ރައީސް އަރިހުގައި ތިބި ބައެއް މީހުން ތާކުންތާކުނުޖެހޭ، މިހާ ނާގާބިލު ވަޒީރުންގެ މަޖިލީހެއް ވެސް އަދިނެތް: ޖަމީލު

ކުރީގެ ނައިބު ރައީސް ޑރ. ޖަމީލް: ވިދާޅުވީ ރައީސް އަރިހު ތިބީ ތާކުންތާކުން ނުޖެހޭ މީހުން ކަމަށް -- ސަން ފޮޓޯ: މޫސާ ނަދީމް

ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ސަރުކާރާއި ވަޒީރުންގެ މަޖިލީހަށް ފާޑުވިދާޅުވެ، ކުރީގެ ނައިބު ރައީސް ޑރ. މުޙައްމަދު ޖަމީލް އަޙްމަދު ވަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އެގޮތުން، މިހާރުގެ ވަޒީރުންނަކީ ތާރީޚުގައި ވެސް ނުދެކޭ ފަދަ ނާގާބިލު ބައެއްކަމަށާއި، ލޯކަލް ކައުންސިލު އިންތިޚާބުގައި ސަރުކާރަށް ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާންޖެހުނީ ރައީސްގެ އަރިހުގައި ތިބި ބޭފުޅުންގެ ސަބަބުންކަމަށް ވިދާޅުވިއެވެ. އަދި އިންތިޚާބަށް ސަރުކާރުން ބިލިއަނެއްހާ ރުފިޔާ ޚަރަދުކުރި ނަމަވެސް ލިބުނީ 30 އިންސައްތަ ވޯޓުކަމަށާއި، މިއީ ސަރުކާރު ނިމިއްޖެކަމުގެ ހެއްކެއްކަމަށް އެމަނިކުފާނު ސިފަކުރެއްވިއެވެ.

  • ވަޒީރުންގެ މަޖިލީހަކީ ސިޔާސީ ހަގީގަތާ ދުރު ނާގާބިލު ބައެއްކަމަށް ވިދާޅުވުން
  • ކައުންސިލު އިންތިޚާބު ނާކާމިޔާބުވީ ފެންނަ ނުފެންނަ ވޯޓާއި ރައީސްގެ އަރިހުގައި ތިބި މީހުންގެ ސަބަބުންކަން
  • އިންތިޚާބަށް ގިނަ ޚަރަދުތަކެއް ކޮށްގެންވެސް ލިބުނީ 30 އިންސައްތަ ކަން
  • ސަރުކާރަށް ޚަރަދު ކުޑަނުކުރެވޭކަމަށާއި ރައްޔިތުންނަށް ޚިދުމަތް ނުދެވޭކަން

ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ އަރިހުގައި މިއަދު ތިބި ބައެއް މީހުންނަކީ ތާކުންތާކު ނުޖެހޭ މީހުން ކަމަށާއި، ދިވެހި ތާރީޚުގައި މިހާ ނާގާބިލު، ސިޔާސީ ހަގީގަތާ ދުރު ވަޒީރުންގެ މަޖިލީހެއް އަދި އެކުލަވައިނުލާ ކަމަށް ވިދާޅުވެ، ކުރީގެ ނައިބު ރައީސް ޑރ. މުޙައްމަދު ޖަމީލް އަޙްމަދު މި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

'އެސްއެސްޓީވީ'ން ގެނެސްދޭ "ބާރު ހަތަރެއް" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޖަމީލް ވިދާޅުވީ، ނިމިދިޔަ ލޯކަލް ކައުންސިލު އިންތިޚާބުގައި ވެރިކަންކުރާ ޕީއެންސީ ނާކާމިޔާބުވި އެއް ސަބަބަކީ، ކައުންސިލު އިންތިޚާބާއެކު، މައި ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަށް ފެނޭތޯ ނެގި ފެންނަ ނުފެންނަ ވޯޓު ބޭއްވުން ކަމަށެވެ.

ޕީއެންސީއަށް އިންތިޚާބު ނާކާމިޔާބުވި ދެވަނަ ސަބަބެއް ކަމަށް ޖަމީލް ވިދާޅުވީ، ތާކުންތާކުނުޖެހޭ މީހުން ރައީސްގެ އަރިހުގައި ތިބުމެވެ.

