް އެމެރިކާއިން ތުހުމަތުކުރެއެވެ. އަދި ހަމައެހެންމެ، އެމެރިކާގެ އެތެރޭގެ ސިޔާސީ މަސްރަހުގައި ރައީސް ޓްރަމްޕާ ދެކޮޅަށް ތަފާތު ތުހުމަތުތަކެއް ކުރެވި، މަގާމުން ދުރުކުރުމަށްވެސް ބައެއް ފަރާތްތަކުން ދަނީ ގޮވާލަމުންނެވެ.

  • ޗައިނާއިން އީރާނަށް ހަތިޔާރު ވިއްކަން އުޅޭކަމުގެ ތުހުމަތުގައި އެމެރިކާއިން އިންޒާރު ދިނުން
  • ރައީސް ޓްރަމްޕްގެ މައްޗަށް އެމެރިކާގެ އެތެރޭގައި ބޮޑެތި ގާނޫނީ އަދި ސިޔާސީ ތުހުމަތުތަކެއް ކުރެވުން
  • ޗައިނާއިން އީރާނަށް ފޯރުކޮށްދޭން އުޅެނީ ފައިޓާޖެޓް ވައްޓާލާ ނިޒާމެއްކަމަށް ބުނުން
  • އެމެރިކާއިން އީރާނާ ހަނގުރާމަކުރާ އެއް ސަބަބަކީ އީރާނުގެ ތެޔޮ ކޮންޓްރޯލްކޮށް ޗައިނާއަށް ޕްރެޝަރު ކުރުން ކަމަށް ރިޕޯޓްތައް ބުނުން

ވޮޝިންޓަން (12 އެޕްރީލް 2026) : ޗައިނާއިން އީރާނަށް ހަތިޔާރު ފޯރުކޮށްދޭން އުޅޭ ކަމުގެ ޖާސޫސީ ރިޕޯޓްތަކަކާ ގުޅިގެން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޗައިނާއަށް ހަރުކަށި އިންޒާރެއް ދެއްވައިފިއެވެ.

ޓްރަމްޕް ވިދާޅުވީ އީރާނަށް ހަތިޔާރު ފޯރުކޮށްދިނުމަކީ ޗައިނާއަށް "ނުރައްކާތެރި މައްސަލަތަކެއް" ކުރިމަތި ވާނެކަމެއް ކަމުގައެވެ. ނަމަވެސް ޗައިނާއަށް ކުރިމަތިވާނީ ކޮންކަހަލަ މައްސަލަތަކެއްކަން ޓްރަމްޕް ވިދާޅުވެފައެއް ނުވެއެވެ.

މުސްކުޅި ވުމުގެ ސަބަބުން ޓްރަމްޕްގެ ބުއްދި ގޯސްވަމުންދާ ކަމަށް އެމެރިކާގެ ބައެއް ނަފްސާނީ އިލްމުވެރިން ވިދާޅުވަމުން ގެންދަވާ މިދަނޑިވަޅުގައި އެމެރިކާގެ އަމިއްލަ މަސްލަހަތަށްވުރެ ޔަހޫދީ އިސްރާއީލުގެ މަސްލަހަތަށް ރިއާޔަތްކޮށްގެން އެމެރިކާ ހަނގުރާމައަކަށް ވައްޓާލާފައިވާތީ ޓްރަމްޕް މަގާމުން ދުރުކުރުމަށް ގޮވާލެވޭ އަޑުތައް އެމެރިކާގައި ވަނީ ގަދަވެފައެވެ.

އީރާން އާ ދެކޮޅަށް ކުރާ ހަނގުރާމައިގައި ހަނގުރާމައިގެ ޖަރީމާތައް ހިންގާފައިވާކަމުގެ ތުހުމަތުވެސް ޓްރަމްޕްގެ މައްޗަށްވަނީ ކުރެވިފައެވެ. މީގެއިތުރުން ޓްރަމްޕަކީ އެމެރިކާގެ ކުޑަކުދިންތަކަކަށް ޖިންސީ ގޯނާ ކޮށްފައިވާ މައްސަލަވެސް (އެޕްޓިންގެ ފައިލްތަކުން) ފެންމަތިވެ ޖިންސީ ގޯނާގެ ތުހުމަތުވެސް ކުރެވިފައިވާ މީހެކެވެ.

އެމެރިކާގެ ވެރިކަމަށް އައިއިރުވެސް ޓްރަމްޕްގެ މައްޗަށް ޖިނާއީ 34 ކުށް ސާބިތު ވެފައިވެއެވެ. ޖިނާއީ ކުށް ސާބިތުވެފައިވާ އެމެރިކާގެ އާދައިގެ ރައްޔިތެއްނަމަ އެމީހަކު އޮންނަންޖެހޭނީ ޖަލުގައެވެ.

އެމެރިކާގެ ޖާސޫސީ ރިޕޯޓްތަކަކާ ހަވާލާދީ "ނިޔުޔޯކް ޓައިމްސް" ބުނާގޮތުން ޗައިނާ ގެންދަނީ ފައިޓާޖެޓް ވައްޓާލުމަށް ބޭނުންކުރާ ސޮފިސްޓިކޭޓެޑް މިސައިލް ސިސްޓަމްތަކެއް އީރާނަށް ފޯރުކޮށްދޭން މަސައްކަތް ކުރަމުންނެވެ.

"މަންބާޑް" ނަމަކަށް ކިޔާ މި ނިޒާމަކީ ކޮނޑުމަތީގައި ބާއްވައިގެން މިސައިލް ފޮނުވާގޮތަށް ތައްޔާރުކޮށްފައިވާ ނިޒާމެކެވެ. ޗައިނާ މިކަން ދޮގުކުރެއެވެ. ނަމަވެސް އެމެރިކާގެ ޖާސޫސީ ރިޕޯޓްތައް ބުނާގޮތުން ޗައިނާގެ ކުންފުނިތަކުންވަނީ މިބާވަތުގެ މިސައިލް ސިސްޓަމްތަކެއް ހިމެނޭ ހަތިޔާރުގެ ޝިޕްމަންޓެއް މީގެކުރިންވެސް އީރާނަށް ފޯރުކޮށްދީފައެވެ.

"ނިޔުޔޯކް ޓައިމްސް" ބުނާގޮތުން އީރާނަށް ހަތިޔާރު ފޯރުކޮށްދީފައި އެކަން ދޮގުކުރުމަކީ ޗައިނާގެ އާދައެކެވެ. އަދި އެކަން ޗައިނާ ކުރަނީވެސް ވަރަށް ސިއްރު ގޮތެއްގައެވެ. ޗައިނާގެ ހަތިޔާރު އުފައްދާ ކުންފުނިތަކުން ވަނީ ހަތިޔާރު އުފައްދަން ބޭނުންވާ އެތައް ބާވަތެއްގެ މާއްދާތަކެއް ކުރިންވެސް އީރާނަށް ފޯރުކޮށްދީފައެވެ.

ޗައިނާއަކީ އީރާނުގެ ތެލާއި ގޭހަށް ވަރަށް ބޮޑަށް ބަރޯސާވާ ގައުމެކެވެ. އެމެރިކާއިން އީރާނާ ދެކޮޅަށް ހަނގުރާމަ ފަށާފައިވާ މަގްސަދުތަކުގެ ތެރޭގައިވެސް އީރާނުގެ ތެލަށް އަތްގަދަކޮށްގެން ޗައިނާއަށް ޕްރެޝަރުކުރުން ހިމެނޭކަމަށް ރިޕޯޓްތައް ބުނެއެވެ.

comment ކޮމެންޓް