ދެހާސް ތޭވީސް ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ވެރިކަން ނިމުމަކަށް ގެނައުމަށް ވަރަށް ގިނަ ބަޔަކު އަތުކުރި އޮޅައިލިއެވެ. އެއީ، އެމްޑީޕީގެ ވެރިކަމުގެ ދުވަސްތަކުގައި ރަސްކޮއިލުތެރެއިން ހަދަމުން ދިޔަ ގޯސްތަކުގެ ސަބަބުންނެވެ. އެކަމުގައި އިސްވެ މަސައްކަތްކުރީ ޑރ މުއިއްޒަށް ވެރިކަން ހޯދައިދޭން ބޭނުންވި ޑރ މުއިއްޒަށް ލޯބިކުރާ މީހުން އެކަންޏެއް ނޫނެވެ. އޭގެ ތެރޭގައި ދިވެހި ގައުމިއްޔަތުގެ ވިންދު ޖަހަމުން ދިޔަ އެތައް ހިތެއްގެ ރިހުމާއި ކެކުޅުން އުފެދިފައިވާ, ޒަޚަމްވެފައިވާ ހިތްތަކެއްގެ އަހުލުވެރީން ހިމެނެއެވެ. ދެމުންދިޔަ ރިޝްވަތާއި ފެތުރެމުން ދިޔަ ކަރަޕްޝަނުގެ ބަލިތަކުގެ ސަބަބުން ރައްޔިތުންގެ ހިތުގައި އަނދަމުން ދިޔަ ނަފުރަތުގެ ހުޅުކޮޅު ނިމުމަކަށް ގެނައުމަށް ކުރި މަސައްކަތުގެ ނަތީޖާއަކީ، ސިޔާސީ ޚިޔާލު ތަފާތު އެތައް ބަޔަކު އެއް ކަނދަށް އެރުމެވެ.
ދިވެހިގައުމާއި ދިވެހިއްޔަތަށް ލޯބިކުރާ އެތައް ބަޔަކު، އެމްޑީޕީގެ ވެރިކަން ނިންމާލުމަށް މަސައްކަތްކުރުމެވެ. އެ ކުރި މަސައްކަތުގެ ނަތީޖާއަކީ ފަސޭހަކަމާއެކު އެ ވެރިކަން ނިމުމަކަށް އައުމެވެ. އަދި ޑރ މުއިއްޒަށް ވެރިކަން ލިބުމެވެ. ޑރ މުއިއްޒަށް ވެރިކަން ލިބިވަޑައިގަތީ، ޑރ މުއިއްޒުގެ ހުރި ގާބިލުކަމާއި ކުޅަދާނަކަމާއި ތެދުވެރިކަމާއި އަމާނާތްތެރިކަމާއި ދުރުވިސްނޭ ވިސްނުމުގެ ސަބަބުން އެކަންޏެއް ނޫނެވެ. ރައްޔިތުންގެ ތެރެއިން އެމްޑީޕީއަށް ނޫނެކޭ ބުނަން ބޭނުންވި މީހުން ލީ ވޯޓުގެ ސަބަބުންނެވެ. ގައުމަށް އުމްރާނީ ތަރައްގީތަކެއް ގެނެސްދެއްވި ކުރީގެ ރައީސް ޢަބުދުﷲ ޔާމީނަށް ތާއީދުކުރައްވާ އެތައް ބަޔަކު ލީ ވޯޓުގެ ސަބަބުންނެވެ. އެ ބޭފުޅާ މިނިވަންކުރައްވަން ބޭނުންވެފައި ތިބި އެތައް ބަޔަކު ލީ ވޯޓުގެ ސަބަބުންނެވެ. ގައުމުގެ ތަރައްގީއަށް މަސައްކަތްކުރާނޭ ތައުލީމީ މީހުންނަށް ވަޒީފާ ލިބޭނޭ ކަމުގެ އުއްމީދުގައި ތިބި އެތައް ބަޔަކު ލީ ވޯޓުގެ ސަބަބުންނެވެ. ކަރަޕުޝަނާއި ފަސާދައިން ގައުމު ސަލާމަތްކޮށް އަމިއްލަ މަންފާއަށާއި ސިޔާސީ މަންފާއަށް މަސައްކަތްނުކުރާނޭ ކަމަށް ވިސްނައިގެން ތިބި އެތައް ބަޔަކު ލީ ވޯޓުގެ ސަބަބުންނެވެ. މި ހުރިހައިކަމެއް ބޮލާލައި ޖެހުމަށް ފަހު ކަންތައްތައް ކުރި ގޮތުގެ ސަބަބުން ރިޔާސީ މެދު ތެރެއިން ނެގި ވޯޓެއްގައި މިހާރު ރައީސް ޑރ މުޙަންމަދު މުޢިއްޒަށް ބޮޑު ނާކާމިޔާބަކާ ކުރިމަތިލާން ޖެހިއްޖެއެވެ. ސުވާލަކީ އެއީ ކީއްވެ ހެއްޔެވެ؟

