ފ. ފީއަލީ ބަނދަރުގައި އޮތް ތެޔޮ ބޯޓެއްގައި ހިނގި އަލިފާނުގެ ހާދިސާގެ ސަބަބުން، ގާތްގަނޑަކަށް 20 މިލިއަން ރުފިޔާގެ ގެއްލުމެއް ވެއްޖެ ކަމަށާއި، އެއަށްވުރެވެސް ލިބުނު ގެއްލުން ބޮޑުވުން އެކަށީގެންވާ ކަމަށް، އެ ރަށު ކައުންސިލުގެ ރައީސް މޫސާ އަޙްމަދު މިރޭ ވިދާޅުވެއްޖެއެވެ.
މިއަދު ހިނގި އަލިފާނުގެ ހާދިސާގައި ފީއަލީގެ އައިސް ޕްލާންޓާއި، ހަތަރު ދޯންޏަކަށް ބޭނުންނުކުރެވޭ ވަރުގެ ގެއްލުން ވަނީ ވެފައެވެ.
މި ހާދިސާގައި ބިދޭސިއަކު ވަރަށް ބޮޑަށް ފިހުމުގެ ސަބަބުން، އޭނާއަށް ފަރުވާދިނުމަށް ޓަކައި ފީއަލީ ސިއްހީ މަރުކަޒަށް ގެންގޮސްފައިވެއެވެ.
'ސަން'އާ ވާހަކަ ދައްކަވަމުން މޫސާ ވިދާޅުވީ، މިއަދު އެނދި ހަތަރު ދޯނީގެ ތެރޭ ފީއައްޔަށް ތެޔޮ ގެންނަ ދޯންޏެއް ހިމެނޭ ކަމަށެވެ. ރަށުގައި މިވަގުތު "ކުދިކުދި ކަންކަން" ކުރާނެ ވަރަށް ޕެޓްރޯލާއި ޑީސަލް އެބަހުރި ކަމަށާއި، ރަށަށް ތެޔޮ ބޭނުންވެއްޖެ ހާލަތުގައި، ސަރުކާރުގެ ތެޔޮ ކުންފުނި އެފްއެސްއެމުން އޮތީ އެހީތެރިކަން ދިނުމަށް ތައްޔާރަށް ކަމަށް، މޫސާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވިގޮތުގައި، ފީއަލީގެ އައިސްޕްލާންޓުގެ ހާލަތު ބެލުމަށް ޓަކައި މިފްކޯއިން އެ ރަށަށް މާދަން އައުމަށް ވަނީ ހަމަޖެހިފައެވެ.
މޫސާ އަންދާޒާކުރެއްވި ގޮތުގައި، މި ހާދިސާގެ ސަބަބުން 20 މިލިއަން ރުފިޔާއަށްވުރެ ބޮޑު ގެއްލުމެއް ލިބުން އެކަށީގެންވެއެވެ.
"ޔަގީނުން ވެސް ތިން އާއިލާއެއްގެ ތިން [މަސް] ދޯނި ގޮސްފައި މި އޮތީ، ގާތްގަނޑަކަށް ވިއްސަކަށް މިލިއަން ރުފިޔާގެ ގެއްލުމެއް، އެއަށްވުރެ ވެސް ބޮޑު ގެއްލުމެއް [ލިބިފައިވާކަމަށް ބެލެވޭ]،" އޭނާ ވިދާޅުވިއެވެ.
އެއީ އެ އާއިލާތަކުން ކާންބޯން ކުރަމުން އައި މަސައްކަތް ކަމުގައި، މޫސާ ވިދާޅުވިއެވެ.
ފީއަލިން 'ސަން'އަށް މައުލޫމާތުދިން މީހަކު ބުނިގޮތުގައި، އަލިފާން ރޯވީ ބޯޓުން ތެޔޮ ހުސްކުރަން ހެނދުނުގެ ވަގުތެއްގައި ބަނދަރާ ކައިރިކޮށްފައި ވަނިކޮށް، ޕަންޕު ޖެއްސި ގަޑީގައެވެ.
ފުލުހުން ބުނި ގޮތުގައި، ފީއަލީ ބަނދަރުގައި އޮތް ތެޔޮ ބޯޓެއްގައި ރޯވެ، އަނދަމުންދާ ކަމުގެ ރިޕޯޓު ލިބުނީ ހެނދުނު 9:15 ހާއިރެވެ. އެ އަލިފާންގަނޑު ނިއްވާލެވުނީ 10:35 ހާއިރު ކަމަށް އެމްއެންޑީއެފުން ބުންޏެވެ.