"އެ ވާހަކަތަކާ އެކީގައި ހަގީގަތުގައި މުޢިއްޒު އަރިހުގައި ތިބި ބޭފުޅުން އެ ވާހަކަތައް ދައްކައިގެން އެގޮތަށް ކަންތައްތައް ކުރުމުގެ ނަތީޖާއެއް ކަންނޭނގެ، އަސްލުގައި މިހާ ބޮޑުތަނުން ރައްޔިތުން ކަންބޮޑުވެގެން މުޢިއްޒާ ދެކޮޅުވުމުގެ ސަބަބެއް ކަމަށް އަޅުގަނޑު ދެކެނީ ބާރަށު [ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާޢުމެން [އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް] ފަލާޙްމެން، އެފަދަ ބައެއް ނޫންތޯ އަރިހުގަ އެ ތިބީ،" ޚިޔާލު ހޯދުމުގެ ނަތީޖާއިން ދައްކައިދެނީ ރައީސަށް ރައްޔިތުން އިތުބާރުކުރާ ކަން ކަމަށް ޝުޖާޢު ވިދާޅުވި ވާހަކައަށް އިޝާރާތްކުރައްވައި ޖަމީލް ވިދާޅުވިއެވެ.

"ސަރުކާރުގެ ތެރޭގައި ތިބީ މިހާ ފެންވަރު ދަށް، މިހާ ނާގާބިލު، މިހާ ސިޔާސީ ހަގީގަތާ ދުރު ވަޒީރުންގެ މަޖިލީހެއް، މީން ޒަމާނަކު [މިހާ ނާގާބިލު ވަޒީރުންގެ މަޖިލީހެއް] ރާއްޖޭގެ ރައީސަކު އެކުލަވައިނުލާ،" ޖަމީލް ވިދާޅުވިއެވެ.

ޖަމީލް ވިދާޅުވީ، އާންމު ގޮތެއްގައި ކައުންސިލު އިންތިޚާބުގެ ކެމްޕެއިނަށް ސަރުކާރުތަކުން އެހާ ބޮޑު ޚަރަދެއް ނުކުރާ ކަމަށެވެ. ނަމަވެސް ނިމިދިޔަ އިންތިޚާބުގެ ކެމްޕެއިނަށް ސަރުކާރުން ގާތްގަނޑަކަށް ބިލިއަނެއްހާ ރުފިޔާ ޚަރަދުކުރި ކަމަށާއި، ސަރުކާރުން ކެމްޕެއިންގެ ތެރޭ ބޭނުންކުރެވެން އޮތް ހުރިހާ ނުފޫޒެއް ބޭނުންކުރި ކަމަށް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، ސަރުކާރުން އިންތިޚާބަށް ދިޔައީ މުޅި ސަރުކާރުގައި އޮތް ހުރިހާ ނުފޫޒަކާއެކު ކަމަށެވެ.

"އެ ހުރިހާ އެއްޗަކާ އެއްކޮށް ވެސް ސަރުކާރަށް ލިބުނީ ގާތްގަނޑަކަށް 30 ޕަސެންޓު،" ޖަމީލް ވިދާޅުވިއެވެ.

އިންތިޚާބުގެ ނަތީޖާއިން ދޭހަކޮށްދެނީ، ޖަމީލް ވިދާޅުވިގޮތުގައި، މި ސަރުކާރު "ނިމުނު"ކަމެވެ.

މި ސަރުކާރަށް ޚަރަދު ކުޑަ ނުކުރެވޭނެ ކަމަށާއި، ކަމެއް ރަނގަޅުކުރާ މަންޒަރު ނުފެންނަ ކަމަށް ވިދާޅުވެ، ސަރުކާރަށް ޖަމީލް ވަރަށް ބޮޑަށް ފާޑުވިދާޅުވިއެވެ.

އެމަނިކުފާނު ލަފާކުރައްވާ ގޮތުގައި އަންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނީ ކުރީގެ ރައީސް ޢަބްދުالله ޔާމީން ޢަބްދުލްޤައްޔޫމާއި އިދިކޮޅު އެމްޑީޕީގެ ކެނޑިޑޭޓެކެވެ.

ދިވެހި ރައްޔިތުންނަށް ސަރުކާރެއް އޮތް ކަމަށް އިހުސާސްނުވާ ކަމަށް ވިދާޅުވެ ޖަމީލް ވިދާޅުވީ، އޮފީސްތަކުންނާއި ވުޒާރާތަކުން އެދެވޭ ގޮތެއްގައި ޚިދުމަތް ވެސް ނުދެވޭ ކަމަށެވެ.

comment ކޮމެންޓް