ޕީއެންސީން ބޭއްވި ދިވެހީންގެ ރާއްޖެ ޖަލްސާގެ ތެރެއިން -- ސަން ފޮޓޯ/ މޫސާ ނަދީމް
މި ލިޔުމުގައި އަޅުގަނޑު ބަލައިލާނީ، ނިމި ދިޔަ ކައުންސިލު އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާއި "ފެންނަ ނުފެންނަ" ވޯޓުގައި ޑރ މުޢިއްޒަށް ނާކާމިޔާބު ވާން މެދުވެރިވި ބައެއް ސަބަބުތަކަށެވެ. މިއީ ޔުނިވަރސިޓީއަކުން ދިރާސާކޮށް، ދުނިޔޭގެ ބޮޑެތި މުފައްކިރުންގެ ފިކުރުތައް ކޮށައި މަށައި ތަހުލީލުކޮށްގެން ހަދާފައިވާ "ދުނިޔޭގެ ފެންވަރު"ގެ ދިރާސާއެއް ނޫނެވެ. މިއީ ދިވެހި ކަނޑުތަކުގައި ވޭތުވެ ދިޔަ ވިއްސަކަށް އަހަރު ތެރޭގައި ސިޔާސީ ވާދަވެރިކަމުގެ އޮއިވަރު ދެމެމުން ދިޔަ މަންޒަރު ލޮލުން ދެކި އަތުން ހިފައިފައިވާ މީހެއްގެ ހައިސިއްޔަތުން ލިޔާ ލިޔުމެކެވެ.
1. ޝުކުރުވެރިވާން ނޭނގުން
އިސްވެ ލިޔުނު ފަދައިން ޑރ މުއިއްޒަށް ވެރިކަން ހޯދައިދިނުމުގައި އެންމެ އިސްކޮށް އުޅުނީ ޒަމާނުންސުރެ ޕީޕީއެމް ގައި މަސައްކަތްކުރި މީހުންނެވެ. އެ މީހުންނަކީ އެމްޑީޕީގެ ވިސްނުމާއި ފިކުރާއި ޚިޔާލާ ދެކޮޅު މީހުންނެވެ. އެ މީހުންނަކީ އެންމެ ފުރަތަމަ ޑީއާރުޕީގައި މަސައްކަތްކުރި މައުމޫނުގެ މީހުންނެވެ. ފަހުން ޕީޕީއެމްގައި މަސައްކަތްކުރި ޔާމީނުގެ މީހުންނެވެ. ރައީސް މުޙައްމަދު ނަޝީދު (އަންނި), ގެންގުޅުއްވާ ހުޅަނގުގެ ވިސްނުމާ ދުރު މީހުންނެވެ. އެމްޑީޕީގެ ހަރުކަށި ބަސްތަކާއި ދުއްތުރުތަކާ ކުރިމަތިލައި ޔާމީނާއި ޔާމީނުގެ ތަރައްގީގެ ފިކުރާ ދެކޮޅަށް އައި ކޮންމެ ހަމަލާއަކަށް މޭ އަންޑަނައެއް ކަމުގައި ދެއްކި ތެދުވެރި މީހުންނެވެ. ޔާމީނުގެ ވެރިކަމުގައި ވެސް އެމްޑީޕީއާ ދެކޮޅަށް މަގުމަތީގައި އެތައް ހަރަކާތެއް ހިންގާ އެތައް ގުރުބާނީއެއް ވީ މީހުންނެވެ. ޔާމީނު ޖަލުން ނެރެވޭނެ ކަމުގެ ފޮނި އުއްމީދާ އެކު ގަދަ ހިތްވަރާ އެކު ގައިން ދާ އޮހޮރުވި މީހުންނެވެ.
