ޗައިނާގެ ނިންބޯގައި މިހާރު ކުރިއަށްދާ ބެޑްމިންޓަން އޭޝިއާ ޗެމްޕިއަންޝިޕުގެ ގަދަ 32 ކުޅުންތެރިންގެ ބުރުން ރާއްޖޭގެ ކާމިޔާބު ކުޅުންތެރިޔާ ފާތިމަތު ނަބާހާ (ނަބާ) ފުރުސަތު ހޯދައިފިއެވެ.
އޭނާ މި ފުރުސަތު ހޯދީ ގްރޫޕް ސްޓޭޖުގައި ކުޅުނު ދެ މެޗުންވެސް މޮޅުވެގެންނެވެ. މިއީ އޭޝިއާގެ އެންމެ ބޮޑު މި މުބާރާތުގައި ދިވެހި ކުޅުންތެރިއަކު ދެ މެޗުން މޮޅުވެ، މިފަދަ ރެކޯޑަކާއެކު އަންހެން ސިންގަލްސްގެ ގަދަ 32 އަށް ދަތުރުކުރި ފުރަތަމަ ފަހަރެވެ.
ނަބާ އޭނާގެ ފުރަތަމަ މެޗުގައި ބަންގްލަދޭޝްގެ އެއްވަނަ ކުޅުންތެރިޔާ އުރްމީ އަކްތަރު 21-07 އަދި 21-17 އިން ބަލިކުރިއިރު، ދެވަނަ މެޗުގައި ކިރްގިސްތާންގެ ޒަސްމީން އައިސަރޯވާގެ މައްޗަށް ކުރިހޯދީ 21-05 އަދި 21-06 ގެ ނަތީޖާއަކުންނެވެ.
ގަދަ 32 ކުޅުންތެރިން ވާދަކުރާ ބުރުގައި މާދަމާ ނަބާ ނުކުންނާނީ ދުނިޔޭގެ ރޭންކިންގެ ހަތަރުވަނައިގައި އޮތް، އަދި ތިން ފަހަރު ވޯލްޑް ޗެމްޕިއަންކަން ހޯދާފައިވާ ޖަޕާންގެ ވަރުގަދަ ކުޅުންތެރިޔާ އަކާނޭ ޔަމަގޫޗީއާ ދެކޮޅަށެވެ.
މި މަހުގެ 12 އަށް ކުރިއަށްދާ މި މުބާރާތުގައި ރާއްޖޭގެ ރިވައިވަލް ސްޕޯޓްސް އާއި ގައުމީ ޓީމު ތަމްސީލުކުރަނީ ނަބާގެ އިތުރުން އާމިނަތު ނަބީހާ އާއި މުޙައްމަދު އަޖުފާން ޒަޔާން ޒަކީއެވެ.
ރާއްޖޭގެ ކުޅުންތެރިން ފިރިހެން ސިންގަލްސް، އަންހެން ސިންގަލްސް، އަންހެން ޑަބަލްސް އަދި މިކްސްޑް ޑަބަލްސްގައި ވާދަކުރާއިރު، ޒަޔާން ފިރިހެން ސިންގަލްސްގައި ވާދަކުރާނީ ގްރޫޕް ސީގައި ސްރީލަންކާ އާއި މަކާއުގެ ކުޅުންތެރިންނާ ދެކޮޅަށެވެ.