އެމެރިކާގެ ކުންފުނިތަކުން މަސް ގަތުމުގައި ބަލާ ޕްރޮގްރާމުން، ވަކި ގައުމަކަށް ޚާއްސަ ކުރި ފުރަތަމަ ރޭޓިން ރާއްޖެއަށް

މަސް ދޯންޏެއް: އެމެރިކާގެ ކުންފުނިތަކުން މަސް ގަތުމުގައި ބަލާ ޕްރޮގްރާމުން، ވަކި ގައުމަކަށް ޚާއްސަ ކުރި ފުރަތަމަ ރޭޓިން ވަނީ ރާއްޖެއަށް ދީފައި - ސަން ފޮޓޯ/ ހުސައިން އާއިޝް އަޝްރަފް

އެމެރިކާގެ މަސް ގަންނަ ފަރާތްތަކުން ބަލާ މިންގަނޑެއް ކަމަށްވާ މޮންޓަރޭ ބޭ އެކުއޭރިއަމްގެ ސީފުޑް ވޮޗް ޕްރޮގްރާމުން، ވަކި ގައުމަކަށް ޚާއްސަކޮށްގެން ދިން ފުރަތަމަ ރޭޓިންގ ދިވެހިރާއްޖެއަށް ދީފިއެވެ. މިއާއެކު ރާއްޖޭގެ ކަނޑުމަހުގެ މަސްވެރިކަމަކީ ދެމެހެއްޓެނިވި އަދި އިންޑިއާ ކަނޑުގެ ސަރަޙައްދުންވެސް އެންމެ ރަނގަޅު އިޚްތިޔާރު ނުވަތަ 'ބެސްޓް ޗޮއިސް' ކަމުގައި ވަނީ ކަނޑައަޅާފައެވެ. މި ކުރިއެރުމުގެ ސަބަބުން އުތުރު އެމެރިކާގެ ބާޒާރުތަކަށް ރާއްޖޭގެ މަސް އެކްސްޕޯޓުކުރުމަށް އިތުރު ފުރުޞަތުތަކެއް ހުޅުވިގެންދާނެއެވެ.

  • ސީފުޑް ވޮޗް ޕްރޮގްރާމުން ވަކި ގައުމަކަށް ޚާއްސަކޮށް ދިން ފުރަތަމަ ރޭޓިންގ ރާއްޖެއަށް ލިބުން.
  • ރާއްޖޭގެ ކަނޑުމަހުގެ މަސްވެރިކަމަކީ ދެމެހެއްޓެނިވި އަދި އެންމެ ރަނގަޅު އިޚްތިޔާރު ކަމަށް ކަނޑައެޅުން.
  • އުތުރު އެމެރިކާގެ މާކެޓަށް ވަނުމަށް ދިވެހި މަސް އެކްސްޕޯޓްކުރާ ފަރާތްތަކަށް ފުރުސަތު ފަހިވުން.
  • ބައިނަލްއަގުވާމީ ބާޒާރުގައި ދިވެހި މަހަށް ރަނގަޅު އަގު ލިބުމަށް މަގުފަހިވުން.

އެމެރިކާގެ މަސްވިއްކާ ކުންފުނިތަކުންނާއި އެހެނިހެން ފަރާތްތަކުން މަސް ގަތުމުގައި ރިޢާޔަތްކުރާ މޮންޓަރޭ ބޭ އެކުއޭރިއަމްގެ ''ސީފުޑް ވޮޗް'' ޕްރޮގްރާމުން, ވަކި ގައުމަކަށް ޚާއްސަކޮށްގެން، ކަނޑުމަހުގެ މަސްވެރިކަމަށް ދިން ފުރަތަމަ ރޭޓިން ރާއްޖެއަށް ދީފިއެވެ.

ފިޝަރީސް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވަނީ، މިއީ ރާއްޖެއަށާއ،ި ދުނިޔޭގެ ފެންވަރުގައި ދެމެހެއްޓެނިވި މަސްވެރިކަން ވަޒަންކުރުމުގައި ލިބުނު ތާރީޚީ ކުރިއެރުމެއް ކަމަށެވެ.

