ބޮޑު "ނޫނެކޭ"އެއް: ސަރުކާރުގެ މިސްރާބު ބަދަލުކޮށް، ކެބިނެޓް އާކުރަން މަޖުބޫރެއް ނޫންތަ؟

ކެބިނެޓް ބައްދަލުވުމެއްގެ ތެރެއިން -- ފޮޓޯ/ ރައީސް އޮފީސް

ފަހުގެ އިންތިޚާބުގައި ސަރުކާރަށް ކުރިމަތިވި ބޮޑު ނާކާމިޔާބީއަށްފަހު، ރައްޔިތުންގެ އިތުބާރު ހޯދުމަށްޓަކައި ކެބިނެޓަށް ބަދަލު ގެނައުމަކީ މުހިންމު ކަމެއްކަމަށް ސިޔާސީ ތަޖުރިބާކާރުން ބުނެއެވެ. ބައެއް ވަޒީރުންގެ ހިންގުންތެރިކަން ދަށްވުމާއި ވައުދުތައް ނުފުއްދުމުގެ ސަބަބުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ. އެހެންކަމުން، ސިޔާސީ ނުފޫޒުގެ ބަދަލުގައި ފަންނީ ގާބިލު ބޭފުޅުންނާ ވުޒާރާތައް ހަވާލުކޮށް، އަމަލީ ނަތީޖާ ނެރެދިނުމަށް މިސްރާބު ބަދަލުކުރުމަށް ވަނީ ގޮވާލާފައެވެ.

  • އިންތިޚާބުގައި 68 އިންސައްތަ ރައްޔިތުން ސަރުކާރަށް ނޫނެކޭ ބުނެފައިވުން.
  • ގިނަ ވަޒީރުންނަށް އާންމުންގެ ބޮޑެތި ފާޑުކިޔުންތައް އަމާޒުވެފައިވުން.
  • ސިޔާސީ ބާރުވެރިކަމަށްވުރެ ނަތީޖާ ނެރެދިނުމަށް އިސްކަންދިނުމަށް ތަޖުރިބާކާރުން ލަފާދިނުން.
  • ދުނިޔޭގެ އެހެން ޑިމޮކްރަސީތަކެކޭ އެއްފަދައިން ކެބިނެޓް ބަދަލުކުރުމުގެ މުހިންމުކަން.

ތަހުޒީބީ, ޑިމޮކްރެޓިކް ގައުމުތަކުގައި ރައްޔިތުން ނޫނެކޭ ބުނީމަ އިސްތިއުފާ ދެއްވުމަކީ އާއްމު ކަމެއް ނަމަވެސް އެއީ އިއްޔެ ވެސް އަދި މިއަދު ވެސް ރާއްޖޭން އާއްމުކޮށް ފެންނަ މަންޒަރެއް ނޫނެވެ. މި ގައުމުގައި ޖެހޭނީ އިސްތިއުފާ ދޭން އަންގަވާށެވެ. ނޫނީ ވަކިކުރައްވާށެވެ. ފެއިލްވީމަ އަމިއްލައަށް ފެނިގެން އިސްތިއުފާ ދެއްވާވަރަށް އެއްވެސް ޕާޓީގެ ލީޑާޝިޕް އަދި ޑިމޮކްރަސީއަށް ފައްކައެއް ނުވެއެވެ.

ހޮނިހިރު ދުވަހު އޮތް އިންތިޚާބަށް, ހުރިހާ ބާރަކާއި އާރެއްގައި ކެމްޕެއިން ކުރެއްވި ސަރުކާރުން ވަކާލާތު ކުރި ކަންތަކަށް 68 ޕަސެންޓްގެ ރައްޔިތުން ބުނީ "ނޫނެކޭ" އެވެ. އެ ފެންނަ ނުފެންނަ ވޯޓުގައި ޕީއެންސީގެ ދަފުތަރުގައި މެންބަރުން ތިބި އަދަދަށް ވެސް ސަރުކާރަށް ވޯޓެއް ނުލިބުނެވެ. މީގެ އިތުރުން ހުރިހާ ސިޓީތަކަކާއި އާބާދީ ބޮޑެތި ރަށްތަކާއި އެހެން ވެސް ބައެއް ގިނަ ރަށްރަށުގެ ކައުންސިލްގެ ގިނަ ގޮނޑިތައް ސަރުކާރަށް ގެއްލުނީއެވެ. އެއާއެކު ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ އިންތިޚާބުގެ ނަތީޖާ ބަލައިގަންނަ ކަމަށާއި އަދި އިސްލާހު ކުރަން ޖެހޭ ކަންކަން އިސްލާހު ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.