ވެރިކަން ލިބިވަޑައިގަތުމާއެކު ބުރަކޮށް މަސައްކަތްކުރި ވަރަށް ގިނަ މީހުން މަންޒަރުން ގެއްލުވައިލެވުނެވެ. ޝުކުރުގެ ބަހެއް ވިދާޅުނުވިތާގައި އެއިން އެއްވެސް މީހަކީ މީހެއް ކަމަށް ވެސް ނުވިއެވެ. ގައިން ދާ ހިއްލާ ވަރަށް ބުރަކޮށް މަސައްކަތްކުރި އެންމެން ކަހަލަ ގޮތަކަށް އެއް ފަރާތްކޮށްލެއްވީއެވެ. ވެރިކަން ލިބިވަޑައިގަތީ، ވަޒީރުކަމުގައި ހުންނަވައިގެން ކުރެއްވި އާދަޔާ ޚިލާފު މޮޅު މަސައްކަތުންކަމަށް ތިމާއަށް ހީފުޅުވިއެވެ. އެންމެން ގުޅިގެން ކުރި މަސައްކަތުގެ ނަތީޖާކަމަށް ބަލައި އެންމެން ގޮވައިގެން އުޅެވޭނެ ގޮތްތަކެއް ހޯއްދަވައި، ޝުކުރުވެރިވެ ވަޑައިގަންނަވާކަށް ތިމާއަށް އެނގިވަޑައެއް ނުގަތެވެ. ނަތީޖާއަކީ މި ދެންނެވި އެންމެންގެ ނުރުހުމުގެ "ހިމޭން އަޑު" ވޯޓު ކަރުދާހުން އިއްވައިދިނުމެވެ. އެ "ހިމޭން އަޑު" މިއަދު އެ މަނިކުފާނަށް އިއްވަވައިދެއްވައިފައި އެ ވަނީ "ހޮނު ގުގުރިއެއް" ފަދައިންނެވެ.
2. ޔާމީނަށް އިހާނެތިކޮށް ހިތުން
ކޮންމެ ޖަލްސާއެއްގައި ވެސް އޭރު އެންމެ ބާރަށް އަޑު އުފުއްލެވީ، ޔާމީނު މިނިވަންކޮށް ދެއްވާނެކަމަށެވެ. އަދި އެކަން ކުރެއްވީ ޔާމީނުގެ ނަންފުޅުގައި ހުސްގޮޑިއެއް ވެސް ބަހައްޓަވައިގެންނެވެ. އެ ވެސް ޕީޕީއެމްގެ ރަސްމީ ކުލަ ކަމުގައިވާ އަސުރުމާ ނުވަތަ ފިޔާތޮށި ކުލައިގެ ގޮޑިއެކެވެ. ކޮންމެ ދެ ނޭވާއެއްގައި ޔާމީނުގެ މޮޅުކަމާއި އެ މަނިކުފާނު މި ގައުމަށް ގެނެސްދެއްވި ތަރައްގީގެ ވާހަކަތައް ހަރު އަޑުން އިއްވަވައެވެ. ތިމާއާއި ތިމާ ވަށައިގެން ތިއްބެވި ކޮންމެ ބޭފުޅަކު ކަރުން ނާރުނަގާ ގޮވަމުން ދިޔައީ ޔާމީނަކީ މި ގައުމުގެ ތަރައްގީގެ ބާނީ ކަމަށެވެ. ރައީސް ޔާމީނަށް ވެރިކަން ހޯއްދަވައިދެއްވުމަކީ އެ ބޭފުޅުންގެ މަގުސަދުކަމަށެވެ. އަމިއްލަ އެއްވެސް ބޭނުމެއް ނެތްކަމަށާއި ދިވެހިގައުމުގެ ތަރައްގީއަށް ޓަކައި 2023ވަނަ އަހަރު ޔާމީނު ވެރިކަމަށް ގެންނަން ޖެހޭ ކަމަށް ވިދާޅުވި ބަސްފުޅުތައް އެހެރީ ލިޔެވިފައެވެ. އެހެނަސް ...... ޑރ މުއިއްޒު ވެރިކަމުގެ ހުވާކުރެއްވުމަށް ފަހު މި ވޭތުވެ ދިޔަ ދެ އަހަރާއި ބައިގެ މުއްދަތުގައި ކަން ހިނގީ އެ ގޮތަށް ތޯއެވެ؟