އެ ބަޔާނުގައިވާ ގޮތުގައި، ސީފުޑް ވޮޗްއިން އަލަށް އާންމުކުރި އިރުޝާދުތަކުގައި ވަނީ ރާއްޖޭގައި ކުރާ ކަނޑުމަހުގެ މަސްވެރިކަމަކީ ދެމެހެއްޓެނިވި މަސްވެރިކަމެއްގެ ގޮތުގައި ކަނޑައަޅާފައެވެ. އިންޑިއާ ކަނޑުގެ އެކި ސަރަޙައްދުތަކުގައި ކުރާ ކަނޑުމަހުގެ މަސްވެރިކަމުގެ ދެމެހެއްޓެނިވިކަމާގުޅޭ ކަންބޮޑުވުންތަކެއް ހުރި ނަމަވެސް، މުޅި ސަރަޙައްދުންވެސް ކަނޑުމަހުގެ ވިޔަފާރީގައި އިޚްތިޔާރުކުރަން އެންމެ ރަނގަޅު ނުވަތަ "ބެސްޓް ޗޮއިސް"އަކީ ރާއްޖެ ކަމަށް ރޭޓްކޮށްފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.

އެހެންކަމުން މިއީ ދިވެހި މަސްވެރިންނާއި، މަސް ގަނެ ޕްރޮސެސްކުރާ ފަރާތްތަކާއި، ސަރުކާރުން ގިނަ އަހަރުތަކެއް ވަންދެން ކުރަމުން އަންނަ ބުރަ މަސައްކަތުގެ ނަތީޖާކަން މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.

މިކަމާ ގުޅިގެން ފިޝަރީސް މިނިސްޓަރު އަޙްމަދު ޝިޔާމް ވަނީ މިއީ ރާއްޖެއަށް ފަޚުރުވެރި ވަގުތުކޮޅެއް ކަމަށް ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ، ސީފުޑް ވޮޗްއިން ވަކި ގައުމަކަށް ޚާއްސަކޮށް ދޭ ރޭޓިންގްއެއް ފުރަތަމަ ފަހަރަށް ރާއްޖެއަށް ލިބުމަކީ ދެމެހެއްޓެނިވިކަމާއި ޒިންމާދާރުކަމުގެ މައްޗަށް ބިނާވެފައިވާ ރާއްޖޭގެ މަސްވެރިކަމުގެ މޮޑެލް ބައިނަލްއަގުވާމީ ފެންވަރުގައި ބަލައިގަނެފައިވާކަމުގެ ހެއްކެއް ކަމަށެވެ.

މިއީ އިގްތިސާދު ބިނާކުރުމާއި ކަނޑުފަޅުތައް ރައްކާތެރިކުރުމުގައި ދިވެހި މަސްވެރިން ކުރަމުން އަންނަ މަސައްކަތުގެ ފޮނި ނަތީޖާކަންވެސް މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ.

ފިޝަރީސް މިނިސްޓްރީން ބުނީ، މި ކުރިއެރުމާއެކު، އުތުރު އެމެރިކާގެ މާކެޓަށް ވަނުމަށް ދިވެހި މަސް އެކްސްޕޯޓްކުރާ ފަރާތްތަކަށް ފުރުސަތު ފަހިވާނެ ކަމަށެވެ.

ދުނިޔޭގެ ބާޒާރުގައި ދެމެހެއްޓެނިވި މަސްވެރިކަމަށް ދޭ ސަމާލުކަން އިތުރުވަމުންދާ މި ދަނޑިވަޅުގައި މި ލިބުނު ރޭޓިންގްގެ ސަބަބުން، ރާއްޖޭގެ ކަނޑުމަހުގެ އުފެއްދުންތަކަށް ރަނގަޅު އަގުތަކެއް ހޯދުމަށާއި ބައިނަލްއަގުވާމީ ވާދަވެރިކަމުގައި ރާއްޖެއަށް ކުރިހޯދުމަށް މަގުފަހިވެގެންދާނެ ކަމަށް ވެސް މިނިސްޓްރީން ބުނެއެވެ.

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު އެކަށީގެންވާ ގޮތެއްގައި ކުރިނާރައި، ގެއްލުން ލިބޭ ސިނާއަތަކަށް ބަދަލުވުމުގެ ކަންބޮޑުވުން އޮތީ ބޮޑުވެފައެވެ. މިނިސްޓަރު ޝިޔާމް މިދިޔަ އަހަރުގެ ޑިސެންބަރު މަހު ވަނީ، މި ސަރުކާރުން އަންނަނީ މަސްވެރިކަމަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ހައްލު ހޯދަމުން ކަމަށާއި މި ދައުރުގައި މަސްވެރިކަމުގެ އާމުދަނީ ދެގުނަ ކުރެވޭނެ ކަމަށް ވިދާޅުވެފައެވެ.

comment ކޮމެންޓް