އޭގެ ފަހުން, ސަރުކާރާ ނުރުހުން ވެފައި ހުންނެވި, ޕީއެންސީގެ މަޖިލިސް މެންބަރު އަސްމާ ރަޝީދުގެ އާއިލީ ބޭފުޅުންނާއި ފެނަކަ އާއި އެގްރޯނެޓާއި އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރާއި އެމްޑަބްލިޔުއެސްސީގެ ވެރިއަކާއި މިހެން ގޮސް ދެތިން މަގާމަކުން ބޭފުޅުން ވަކި ކުރައްވައިފިއެވެ. ނަމަވެސް މިހާ ހިސާބުން އޮތީ ބޮޑު ސުވާލެވެ. މިވަރުގެ ބޮޑު "ނޫނެކޭ އެއް" ސަރުކާރަށް ރައްޔިތުން ބުނުމުން ކެބިނެޓަށް ހަމަ ބަދަލެއް ގެންނާކަށް ނުވޭތޯއެވެ؟

ކެބިނެޓް: ފާޑުކިޔުން އަމާޒުވެފައި ތިބި އެތައް ވަޒީރުންނެއް

ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވުމަށް ފަހު ރައީސް މުއިއްޒު އިއުލާން ކުރެއްވި އެއް ކަމަކީ, ދިވެހި ރައްޔިތުން ފަޚުރުވެރިވާފަދަ ކެބިނެޓެއް އެކުލަވާލައްވާނެ ކަމަށެވެ. ރާއްޖޭގެ ސަރުކާރެއްގައި މިހާތަނަށް އުފެއްދި އެންމެ ގިނަ މިނިސްޓްރީއާއެކު އެ ކެބިނެޓް އެކުލަވާލެއްވި ހިސާބުން ވެސް އޭގެ ތެރެއިން ބައެއް ވަޒީރުންނަށް ފާޑުކިޔުންތައް އަމާޒުވިއެވެ. އަދި ސަރުކާރަށް ދުވަސްވަމުން ދިޔަވަރަކަށް އެ ފާޑުކިޔުންތައް ދިޔައީ އިތުރުވަމުންނެވެ. ސަބަބުތަކެއް ވެސް ހުރީމައެވެ.

ރައީސް މުއިއްޒުގެ ކެބިނެޓަށް ބަލާއިރު ގިނަ ވަޒީރުންތަކަކީ ވަރަށް ވާހަކަ ގިނަ ބޭފުޅުންނެވެ. ބައެއް ފަހަރަށް އަމަލަށް ވުރެން ވިދާޅުވާ ބަސް މާ ގިނައެވެ. އެއް ވަޒީރަކު 400 މިލިއަނުން, 500 މިލިއަނުން އަދަދުތައް ވިދާޅުވެ ހުވަފެންތައް ދައްކަވަފާނެއެވެ. ނޫނީ ޑޮލަރުގެ އަގު ދަށަށް ދާ މަންޒަރުގެ އަވާމެންދުރެއް ދައްކަވަފާނެއެވެ.

އަނެއް ވަޒީރަކު ދާޚިލީ ކަންކަމުގައި ވެސް ވަރަށް ގަދަ ބަސް ވިދާޅުވެދާނެއެވެ. މިވެނި ކުށެއް, މިވެނި ކަމެއް މިވެނި އިރަކު ހުއްޓުވާނެ ކަމަށް ވިދާޅުވުންފަދަ ކަންކަން މާ ކުރިން އިއުލާން ކުރެއްވި ނަމަވެސް އޭގެ ތެރެއިން ބައެއް ކަންކަން ހާސިލެއް ނުވެއެވެ. މީގެ އިތުރުން ވެސް މަސައްކަތާ ގުޅުން ނެތް ކަންކަމުގައި "ރިއެކްޓް" ގިނަވެ, ހިނގި އެތައް ކަމަކުން ވެސް އާއްމުންގެ ތެރޭގައި ފާޑުކިޔުން އިންތިހާއަށް އިތުރުވިއެވެ.

https://www.sun.mv/220150

ޚާރިޖީ ދާއިރާއަށް ބެލިނަމަވެސް އަވައްޓެރިން ހިމެނޭހެން ގައުމުތަކާ އޮންނަ ގުޅުމަށް ރަތް ބޮކިދިއްލުނު އެތައް ފަހަރެއް ގޮސްފިއެވެ. މިނިސްޓްރީއާއި އެމްބަސީތައް ހިންގުމަށް, އެތައް މިލިއަނެއް ހަރަދު ކުރާއިރު, ޒަމާނުންސުރެ ލިބޭ ހިލޭ އެހީ އެތައް ގުނައެއްވީ މަދެވެ. ބައެއް ގައުމުތަކާ އޮންނަ ގުޅުންތައް ހީނަރުވެއްޖެއެވެ.

މިހާ ބޮޑު ޒުވާނުންގެ އާބާދީއެއް އޮތް ގައުމެއްގައި ޒުވާނުންނަށް ޚާއްސަ ވުޒާރާއެއް ހުރިކަމުގެ އިހުސާސް މަސައްކަތަކުން ކުރެވޭތޯ ސުވާލުކޮށްލުމުން ޖަވާބު ސާފުވާނެއެވެ. ކުޅިވަރަށް ޚާއްސަ މިނިސްޓްރީގައި ކުޑަ ރަށެއްގެ އާބާދީއަށް ވުރެން ގިނަ ސިޔާސީ މުވައްޒަފުން ތިއްބަސް ނެރެވުނީ އެކަށީގެންވާ ކޮން ނަތީޖާއެއްތޯއެވެ؟

ބޯހިޔާވަހިކަމަށް މިދިޔަ އަހަރުގެ ބަޖެޓް ޚާއްސަ ކުރިއެވެ. ނަމަވެސް އަހަރު ނިމިގެން ދިޔައީ ބޮޑު ގާގަނޑެއްވެސް ތާކު ނުބޭއްވިއެވެ. އިންތިޚާބަށް ވަރަށް ގާތް ވެފައި އޮއްވައި, ފްލެޓާއި ބިމަށް އެދެން ހުޅުވާލިއެވެ. އިރުއިރު ކޮޅުން އެ އުސޫލުތަކަށް ބަދަލު ވެސް އެބަގެނެއެވެ. ނަމަވެސް ސުވާލަކީ އެ ފްލެޓާއި ބިން ހުރީ ކޮންތާކުތޯއެވެ؟ އަދި ހަމަ ގައިމުވެސް އެންމެ ފްލެޓެއް ވެސް ފެންނާކަށް ނެތެވެ. ރައީސްގެ ވައުދަފުޅަކީ މި ފަސް އަހަރު ނިމޭއިރު އެކަށީގެންވާ ބޯހިޔާވަހިކަން ނެތް އެންމެ ދިވެއްސެއް ވެސް ނުހުންނާނެ ކަމެވެ. މިހާތަނަށް ހައުސިން މިނިސްޓްރީގެ ޕާފޯމަސް ހުރިގޮތުން އެކަން ވާނެތޯއެވެ؟

މަތީ ތައުލީމާ ބެހޭ ވުޒާރާއާއި ޖަނަވާރާއި ދަނޑުވެރިކަމާ ބެހޭ ވުޒާރާގެ އިތުރުން ބަހާއި ސަގާފަތާ ބެހޭ ވުޒާރާއަށް ވެސް އެތައް ފާޑުކިޔުމެކެވެ. އެއްކޮޅުން ދަރިވަރުން ލޯން ފައިސާ ނުލިބޭތީ ޝަކުވާ ކުރަނީއެވެ. އަނެއްކޮޅުން އެތައް މިލިއަނެއް ހަރަދުކޮށްގެން މިނިސްޓްރީއަކަށް ބުޅާ ފެސިލިޓީއެއް ނުބެލެހެއްޓޭކަމުގެ ޝަކުވާއެވެ. ސަގާފަތާ ބެހޭ ވުޒާރާއަށް ވެސް ކުރާ ހޭދައާއެއްވަރުގެ ނަތީޖާއެއް ގާތަށް ވެސް ނުދެއްކޭ ކަމުގެ ޝަކުވާއެވެ. މިހެންގޮސް ލިސްޓް ކިޔަން ވެއްޖެ ނަމަ އެތައް ކަމެކެވެ.

ވަޒީރުން ނިސްބަތްވާ ރަށްރަށާއި ސިޓީތަކުން ސަރުކާރަށް ލިބުނު ނަތީޖާއާއި އެ ބޭފުޅެއްގެ ސިޔާސީ ބުރަދަނާ އަޅާ ކިޔާލެވިދާނެއެވެ. ހަގީގަތުގައި މިހާ ބޮޑު ނޫނެކޭއެއް ރައްޔިތުން ސަރުކާރަށް ބުނިބުނުމުގެ ފަހަތުގައި ބައެއް ވަޒީރުންގެ ހިންގުންތެރިކަން ދަށްވުމާއި އިތުބާރު ގެއްލޭފަދަ ކަންކަން ހިނގާފައި ހުރުން ހިމެނެއޭ ބުނެވެން އެބައޮތެވެ.

ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިލިމާލޭ ރައްޔިތުންނާ ބައްދަލު ކުރެއްވެވިއިރު އަރިހުގައި މިނިސްޓަރުން-- ފޮޓޯ: ރައީސް އޮފީސް
ސަރުކާރަށް ބަދަލުތަކެއް ބޭނުންވޭ

ރިޕޯޓަށް ވާހަކަ ދެއްކެވި, ސިޔާސީ ދާއިރާގެ ތަޖުރިބާކާރުން ވިދާޅުވިގޮތުގައި މި ހިސާބުން ވެސް ސަރުކާރުން މިހާރު ގެންގުޅޭ ސިޔާސީ ބާރުވެރިކަން އިތުރުކުރުމުގެ ވިސްނުން ދޫކޮށް، ރައްޔިތުންނަށް އަމަލީގޮތުން ނަތީޖާ ނެރެދިނުމުގެ މައްޗަށް މިސްރާބު ބަދަލުކުރުން މި ވަނީ މަޖުބޫރުވެފައެވެ.

"މަޖިލީހުގެ ފުލް މެޖޯރިޓީ ދިނުމުން ވެސް ވެރިކަމުގެ ފުރަތަމަ ދުވަސްކޮޅު ސަރުކާރުން ބޮޑަށް އިސްކަންދިނީ ސިޔާސީ ގޮތުން ބާރުވެރިކަން ހޯދުމަށާއި، ގާނޫނުތަކަށް ބަދަލުގެނެސްގެން ސަރުކާރުގެ މަގާމު ވަރުގަދަކުރުމަށް. އެންޓި ޑިފެކްޝަން ގާނޫނު ފާސްކުރުމާއި، އިންތިޚާބުތައް އެއްކޮށްލަން އުޅުމަކީ މީގެ މިސާލުތައް،" ސިޔާސީ ދާއިރާގައި ގިނަ އަހަރުތަކެއް ވަންދެން މަސައްކަތް ކުރެއްވި ބޭފުޅަކު ވިދާޅުވިއެވެ.

"ނަމަވެސް އެޕްރީލް ހަތަރެއްގެ ނަތީޖާއިން ރައްޔިތުން ސާފުކޮށް އަންގައިދިނީ، ސިޔާސީ ކުޅިވަރުތަކަށްވުރެ ބޮޑަށް އެމީހުން ބޭނުންވަނީ އަސާސީ ޚިދުމަތްތަކާއި، ބޯހިޔާވަހިކަމާއި، އިގްތިސާދީ ކުރިއެރުން ކަން."

އެހެންކަމުން، ސަރުކާރުން ރައްޔިތުންގެ ގެއްލިފައިވާ އިތުބާރު ހޯދުމަށް, މިހާރު އަމާޒު ހިފަންޖެހިފައިމިވަނީ ނަތީޖާ ނެރެދިނުމުގެ މައްޗަށެވެ. ހުއްޓިފައިވާ ތަރައްގީގެ މަޝްރޫއުތައް ހަލުވިކަމާއެކު ކުރިއަށްގެންދިއުމާއި، އާންމު ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށް އަމަލީ މަސައްކަތްތަކެއް ފަށަން ޖެހެއެވެ. އެކަން ވާނީ ނަތީޖާ ނެރެވޭ ކަހަލަ ވަޒީރުން ބައިތިއްބައިގެންނެވެ.

މިފަދަ ދަނޑިވަޅެއްގައި ކެބިނެޓަށް ބަދަލުގެނައުމަކީ ވަރަށް އަވަހަށް ކުރަންޖެހިފައިވާ ކަމެކެވެ. ސިޔާސީ ގޮތުން އައްޔަންކޮށްފައިވާ، ނަމަވެސް ފަންނީ ގާބިލުކަން ކުޑަ ވަޒީރުންގެ ބަދަލުގައި، އެ ދާއިރާއެއްގެ ތަޖުރިބާކާރުންނާ ވުޒާރާތައް ހަވާލުކުރުމަކީ ސަރުކާރުގެ ނިޔަތް ރަނގަޅުކަން ސާބިތުކޮށްދެވޭނެ ކަމެކެވެ.

https://www.sun.mv/220255

ގާބިލު މީހުންގެ ލީޑާޝިޕަކަށް ސަރުކާރު ބަދަލުވުމުން، ސަރުކާރުގެ ހިންގުން ހަރުދަނާވެ، ނިންމުންތައް ނިންމުމުގައި ސިޔާސީ ނުފޫޒަށްވުރެ ބޮޑަށް ފަންނީ ލަފަޔަށް ބުރަވެވޭނެއެވެ. ޚާއްސަކޮށް އިގްތިސާދީ، ސިއްހީ، އަދި ތައުލީމީ ދާއިރާ ފަދަ މުހިންމު ދާއިރާތަކަށް ފަންނީ ބޭފުޅުން އައްޔަންކުރުމަކީ، ރައްޔިތުންގެ ގެއްލިފައިވާ އިތުބާރު އަލުން ހޯދުމަށް އެޅޭނެ އެންމެ މުހިންމު އެއް ފިޔަވަޅެވެ. ކެބިނެޓް ބަދަލުނުކޮށް، ހަމަ ކުރީގެ ގޮތަށް ކުރިއަށްދާން ސަރުކާރުން މަސައްކަތްކޮށްފިނަމަ، އާންމުންގެ ނުރުހުން އިތުރަށް ގޯސްވުމުގެ ފުރުސަތު ބޮޑެވެ.


އެހެން ގައުމުތަކުން އެތައް މިސާލެއް

ކޮމްޕެރޭޓިވް ޕޮލިޓިކަލް ސައިންސް ނުވަތަ އަޅާކިޔާ ސިޔާސީ އިލްމުގެ ނަޒަރަކުން ބަލާއިރު، ވެރިކަމުގެ މެދުތެރެއިން އަންނަ އިންތިޚާބުތަކުގައި ސަރުކާރަށް ބޮޑެތި ނާކާމިޔާބީތަކާ ކުރިމަތިވުމަކީ ބައެއް ފަހަރަށް ހިނގާ ކަމެކެވެ. ނަމަވެސް މުހިންމީ އެ ނާކާމިޔާބީއަށްފަހު ލީޑަރުން އަމަލުކުރާ ގޮތެވެ. ކާމިޔާބު ލީޑަރުން މިފަދަ ދަނޑިވަޅުތަކުގައި އާންމުންގެ މެސެޖު ގަބޫލުކޮށް، ސަރުކާރުގެ އިސް މަގާމުތަކަށް ބަދަލުގެނެސް، އިދިކޮޅު ފަރާތްތަކާ ގުޅިގެން މަސައްކަތްކުރަން ފަށައެވެ. މީގެ ބޭނުމަކީ ސަރުކާރަކީ ރައްޔިތުންގެ އަޑުއަހާ ސަރުކާރެއްކަން ސާބިތުކޮށްދިނުމެވެ.

ޑިމޮކްރެޓިކް ނިޒާމުތަކުގައި ރައްޔިތުންގެ ވޯޓަކީ ހަމައެކަނި ގޮނޑިއެއް ކާމިޔާބުކުރުމަށް ނުވަތަގާނޫނެއް ފާސްކުރުމަށްލާ ވޯޓެއް ނޫނެވެ. ޚާއްސަކޮށް މުޅި ގައުމަށް ހުޅުވާލައިގެން ނަގާ ފެންނަނުފެންނަ ވޯޓަކީ ސީދާ ވެރިކަންކުރާ ފަރާތަށް ރައްޔިތުންގެ އިތުބާރު އޮތް މިންވަރު ވަޒަންކޮށްދޭ މިންގަނޑެކެވެ. ބޮޑެތި އިންތިޚާބުތަކުން ނުވަތަ ފެންނަނުފެންނަ ވޯޓުތަކުން ސަރުކާރަށް ނާކާމިޔާބީއާ ކުރިމަތިލާން ޖެހުމުން، ދުނިޔޭގެ ކުރިއަރާފައިވާ ޑިމޮކްރަސީތަކުގައި އަމަލުކުރާ ގޮތްތަކެއް ހުރެއެވެ. އެފަދަ ހާލަތްތަކުގައި ސިޔާސީ ޒިންމާ ނެގުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްގެ ގޮތުގައި ބެލެވެއެވެ. ރައްޔިތުންގެ ނިންމުމަކީ ސަރުކާރުގެ ސިޔާސަތުތަކަށް ނޫނެކޭ ބުނުންކަމުގައި ވާނަމަ، ދެން އޮންނަނީ ކެބިނެޓް ބަދަލުކުރުން ނުވަތަ ވެރިކަމުން އިސްތިއުފާ ދިނުމެވެ.

ތާރީޚުގައި އެންމެ ފާހަގަކޮށްލެވޭ އެއް ހާދިސާއަކީ 1969 ވަނަ އަހަރު ފަރަންސޭސިވިލާތުގައި ނެގުނުފެންނަ ނުފެންނަ ވޯޓެވެ. ފަރަންސޭސިވިލާތުގެ އޭރުގެ ރައީސް ޗާލްސް ޑި ގޯލް ހުށަހެޅުއްވީ ސަރުކާރުގެ ބާރުތައް ލާމަރުކަޒުކުރުމަށާއި، ސެނެޓަށް ބަދަލުތަކެއް ގެނައުމަށެވެ. މިއީ ރައީސް މުއިއްޒު ދާދިފަހުން ގާނޫނުއަސާސީއަށް ބަދަލުގެނައުމަށް ހުށަހެޅުއްވި ފަދަ ބޮޑު ބަދަލެކެވެ. ނަމަވެސް، 1969 އޭޕްރީލް 27 ވަނަ ދުވަހު ނެގި އެ ވޯޓުގައި ފަރަންސޭސި ރައްޔިތުންގެ 52.41 އިންސައްތަ މީހުން ވޯޓު ދިނީ މި ބަދަލުތަކާ ދެކޮޅަށެވެ. އެއްކޮޅަށް ވޯޓު ދިނީ 47.59 އިންސައްތަ މީހުންނެވެ.

ޕީއެންސީން ބޭއްވި ދިވެހީންގެ ރާއްޖެ ޖަލްސާގެ ތެރެއިން -- ސަން ފޮޓޯ/ މޫސާ ނަދީމް
ޑި ގޯލް މި ނަތީޖާ ބަލައިގަތީ ހަމައެކަނި ސިޔާސަތަކަށް އައި ނާކާމިޔާބީއެއްގެ ގޮތުގައެއް ނޫނެވެ. އޭނާ ދެކެވަޑައިގަތް ގޮތުގައި އެއީ އޭނާގެ ވެރިކަމަށް ރައްޔިތުންގެ އިތުބާރު ގެއްލުމެވެ. އެހެންކަމުން، ޖެހިގެން އައި އޭޕްރީލް 28 ވަނަ ދުވަހުގެ މެންދުރު ޑި ގޯލް ވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ. މިހާދިސާއިން ލިބޭ އެންމެ ބޮޑު ފިލާވަޅަކީ، ވެރިޔަކު އަމިއްލައަށް އިސްނަގައިގެން ކުރިއަށް ނެރޭ ފެންނަނުފެންނަ ވޯޓަކުން ބަލިވުމަކީ ވެރިކަން ކުރުމުގެ މެންޑޭޓް ގެއްލުން ކަމެވެ.

ޒަމާނީ މިސާލަކަށް ބަލާއިރު، ދެކުނު ކޮރެއާގެ 2021 ވަނަ އަހަރުގެ އިންތިޚާބުތަކަކީ ވަރަށް މުހިންމު ފިލާވަޅެކެވެ. އެ އަހަރުގެ އޭޕްރީލް ހަތް ވަނަ ދުވަހު ބޭއްވި މޭޔަރުން ހޮވުމުގެ ބައިއިލެކްޝަންގައި، އޭރު ވެރިކަންކުރަމުންދިޔަ ޑިމޮކްރެޓިކް ޕާޓީއަށް ވަނީ ގައުމުގެ އެންމެ ބޮޑު ދެ ސިޓީކަމަށްވާ ސޯލް އަދި ބޫސާންގެ ގޮނޑިތައް ގެއްލިފައެވެ. އެއީ 2016 ވަނަ އަހަރުން ފެށިގެން ބޭއްވި ހަތަރު ބޮޑު އިންތިޚާބު ކާމިޔާބުކޮށްފައިވާ ޑިމޮކްރެޓިކް ޕާޓީއަށް ކުރިމަތިވި ވަރަށް ބޮޑު ލޮޅުމެކެވެ.

މި ނަތީޖާއާއެކު ދެކުނު ކޮރެއާގެ އޭރުގެ ރައީސް މޫން ޖޭ އިން ވަގުތުން ފިޔަވަޅުތަކެއް އެޅުއްވިއެވެ. ބޮޑުވަޒީރާއި ޕާޓީގެ އިސް ވެރިން އިސްތިއުފާ ދެއްވިއެވެ. އަދި އޭޕްރީލް 20 ވަނަ ދުވަހު ރައީސް މޫންވަނީ ކެބިނެޓަށް ބޮޑެތި ބަދަލުތަކެއް ގެންނަވައި، ޚާއްސަކޮށް ބޯހިޔާވަހިކަމާއި އިގްތިސާދާ ގުޅޭވުޒާރާތަކަށް އާ ވަޒީރުން އައްޔަންކުރައްވާފައެވެ. ވެރިރަށް އަދި ބޮޑެތި ސިޓީތައް ގެއްލުމަކީ މެދުފަންތީގެ ރައްޔިތުން ސަރުކާރާ ދެކޮޅުވުންކަން އެ ބޭފުޅުން ގަބޫލުފުޅުކުރެއްވިއެވެ. އެހެންކަމުން ކެބިނެޓް ބަދަލުކުރުމަކީ ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދިނުމަށް ސަރުކާރުން ތައްޔާރަށް އޮތްކަން ދައްކައިދިނުމަށް އެޅި ފިޔަވަޅެކެވެ.

މިފަދަ ބޮޑު ނާކާމިޔާބީއަކަށްފަހު ކެބިނެޓަށް އެއްވެސް ބަދަލެއް ނުގެނެސް ސަރުކާރު ހިންގަންމަސައްކަތް ކުރުމަކީ ދުނިޔޭގެ އެހެން ގައުމުތަކަށް ބަލާއިރު ވަރަށް ނާދިރު ކަމެކެވެ. ރައްޔިތުންގެ އިތުބާރު ގެއްލިފައިވާ ދަނޑިވަޅެއްގައި، އެ އިތުބާރު އަލުން ހޯދުމަށް ޓަކައި ސަރުކާރުގެ އޮނިގަނޑަށާއި އިސް މަގާމުތަކަށް ބަދަލު ގެނައުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. މި ސަރުކާރުން ރައްޔިތުންގެ އިތުބާރު ބޭނުންވާނަމަ މިފަދަ ބަދަލުތައް މުހިންމެވެ.

comment ކޮމެންޓް