އެއް ރެއިން އީރާނު އެއްކޮށް ސުންނާފަތިކޮށްލައިފާނެ ކަމަށް ވިދާޅުވެ, އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިންޒާރު ދެއްވި ވަގުތު ހަމަވާން ގާތްގަޑަކަށް ދޮޅުގަޑިއިރަށް ވެފައި ވަނިކޮށް އީރާނުން ހުށަހެޅި 10 ނުކުތާގެ ހުށަހެޅުން ގަބޫލުކޮށް ހަނގުރާމަ ދެ ހަފްތާއަށް މެދުކަނޑާލަން އެމެރިކާއިން އެއްބަސްވެއްޖެއެވެ.
އީރާނުން ވަނީ ހުރްމޮޒް ކަނޑުއޮޅި ވަގުތީ ގޮތުން ހުޅުވާލަން އެއްބަސްވެފައެވެ.
މުޅި އީރާނު ސުންނާފަތިކޮށްލުމަށް ރޭ ފަތިހު ހަމަލާދޭނެ ކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.
އެއްބަސްވުމަކަށް އައުމަށް މެދުވެރިވި ޕާކިސްތާނަށް ޓްރަމްޕް ވަނީ ޝުކުރު އަދާކުރައްވާފައެވެ. ނަމަވެސް އެ އެއްބަސްވުމަކީ ވަކި ޝަރުތުތަކަކާއެކު ވީ އެއްބަސްވުމެއް ކަމަށާއި އޭގެތެރޭގައި ކަނޑުއޮޅި ހުޅުވުން ހިމެނޭ ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.
"ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފާއި ފީލްޑް މާޝަލް އާސިމް މުނީރާ އެކު ދެއްކި ވާހަކަތަކަށްފަހު، މިރޭ އީރާނަށް ދޭން ނިންމި ހަމަލާތައް ނުދިނުމަށް އެދުމުންނާއި، އިސްލާމިކް ރިޕަބްލިކް އޮފް އީރާނުން ސްޓްރެއިޓް އޮފް ހުރްމޫޒް ރައްކާތެރިކަމާއެކު ހުޅުވުމަށް އެއްބަސްވުމުން، އީރާނަށް ހަމަލާ ދިނުން ދެ ހަފްތާގެ މުއްދަތަކަށް މެދުކަނޑާލަން އެއްބަސްވަން." ޓްރަމްޕްގެ ޓްރޫތް ސޯޝަލްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ލިޔުއްވާފައިވެއެވެ.
ޓްރަމްޕްގެ އެ މެސެޖަށް ފަހު ކުޑައިރުކޮޅެއްގެ ތެރޭގައި އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަގްޗީ ވަނީ ވަގުތީ އެއްބަސްވުމަކަށް އައިސްފައިވާކަން ކަށަވަރުކޮށްދެއްވާފައެވެ.
"އީރާނަށް ދޭ ހަމަލާތައް ހުއްޓުވައިފިނަމަ އަޅުގަނޑުމެންގެ ބާރުގަދަ ސިފައިންގެ ދިފާއީ އޮޕަރޭޝަންތައް ހުއްޓާލާނެ." އަރަގްޗީ ލިޔުއްވާފައިވެއެވެ.
"ދެ ހަފްތާގެ މުއްދަތަކަށް ސްޓްރޭޓް އޮފް ހޮރްމުޒް އިން ރައްކާތެރިކަމާއެކު ދަތުރު ކުރެވޭނީ އީރާނުގެ ސިފައިންނާ ކޯޑިނޭޓްކޮށްގެންނާއި ޓެކްނިކަލް ލިމިޓެޝަންތަކަށް ރަނގަޅަށް ރިއާޔަތްކޮށްގެން." އަރަގްޗީ އިތުރައް ލިޔުއްވާފައިވެއެވެ.
އަރަގްޗީވެސް ވަނީ މެދުވެރިއެއްގެ ރޯލު އަދާކުރި ޕާކިސްތާނަށް ޝުކުރުއަދާކުރައްވާފައެވެ.
މަޝްވަރާތައް ރަނގަޅު ގޮތުގައި ކުރިއަށްދާނަމަ، ހަނގުރާމަ ހުއްޓާލުމުގެ މުއްދަތު ދެ ހަފްތާއަށްވުރެ އިތުރު ކުރެވިދާނެ ކަމުގެ އިޝާރާތެއް އީރާނުގެ އެންމެ މަތީ ގައުމީ ސަލާމަތުގެ މަޖިލީހުން ވެސް ވަނީ ދީފައެވެ.
އީރާނުން ހުށަހެޅި 10 ނުކުތާގެ ހުށަހެޅުމެއް އެމެރިކާއަށް ލިބިފައިވާ ކަމަށާއި، "އެއީ މަޝްވަރާ ކުރުމަށް މަސައްކަތް ކުރެވޭނެ އަސާސެއް ކަމަށް ގަބޫލު ކުރައްވާ" ކަމަށްވެސް ޓްރަމްްޕް ވަނީ ވިދާޅުވެފައެވެ.
ގާތްގަޑަކަށް އެ ހުރިހާ ނުކުތާތަކަކީވެސް އެމެރިކާ އާއި އީރާނާ ދެމެދު އެއްބަސްވެފައިވާ ނުކުތާތަކެއް ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.
"އެކަމަކު ދެ ހަފްތާގެ މުއްދަތަކުން އެއްބަސްވުން ފައިނަލްކޮށް ނިންމާލެވޭނެ."
ހަނގުރާމަ މެދުކަނޑާލަން އެއްބަސްވެފައި މި ވަނީ ފެބްރުއަރީ 28 ވަނަ ދުވަހު އިސްރާއީލާއި އެމެރިކާ ގުޅިގެން އީރާނަށް ހަމަލާތައް ދެމުންގެންދާތާ، މަހަކަށްވުރެ ގިނަ ދުވަސްވެފައި ވަނިކޮށެވެ.
ހަމަލާތަކުގެ ރައްދުގައި އީރާނުން ވަނީ ދުނިޔޭގެ އިގްތިސާދަށް މުހިންމު ހަރްމޮޒް ކަނޑުއޮޅިން އުޅަނދުތައް ދަތުރުުކުރުން ހުރަސް އަޅާފައެވެ. އަދި މެދުއިރުމަތީގައި ހުންނަ އެެމެރިކާގެ މަސްލަހަތު ހިމެނޭ ތަންތަނަށްވެސް މިސައިލާއި ޑްރޯން ހަމަލާތައް އީރާނުން ވަނީ ދީފައެވެ.