މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓުގެ ނަތީޖާއިން ދައްކައި ދިނީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ރައްޔިތުން ކުރާ އިތުބާރު ކަމަށް ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުގެ ސީނިއާ ޑެޕިއުޓީ ލީޑަރު އަދި ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެއެވެ.
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އިންތިޚާބުތަކުން ވެރިކަން ކުރާ ޕީއެންސީއަށް ވަނީ ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާންޖެހިފައެވެ. އެގޮތުން، މި ސަރުކާރުން ވަކާލާތު ކުރި ގޮތާ ޚިލާފަށް، ފެންނަ ނުފެންނަ ވޯޓުގައި ގިނަ ރައްޔިތުން ވޯޓު ދީފައި ވަނީ، އެމްޑީޕީން އެންމެ ބޮޑަށް ވަކާލާތުކުރި ގޮތަށް މައި ދެ އިންތިޚާބު އެއްކޮށްނުލުމަށެވެ. ހަމައެއާއެކު، ކައުންސިލްތަކުން ވެސް ސަރުކާރަށް ވަނީ މުހިންމު ގޮނޑިތައް ގެއްލިފައެވެ. އަދި ކުރި ހޯދައިފައިވަނީ އިދިކޮޅު އެމްޑީޕީންނެވެ.
އެމްއެމްޓީވީގެ 'ދިވެހީންގެ ނިންމުން' ކަވަރޭޖުގައި ވާހަކަދައްކަވަމުން ޝުޖާއު ވިދާޅުވީ އިދިކޮޅު ބައެއް ޕާޓީތަކުން މަސައްކަތްކުރަނީ އިންތިޚާބުގެ ނިންމުން ބޭނުންކޮށްގެން ރައްޔިތުންނަށް އޮޅުވާލަން ކަމަށެވެ.
ނަމަވެސް އެ ދުވަހުގެ އިންތިޚާބުގައި ގިނަ އަދަދެއްގެ ރައްޔިތުން ވޯޓު ލުމަށް ނުކުތް ސަބަބާއި، އެ ދުވަހުގެ ނަތީޖާއިން ސާފުވީ ކަމަކީ، ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ވަޑައިގަންނަވަން ކުރީގެ ރައީސުންނަށް ކެރިވަޑައިނުގެންނެވިކަން ކަމަށް ޝުޖާއު ވިދާޅުވިއެވެ.
ޝުޖާއު ވިދާޅުވީ މައި ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމާމެދެ ކޮންމެ ގޮތަކަށް ނަތީޖާ ނުކުތަސް، އެ ނަތީޖާއިން ދައްކުވައިދެނީ ރައީސް މުއިއްޒަށް ރައްޔިތުން ކުރާ އިތުބާރު ކަމަށެވެ.
މި ނަތީޖާއިން ދައްކައި ދިނީ ރައީސުލްޖުމްހޫރިއްޔާއަށް ރައްޔިތުން ކުރާ އިތުބާރު. އެ ބޭފުޅުންނަށް [ރައްޔިތުންނަށް] އެނގިވަޑައިގަންނަވާ ރައީސް މުއިއްޒުގެ އަރިހުން މިވެނިކަމެއް ނުކުރާށޭ ނުވަތަ މިވެނި ކަމެއް ކުރާށޭ ބުނެ ނިންމައިފިނަމަ އެެކަމެއް ކުރާނެކަން، ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު
ޝުޖާއު ވިދާޅުވީ ނިމިދިޔަ އިންތިޚާބުގައި ގިނަ ރައްޔިތުން ވޯޓުލާން ނުކުތީ، ރައްޔިތުން ނިންމާ ނިންމުން ރައީސް މުއިއްޒު ތަންފީޒުކުރައްވާނެކަން ޔަގީންވާތީ ކަމަށެވެ.
ވަކިން ޚާއްސަކޮށް އެ އިންތިޚާބީ ޕިއެންސީއާއި ސަރުކާރަށް ވެސް ވަރަށް ގިނަ ފިލާވަޅުތަކެއް ލިބުނު އިންތިޚާބެއްގެ ގޮތުގައި ޝުޖާއު ވަނީ ސިފަކުރައްވައިފައެވެ.
ރެފަރަންޑަމްގައި ރައްޔިތުން ނޫނެކޭ ބުނި ނަމަވެސް، 2021 ވަނަ އަހަރުގެ ލޯކަލް ކައުންސިލް އިންތިޚާބަށްފަހު، 2023 ގެ ރިޔާސީ އިންތިޚާބުގައި އެމްޑީޕީ ބަލިކުރި ގޮތަށް ކުރިއަށް 2028 ގައި އޮންނަ ރިޔާސީ އިންތިޚާބުގައި ވެސް އެ ޕާޓީ ބަލިކުރެވޭނެ ކަމަށް ޝުޖާއު ވިދާޅުވިއެވެ.
ހޮނިހިރު ދުވަހު އޮތް އިންތިޚާބުގައި ސަރުކާރުން ވަކާލާތު ކުރި ކަންތަކަށް 68 ޕަސެންޓްގެ ރައްޔިތުން ބުނީ "ނޫނެކޭ" އެވެ. އެ ފެންނަ ނުފެންނަ ވޯޓުގައި ޕީއެންސީގެ ދަފުތަރުގައި މެންބަރުން ތިބި އަދަދަށް ވެސް ސަރުކާރަށް ވޯޓެއް ނުލިބުނެވެ. މީގެ އިތުރުން ހުރިހާ ސިޓީތަކަކާއި އާބާދީ ބޮޑެތި ރަށްތަކާއި އެހެން ވެސް ބައެއް ގިނަ ރަށްރަށުގެ ކައުންސިލްގެ ގިނަ ގޮނޑިތައް ސަރުކާރަށް ގެއްލުނީއެވެ.
އެއާއެކު ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ އިންތިޚާބުގެ ނަތީޖާ ބަލައިގަންނަ ކަމަށާއި އަދި އިސްލާހު ކުރަން ޖެހޭ ކަންކަން އިސްލާހު ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.