ސޮފްވާންގެ ބަދަލުގައި ވޮލީ އެސޯސިއޭޝަނުގެ އެކްސްކޯއަށް ޝައްފަ

ވީއޭއެމްގެ އެކްސްކޯ ގޮނޑިއަށް އިންތިޚާބުކުރި ޝައްފަ--

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އެގްޒެކެޓިވް ކޮމިޓީގެ ހުސްވެފައިވާ މަގާމަށް މަޝްހޫރު ވޮލީ ކުޅުންތެރިޔާ އައިޝަތު ޝައްފަ ވަނީ އިންތިޚާބުކޮށްފައެވެ. މި މަގާމު ހުސްވީ ކުރިން އެ މަގާމުގައި ހުރި ކޯޗު ސޮފްވާން މުޙައްމަދު އަޚުލާގީ މައްސަލަތަކަކާ ގުޅިގެން އުމުރުދުވަހަށް ސަސްޕެންޑް ކުރުމުންނެވެ. ޝައްފަ އަކީ ޤައުމީ އަދި ކުލަބު ފެންވަރުގައި ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ތަޖުރިބާކާރު އެތުލީޓެކެވެ.

  • ވީއޭއެމްގެ އެކްސްކޯއަށް އައިޝަތު ޝައްފަ އިންތިޚާބުކުރުން
  • ކުރިން ހުރި ސޮފްވާން މުޙައްމަދު އުމުރުދުވަހަށް ސަސްޕެންޑްކުރުން
  • އަހަރީ އާންމު ޖަލްސާގައި ބައިވެރިވި ނުވަ ކުލަބުގެ ފުރިހަމަ އަޣުލަބިއްޔަތު ލިބުން
  • ޝައްފަ އަކީ މިހާރު އެކްސްކޯގައި ހިމެނޭ ދެވަނަ އަންހެން މެންބަރުކަން

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) ގެ ހުސްވެފައިވާ އެގްޒެގެޓިވް ކޮމިޓީ (އެކްސްކޯ) ގެ ގޮނޑިއަށް މަޝްހޫރު އަންހެން ވޮލީބޯޅަ ކުޅުންތެރިޔާ އައިޝަތު ޝައްފަ އިންތިޚާބުކޮށްފިއެވެ.

މީގެކުރިން އެ މަގާމުގައި ހުރީ ކޯޗު ސޮފްވާން މުޙައްމަދެވެ. އޭނާ އެ މަގާމުން ވަކިކުރީ އަހުލާގީ ބޮޑެތި މައްސަލަތަކެއް ފެންމަތިވުމާއި ގުޅިގެންނެވެ. އެއާއެކު ވީއޭއެމް އިން ރާވާ ހިންގާ ހުރިހާ ހަރަކާތްތަކަކުން ސޮފްވާން އަހުމަދު ވަނީ މުޅި އުމުރުދުވަހަށް ސަސްޕެންޑުކޮށްފައެވެ.

މި މަގާމަށް ޝައްފަ އިންތިޚާބުކުރީ ރޭ ބޭއްވި ވީއޭއެމުގެ އަހަރީ އާންމު ޖަލްސާގައި މެމްބަރު 13 ކުލަބުގެ ތެރެއިން ޖަލްސާއަށް ހާޒިރުވި ނުވަ ކުލަބުގެ ފުރިހަމަ އަގުލަބިއްޔަތުންނެވެ.

ވީއޭއެމުން ހޮނިހިރު ދުވަހުގެ ރޭ ބޭއްވި އަހަރީ އާންމު ޖަލްސާގެ ތެރެއިން--- ސަން ފޮޓޯ: ޝާތިއު އަބްދުﷲ

އައިޝަތު ޝައްފަ އަކީ ދިވެހި އަންހެން ވޮލީބޯޅައިގައި އެންމެ ފާހަގަކޮށްލެވޭ އެއް އެޓޭކަރެވެ. ޤައުމީ އަންހެން ވޮލީބޯޅަ ޓީމުގެ ކެޕްޓަންކަންވެސް ކޮށްފައިވާ ޝައްފަ އަކީ ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖެއަށް ރަންވަނަތަކެއް ހޯދައިދިނުމުގައި ބޮޑު ހިއްސާއެއް ފޯރުކޮށްދީފައިވާ ކުޅުންތެރިއެކެވެ.

ވީއޭއެމުން ރޭ ބޭއްވި ޖަލްސާގެ ތެރެއިން-- ސަން ފޮޓޯ: ޝާތިއު ޢަބްދުﷲ

ޚާއްޞަކޮށް 2019 ވަނަ އަހަރު ނޭޕާލްގައި ބޭއްވި ސައުތު އޭޝިއަން ގޭމްސްއިން ރާއްޖޭގެ އަންހެން ވޮލީ ޓީމުން ލޯ މެޑަލް ހޯދިއިރު، އޭނާގެ މޮޅު ކުޅުން ފާހަގަކޮށްލެވެއެވެ. މީގެއިތުރުން އެ އަހަރު ބަންގްލަދޭޝްގައި ބޭއްވި ސެންޓްރަލް ޒޯން އަންހެން ވޮލީބޯޅަ މުބާރާތުން ރިހި މެޑަލް ހޯދި ޓީމުގައިވެސް ޝައްފަ ހިމެނެއެވެ.

2019 ގެ ސެންޓްރަލް ޒޯންގެ ރަނަރަޕްކަން ހޯދި ރާއްޖޭގެ އަންހެން ޓީމު--

މީގެއިތުރުން ޝައްފަ ވަނީ އަންހެން އެންމެ މޮޅު ވޮލީ ކުޅުންތެރިއާގެ މަގާމު 2010 އަދި 2012 ވަނަ އަހަރު ހޯދާފައެވެ.

ކުލަބު ފެންވަރުގައި ބަލާއިރު، ޝައްފަ ވަނީ ރާއްޖޭގެ އެންމެ ވަރުގަދަ ކުލަބުތަކަށް ކުޅެދީ ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ. އޭގެ ތެރޭގައި ޕޮލިސް ކުލަބާއި، ކްލަބު ވެމްކޯ ފަދަ ޓީމުތަކާއެކު ޤައުމީ މުބާރާތްތަކާއި އެސޯސިއޭޝަން ކަޕްގެ ތަށި އޭނާ ވަނީ އުފުލާލާފައެވެ.

އޭނާގެ ބާރުގަދަ އެޓޭކްތަކާއި، ކުޅިވަރުގެ އަޚްލާޤުގެ ސަބަބުން އެތައް ފަހަރަކު މުބާރާތްތަކުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމާއި އެންމެ މޮޅު އައުޓްސައިޑް ހިޓަރުގެ މަޤާމު އޭނާ ވަނީ ހޯދާފައެވެ.

ޝައްފަ އަކީ މިއަދު ރާއްޖޭގައި އުފެދިފައިވާ އެންމެ ތަޖުރިބާކާރު އަދި ނަމޫނާ އެއް އެތުލީޓެވެ. އެއާއެކު އޭނާއަކީ މިހާރު ވީއޭއެމްގެ އެކްސްކޯގައި ހިމެނޭ ހަ މެމްބަރުންގެ ތެރެއިން އަންހެން ދެވަނަ މެމްބަރެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު