ޒޯން ފުޓުބޯޅަ ކޮލިފައިން ރާއްޖޭގެ ހަ ރަށެއްގައި، އޭޕްރީލް 15 ގައި ކުޅުން ފަށަނީ

ބީއެމްއެލް އެޓޯލް ޗެމްޕިއަންޝިޕުގެ މެޗެއްގެ ތެރެއިން-- ފޮޓޯ: ކުޅިވަރު ވުޒާރާ

ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން މިއަހަރުގެ ޒޯން ފުޓުބޯޅަ މުބާރާތުގެ ކޮލިފައިން މެޗުތައް ރާއްޖޭގެ ހަ ރަށެއްގައި ބޭއްވުމަށް ވަނީ ކަނޑައަޅާފައެވެ. މި މުބާރާތުގެ މެޗުތައް ހޯސްޓްކުރާނީ ދިއްދޫ، އޭދަފުށި، މަހިބަދޫ، މީދޫ، ގަން އަދި ގައްދޫގައެވެ. އޭޕްރީލް 15 ވަނަ ދުވަހު މެޗުތައް ފަށާއިރު، ކޮންމެ ޒޯނަކުން އެއްވަނަ ހޯދާ ޓީމުތައް މާލޭގައި އޮންނަ ޒޯން ޗެމްޕިއަންސް ލީގުގައި ވާދަކުރާނެއެވެ.

  • ޒޯން ފުޓުބޯޅަ މުބާރާތުގެ ކޮލިފައިން ހަ ރަށެއްގައި ބާއްވާނެ
  • މެޗުތައް ކުޅޭނީ ދިއްދޫ، އޭދަފުށި، މަހިބަދޫ، މީދޫ، ގަން އަދި ގައްދޫގައި
  • މުބާރާތުގެ ކުޅުން ފަށާނީ އޭޕްރީލް 15 ވަނަ ދުވަހު
  • ކޮންމެ ޒޯނަކުން އެއްވަނަ ހޯދާ ޓީމުތައް ޒޯން ޗެމްޕިއަންސް ލީގަށް ކޮލިފައިވާނެ

މިއަހަރުގެ ޒޯން ފުޓްބޯޅަ މުބާރާތުގެ ކޮލިފައިން މެޗުތައް ކުރިއަށް ގެންދާނެ ހަ ރަށެއް ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ކަނޑައަޅައިފިއެވެ.

ރާއްޖޭގެ އެކި ސަރަހައްދުތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެ މެޗުތައް ހޯސްޓްކުރާނީ ހއ. ދިއްދޫ، ބ. އޭދަފުށި، އދ. މަހިބަދޫ، ދ. މީދޫ، ލ. ގަން އަދި ގދ. ގައްދޫގައެވެ. މި މުބާރާތުގެ ގުރުއަތުލުން މިއަދު އެފްއޭއެމް ހައުސްގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މުބާރާތުގެ ތާވަލު ރޭވިފައިވާ ގޮތުން ނޯތު ރީޖަންގެ ޒޯން އެކެއްގެ މެޗުތައް މި މަހުގެ 18 އިން 28 އަށް ދިއްދޫގައި ކުރިއަށްދާއިރު، ނޯތު ރީޖަން ދޭއްގެ މެޗުތައް އޭޕްރީލް 15 އިން 30 އަށް ބާއްވާނީ އޭދަފުށީގައެވެ.

ސެންޓްރަލް ރީޖަންގެ ފޯރި ފެންނާނީ މަހިބަދޫ އާއި މީދޫއިންނެވެ. އެގޮތުން މަހިބަދޫގައި ޒޯން އެކެއްގެ މެޗުތައް މި މަހުގެ 15 އިން 30 އަށް ކުޅޭއިރު، މީދޫގައި ޒޯން ދޭއްގެ މެޗުތައް ކުރިއަށްދާނީ މި މަހުގެ 16 އިން 28 އަށެވެ.

ސައުތު ރީޖަންގެ ކޮލިފައިން މެޗުތައްވެސް ފެށުމަށް ހަމަޖެހިފައިވަނީ މި މަހުގެ 18 ވަނަ ދުވަހުއެވެ. މި ރީޖަންގެ ޒޯން އެކެއްގެ މެޗުތައް ލ. ގަމުގައި ބާއްވާއިރު، ޒޯން ދޭއްގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ ގދ. ގައްދޫގައެވެ.

މި ދެ ޒޯންގެ މެޗުތައްވެސް މި މަހުގެ 28 އަށް ނިމޭނެއެވެ. ކޮންމެ ޒޯނަކުންވެސް އެއްވަނަ ހޯދާ ޓީމުތައް މާލެއަށް ދަތުރުކޮށް، ޝަރަފުވެރި "ޒޯން ޗެމްޕިއަންސް ލީގު" ގައި ވާދަކުރާނެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު