ތެހެރާން (9 އެޕްރީލް 2026) : ދެ ހަފުތާއަށް ހަނގުރާމަ މެދުކަނޑާލުމަށް އެމެރިކާއާއި އީރާނާ ދެމެދު ވެފައިވާ އެއްބަސްވުމާ އެމެރިކާ ޚިލާފުވަމުންދާތީ ހުރުމުޒު ކަނޑުއޮޅި އަލުން ބަންދުކޮށްފައިވާކަން އީރާނުން ހާމަކޮށްފިއެވެ.
އީރާނުގެ ޕާލަމެންޓްގެ ރައީސް މުހައްމަދު ބާގިރު ގަލީބާވް ވިދާޅުވީ ހަނގުރާމަ މެދުކަނޑާލުމަށް އެމެރިކާއާއި އީރާނާ ދެމެދު ވެފައިވާ އެއްބަސްވުމުގައި ހިމެނޭ 10 ޕޮއިންޓްގެ ތެރެއިން ތިން ޕޮއިންޓަކާ އެމެރިކާ ޚިލާފުވެފައިވާ ކަމުގައެވެ.
ފުރަތަމަ ޕޮއިންޓަކީ އެމެރިކާގެ ރުހުމާއެކު އިސްރާއީލުން ލުބްނާނަށް ހަމަލާދީ ގަތުލުއާންމުތައް ހިންގުމެވެ. ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމުގައި އީރާނުގެ އިތުރުން ސަރަހައްދުގެ އެހެން ގައުމަކަށް ވެސް ހަމަލާދީގެން ނުވާނެކަމަށް ބުނާއިރު އިސްރާއީލު ގެންދަނީ އެކަމަށް ގޮންޖަހައި އެމެރިކާގެ ރުހުމާއެކު ލުބްނާން އަށް ގަދަފަދަ ހަމަލާތައް ދެމުންނެވެ.
ދެވަނަ ކަމަކީ އެއްބަސްވުން ތަންފީޒުކުރަން ފެށިފަހުން އެމެރިކާ، އީރާނުގެ ތެރެއަށް ޖާސޫސީ ޑްރޯނެއް ފޮނުވުމެވެ. އެޑްރޯން ވަނީ ވަގުތުން ވައްޓާލާފައެވެ.
ތިންވަނަ ކަމަކީ ޔޫރޭނިޔަމް ފައްކާކުރުމުގެ ހައްގު އީރާނަށް ނުލިބޭނެކަމަށް ބުނެ އެކަމަށް އެމެރިކާ އިންކާރު ކުރުމެވެ. ހަމަލާތައް މެދުކަނޑާލުމުގެ އެއްބަސްވުމުގައި ޔޫރޭނިޔަމް ފައްކާކުރުމުގެ ހައްގު އީރާނަށް ލިބެންޖެހޭނެކަމަށް ސަރީހަ އިބާރާތުން ބުނެފައިވާކަން އީރާނުގެ ޕާލަމެންޓްގެ ރައީސް މުހައްމަދު ބާގިރު ފާހަގަ ކުރެއްވިއެވެ.
މިސަބަބުތަކަށް ޓަކައި ހުރުމުޒު ކަނޑުއޮޅި ވާނީ އަލުން ބަންދުކޮށްފައި ކަމަށާއި އެތަން ހުޅުވޭނީ އެއްބަސްވުމުގައި ހިމެނޭ ހުރިހާ ކަމަކަށް އެމެރިކާ ބޯލަނބައި އެކަންކަން ތަންފީޒު ކުރުމުންކަމަށް ބާގިރު ގަލީބާވް ވިދާޅުވިއެވެ.
ހަނގުރާމަ ހުއްޓާލުގެ އެއްބަސްވުމާ ޚިލާފަށް އިސްރާއީލުން ރޭގައިވަނީ ލުބްނާނަށް ވަރުގަދަ ހަމަލާތަކެއްދީ 250 އަށް ވުރެގިނަ މީހުން ޝަހީދުކޮށް 700 އަށް ވުރެގިނަމީހުން ޒަޚަމްކޮށް އެތަށް އިމާރާތެއް ހަލާކުކޮށްލާފައެވެ.
ނަތަންޔާހޫ އާއި ޓްރަމްޕް ވަނީ ލުބްނާންފަދަ ސަރަހައްދުގެ އެހެންގައުމުތަކަށް ދޭ ހަމަލާތައް ހުއްޓާލުން އެއްބަސްވުމުގައި ނުހިމެނޭކަމަށް ބުނެ މިއުދުވާން ދިފާއުކޮށްފައެވެ.
އަނެއްކޮޅުން ޓްރަމްޕް ވަނީ އީރާނުން ހުރުމުޒު ކަނޑުއޮޅި އަލުން ބަންދުކުރުމަކީ ހަނގުރާމަ މެދުކަނޑާލުމަށް އެމެރިކާއާއި އީރާނާ ދެމެދު ވެފައިވާ އެއްބަސްވުމާ ޚިލާފުކަމެއްކަން ފާހަގަކޮށް މިކަން ތަކުރާރުވާނަމަ އަލުން ހަނގުރާމަ ފަށަން ޖެހިދާނެކަމުގެ އިންޒާރުވެސް ދީފައެވެ.
ހަނގުރާމަ މެދުކަނޑާލުމުގެ އެއްބަސްވުން ވުޖޫދަށް ގެނައުމުގައި މެދުވެރިއެއްގެ ދައުރު އަދާކުރި ޕާކިސްތާނުންނެވެ. މި އެއްބަސްވުމުގައި އީރާނުގެ އިތުރުންސަރަހައްދުގެ އެހެންގައުމުތަކަށް ދޭ ހަމަލާތައް ވެސް ހުއްޓާލަން ޖެހޭނެކަމަށް ބުނާތީ އެއްބަސްވުން ތަންފީޒު ކުރުމަށް ޓަކައި އިސްރާއީލުން ލުބްނާނަށް ދޭ ހަމަލާތައް ހުއްޓާލަންޖެހޭނެކަން ޕާކިސްތާނުގެ ބޮޑުވަޒީރު ވަނީ ކަށަވަރު ކޮށްދެއްވާފައެވެ.
ހުރުމުޒު ކަނޑުއޮޅި 10 ދެހަފްތާ ވަންދެން ހުޅުވުމަކީވެސް ހަނގުރާމަ މެދުކަނޑާލުމުގެ އެއްބަސްވުމުގައި ހިމެނޭ ޝަރުތެކެވެ.