2026 ވަނަ އަހަރުގެ ވޯލްޑް ކަޕް ފެށެން ކައިރިވެފައިވަނިކޮށް، އެމެރިކާގެ ލޮސް އެންޖެލިސްގައި ހުންނަ ސޯފައި ސްޓޭޑިއަމްގެ 2،000 އަށްވުރެ ގިނަ ކާބޯތަކެތީގެ ހިދުމަތްދޭ މުވައްޒަފުން ހަޅުތާލުކުރާނެ ކަމުގެ އިންޒާރު ދީފިއެވެ.
"ޔުނައިޓް ހިއަރ ލޯކަލް 11" ޔޫނިއަންގެ ދަށުން މަސައްކަތްކުރާ ކެއްކުންތެރިންނާއި ބާޓެންޑަރުން ހިމެނޭ މި ގްރޫޕުން ވަނީ، އެމީހުންގެ ޑިމާންޑްތަކަށް ފީފާއާއި ސްޓޭޑިއަމްގެ ވެރިން އިޖާބަނުދީފިނަމަ މުބާރާތުގެ ތައްޔާރީތަކަށް ބުރޫއަރާނެ ފަދަ ވަރުގަދަ ފިޔަވަޅުތަކެއް އަޅާނެ ކަމަށް ބުނެފައެވެ.
މި ޔޫނިއަންގެ މައިގަނޑު އެއް ޑިމާންޑަކީ، ވޯލްޑް ކަޕްގެ އެއްވެސް ކަމެއްގައި އެމެރިކާގެ އިމިގްރޭޝަން އެންޑް ކަސްޓަމްސް އެންފޯސްމަންޓް ނުވަތަ "އައިސް" ބައިވެރިނުކުރުމެވެ.
އޭޖެންސީގެ އިސްވެރިޔާ ޓޮޑް ލަޔަންސް، ވޯލްޑް ކަޕްގައި އެ ފަރާތުން މުހިންމު ދައުރެއް އަދާކުރާނެ ކަމަށް ބުނުމާ ގުޅިގެން، ޔޫނިއަނުން ވަނީ އެއީ މަސައްކަތްތެރިންނާއި ސަޕޯޓަރުންގެ ސަލާމަތަށް އޮތް ނުރައްކަލެއްގެ ގޮތުގައި ސިފަކޮށްފައެވެ.
މީގެ އިތުރުން، މުވައްޒަފުންގެ ވަޒީފާގެ ރައްކާތެރިކަން ކަށަވަރުކުރުމާއި، އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެން ވަޒީފާ މަދު ނުކުރުމުގެ ޔަގީންކަންވެސް އެ ފަރާތުން އަންނަނީ ހޯދަމުންނެވެ.
ސްކައި ނިއުސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މުބާރާތް ފެށެން މަދު ދުވަސްކޮޅަކަށް ވެފައިވާއިރު ވެސް، ގިނަ މުވައްޒަފުން މަސައްކަތް ކުރަމުންދަނީ ރަސްމީ އެއްބަސްވުމެއް ނެތިއެވެ.
ޔޫނިއަންގެ ކޯ-ޕްރެޒިޑެންޓް ކާޓް ޕީޓަސަން ވިދާޅުވި ގޮތުގައި، ފީފާއާއި ސްޕޮންސަރުން ބިލިއަނުން ފައިދާ ހޯދާއިރު، މުބާރާތުގެ މައިބަދަ ކަމަށްވާ މަސައްކަތްތެރިންގެ ހައްގުތަކަށް ވަނީ އިހުމާލުވެފައެވެ. އަދި މިކަމާ ގުޅިގެން ފީފާއާ ބައްދަލުކުރަން ކުރި މަސައްކަތްތަކަށް އެއްވެސް އިޖާބައެއް ލިބިފައިނުވާ ކަމަށް ވެސް އޭނާ ފާހަގަކުރިއެވެ.
ލޮސް އެންޖެލިސްގެ ސޯފައި ސްޓޭޑިއަމްގައި ޖޫން 12 ވަނަ ދުވަހު އެމެރިކާއާއި ޕެރަގުއޭ ބައްދަލުކުރާ މެޗާއެކު ޖުމްލަ 8 މެޗު ކުޅުމަށް ވަނީ ހަމަޖެހިފައެވެ.
ނަމަވެސް މިހާރު އުފެދިފައިވާ ނުތަނަވަސްކަމުގެ ސަބަބުން، މުބާރާތުގެ އިންތިޒާމްތަކަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެދާނެ ކަމުގެ ބިރު ވަނީ ހީވެފައެވެ. މި މައްސަލައިގައި ފީފާއިންނާއި ސްޓޭޑިއަމްގެ މެނޭޖްމަންޓުން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.