މި އަހަރު ވެސް ހައްޖުވެރިން ފުރާނީ، މައްކާ ރޫޓް އިނިޝިއޭޓިވްގެ އިންތިޒާމުތަކުގެ ތެރެއިން ކަމަށް އިސްލާމިކް މިނިސްޓްރީން މިއަދު ބުނެފިއެވެ.
މައްކާ ރޫޓް އިނީޝިއޭޓިވަކީ ހައްޖުވެރިން އަމިއްލަ ގައުމުން ފުރުމުގެ ކުރިން، ދެ ގައުމުގެ އިމިގްރޭޝަނުން ކުރަންޖެހޭ ކަންކަން އަމިއްލަ ގައުމުގެ އެއާޕޯޓްގައި ތިބެ ނިންމައިގެން ފުރުމެވެ. އެހެންވެ، ޖިއްދާ އެއާޕޯޓުގައި މަޑުކުރަން ނުޖެހި، ހައްޖުވެރިންނަށް ހޮޓަލަށް ދެވޭއިރު، އެއާޕޯޓުން ހޮޓަލަށް ދިޔުމުގެ ކަންކަން ވެސް ވަރަށް ފަސޭހައެވެ.
އިސްލާމިކް މިނިސްޓްރީން މިއަދު ބުނީ، މި އަހަރު ވެސް ދިވެހި ހައްޖުވެރިން ފުރާނީ މައްކާ ރޫޓުގެ އިންތިޒާމުތަކުގެ ތެރެއިން ކަމަށެވެ. އަދި، އެ ކަމުގެ ތައްޔާރީތަކަށް އަންނަ ހަފުތާގައި ސައުދީގެ ޓީމެއް ރާއްޖެ އަންނާނެ ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.

ދިވެހި ހައްޖުވެރިންތަކެއް ފުރަނީ: މި އަހަރު ވެސް ހައްޖުވެރިން ފުރާނީ ދަތުރު ލުއިކޮށްދޭ މައްކާ ރޫޓްގެ އިންތިޒާމުތަކުގައި ކަމަށް މިނިސްޓްރީން ވަނީ ބުނެފައި -- ފޮޓޯ/ އެމްއޭސީއެލް
މައްކާ ރޫޓްގައި ރާއްޖެ ހިމަނައިދިނުމަށް ސައުދީ ސަރުކާރު އަރިހުގައި އިސްލާމިކް މިނިސްޓްރީން ރަސްމީކޮށް އެދިފައިވަނީ މި އަހަރުގެ މާރިޗު މަހުގަވެ. އެއީ މިކަމާ ގުޅޭ ގޮތުން ސަޢޫދީ އަރަބިއްޔާގެ ޙައްޖު މިނިސްޓްރީއާއެކު ކުރި ގިނަ މަޝްވަރާތަކަށް ފަހުގައެވެ.
އެ އިންތިޒާމުތައް ދާއިމީކޮށް ރާއްޖެއަށް ހަމަޖައްސައިދޭން އެ ގައުމުން ނިންމީ، މިދިޔަ ނޮވެންބަރު 11ގައެވެ.
ޙައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަކީލާ ހަވާލާދީ އިއްޔެ ދައުލަތުގެ މީޑިއާއިން ވަނީ، ހައްޖުގެ ހުރިހާ އިންތިޒާމެއް މިހާރު ހަމަޖެހިފައިވާ ކަމަށް ރިޕޯޓުކޮށްފައެވެ. އަދި ޙައްޖުވެރިންގެ ފުރަތަމަ ފުލައިޓް އޮންނާނީ، މެއި މަހުގެ 15 ވަނަ ދުވަހު ކަމަށް އެ ނޫހުގައިވެއެވެ.
މިދިޔަ ހައްޖުގައި ރާއްޖެއަށް މައްކާ ރޫޓްގެ ފަސޭހަތައް ލިބުނެވެ. އެ ތަޖުރިބާގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒާއި ދިވެހި ސަރުކާރުގެ މުއައްސަސާތަކާއި އެއާޕޯޓާއި ކަަަސްޓަމްސްއާއި އިމިގްރޭޝާނާއި މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންއާއި އޭވިއޭޝަން ސެކިއުރިޓީއާއި ރައްޔިތުން، ދެއްވި އެއްބާރުލެއްވުމާއި މުހިންމުކަން ސައުދީ ސަރުކާރުން ފާހަގަކުރި ކަމަށް މިނިސްޓްރީން ބުންޏެވެ.
މައްކާ ރޫޓް އިނީޝިއޭޓިވްއަކީ 2018 އިން ފެށިގެން ސައުދީ ސަރުކާރުން އެ ގައުމުގެ ޙައްޖު މިނިސްޓްރީއާއި އިންޓީރިއާ މިނިސްޓްރީގެ ދަށުން ތަންފީޒު ކުރަމުންދާ، ސަޢުދީ ވިޝަން 2030 ގައި ހިމެނޭ އިނީޝިއޭޓިވް އެކެވެ.