ސިއްހީ ދާއިރާއަށް އަދިވެސް ގިނަ އަދަދެއްގެ ޑޮކްޓަރުންނާއި ނަރުހުން ބޭނުންވާ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެއެވެ.
ހެލްތު މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ނާޒިމް ވިދާޅުވީ، ރާއްޖޭގައި ސިއްހީ ދާއިރާ މިހާރު ވަރަށް ބާރަށް ފުޅާވަމުން އަންނަ ކަމަށެވެ. ރަށްރަށުގައި އެކްސްރޭ މެޝިންތަކާއި ޑައިލިސިސް މެޝިންތަކުގެ އިތުރުން މިހާރު ލެބޯޓްރީގެ ޚިދުމަތްވެސް ގާއިމްކުރަމުން އަންނަކަން އޭނާ ފާހަގަކުރެއްވިއެވެ.
ނާޒިމް ވިދާޅުވީ ނިމިދިޔަ އަހަރުގެ ޑިސެމްބަރުން ފެށިގެން މި އަހަރުގެ ކުރީކޮޅަށް ރާއްޖޭގެ ރަށްތަކުގައި 18 ލެބޯޓްރީއެއް އަލަށް ގާއިމުކޮށްފައި ވާކަމަށެވެ. ވޭތުވެދިޔަ ދެ އަހަރުގެ ތެރޭގައި 10 ރަށެއްގައި އަލަށް ޑައިލެސިސް ހަދަން ފަށާފައި ވާކަމަށާއި އެއިން ކޮންމެ ރަށަކަށް ފިޒީޝިއަނަކާއި ލެބް ޓެކްނީޝަނެއް ލާންޖެހޭކަން އޭނާ ފާހަގަކުރެއްވިއެވެ.
މިނިސްޓަރު ނާޒިމް: ދާއިރާއަށް އަދިވެސް ވަރަށް ގިނަ އަދަދަކަށް ޑޮކްޓަރުންނާއި ނަރުހުން ބޭނުންވާ ކަމަށް ވިދާޅުވި -- ފޮޓޯ/ ރައީސް އޮފީސް
ނާޒިމް ވަނީ ރާއްޖޭގެ މަސައްކަތުގެ މައިދާނުގައި އެހާ ގިނަ އަދަދަކަށް ފަންނީ މީހުން އުފެދިފައި ނުވާކަމަށާއި އެކަމަށް މީހުންނަށް ހިތްވަރުދޭން ޖެހޭ ކަމަށް ވިދާޅުވެފައެވެ. އަދި ސިއްހީ ދާއިރާއަށް މީހުން ނުކުތުމަކީ ހެލްތް މިނިސްްޓްރީގެ ފަރާތުން އިލްތިމާސްކުރާ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ނާޒިމް ވިދާޅުވީ ފަންނީ މީހުން މަދުވުމަކީ ތަރައްގީ ވަމުން އަންނަ ގައުމުތަކުގައި އޮތް ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށެވެ.
ހެލްތު ސެކްޓާއަށް މީހުން ތަމްރީނުވެގެން އައުމަކީ މިހާރު ދިމާވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ވަރަށް މުހިންމު ކަމެއް. ވަރަށް ގިނަ އަދަދަކަށް ޑޮކްޓަރުންނާއި ނަރުހުން މިހާރު ވެސް ހެލްތް ސެކްޓާއަށް އެބަ ބޭނުންވޭ. ރާއްޖޭގެ ހެލްތު ސެކްޓާގައި މިހާރުވެސް ވަރަށް ގިނަ އަދަދަކަށް ބޭރު މީހުން މިހާރުވެސް ހަރަކާތްތެރިވަމުން އެބަދޭ.ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް
ނާޒިމް ވިދާޅުވީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ރިޔާސީ ބަޔާނުގައި ތެރެޕިސްޓުން ތަމްރީނުކުރުމަށް 250 ސްކޮލާޝިޕް ފޯރުކޮށްދެއްވާނެ ކަމަށް ވިދާޅުވިއިރު، އެ މަސައްކަތް މިހާރު ހަޔާ އެޑިއުކޭޝަން މިނިސްޓްރީއާއި އެމްއެންޔޫގެ އިތުރުން ހެލްތު މިނިސްޓްރީ ގުޅިގެން މިހާރު ކުރިއަށްގެންދާ ކަމަށެވެ.
ސިއްހީ ދާއިރާއަށް ގިނަ އަދަދެއްގެ ޑޮކްޓަރުންނާއި ނަރުހުން ބޭނުންވާކަމަށް މިނިސްޓަރު ވިދާޅުވިއިރު ވޭތުވެދިޔަ އަހަރުތަކުގައި ސިއްހީ ދާއިރާއަށް މީހުން ނުނެރެވޭ ވަރަށް، ނިމިދިޔަ 2025 ވަނަ އަހަރު މީހުން ނެރެވުނު ކަމަށް ނާޒިމް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.
އެގޮތުން މާލެ ސަރަހައްދަށާއި އަތޮޅުތެރެއަށް ގާތްގަނޑަކަށް 1700 އެއްހައި މުވައްޒަފުން އިތުރަށް ނެރެފައިވާ ކަމަށް އޭނާ މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.