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި ރައީސް މުހައްމަދު މުއިއްޒު -- ފޮޓޯ/ އަވަސް
މިނިވަންކުރެއްވުން އެއްކިބާގައި އޮއްވާ، ޔާމީނަށް ރައްދުވާ ގޮތަށް ހެޔޮ ބަހެއް ވެސް ވިދާޅެއް ނުވެއެވެ. އަޑު އިވެނީ އަނެއްކާ މިހާރު ދައުވާކުރަން ތައްޔާރުވާ ވާހަކައެވެ. އަރިހުގައި ތިއްބާވާ ސިޔާސީ މަންފާވެރީންގެ އުފަލަކަށް ވެފައި އޮންނަނީ، ޔާމީނަށް އިހާނެތިކަން އަންނާނޭ އިބާރާތްތަކުން ޖަލްސާތައް ފަޅުފިލުވައި ދިނުމެވެ. މައް ދިވެހި އިބާރާތަކުން ދަންނަވާ ނަމަ، "ރަތް މަހަކަށް ނުބަވާ ވަރަށް" ބެވުމެވެ. ސިޔާސީ މޯހިރުން އުފެދޭ ނަފައިން ދިރިއުޅުމުގެ ފެންވަރު އުޑާ ހަމައަށް އުފުއްލައިލައިގެން ތިބި ސިޔާސީ "ތާޖިރުން"ގެ މަސައްކަތަކަށް ވެފައި ވަނީ ޔާމީނަށް ދެރަބަސް ބުނުމެވެ.
ޑރ މުއިއްޒުގެ އުފަލަކަށް ހައްދަވައިފައި ވަނީ ޔާމީނަށް "ބަވާ" ޖަލްސާތަކުގައި މަކަރުވެރި ހިނިތުންވުމަކުން ހިނިތުންކުރައްވައިގެން އިންނަވައި އަތްތިލަބަޑި ޖެއްސެވުމެވެ. ޔާމީނުގެ ސަޕޯޓަރުން މި މަންޒަރުތައް ބަލަމުން ދިޔައީ އަސަރާއެކުގައެވެ. ޕީޕީއެމް އާއި ޔާމީނަށް ތާއީދުކުރި އެންމެންގެ އެތެރެހަށީގައި އުފެދުނު ހިތާމަވެރި ކަރުނަތައް ދެ އަހަރާއި ބައިވަންދެން އޮބަހައްޓައިގެން ތިބުމަށް ފަހު، ހަތަރެއް އޭޕްރީލުގައި އެ ކަރުނަތައް އޮހޮރައިލީ ވޯޓު ކަރުދާހަށެވެ. އާއެނކެވެ. އެއީ ޔާމީނަށް އިހާނެތިކޮށް ހިތީތީއެވެ.
3. ވަޒީރުން މަޖިލީހުގެ ނާގާބިލުކަން
ގައުމެއްގެ ވެރިކަމަށް ވަޑައިގަތުމަށް ފަހު އެ ވެރިއެއްގެ އެންމެ މުހިންމު އެއް އަމާޒަކަށް ވާންޖެހޭނީ ރައްޔިތުންނަށް ޚިދުމަތްކުރެއްވުމެވެ. އެކަމަށް ޓަކައި ދިވެހި ރައްޔިތުން ފައިސާދެއެވެ. މަސައްކަތްކުރައްވާނެ އޮފީހާއި ދަތުރުކުރައްވާނެ އުޅަނދުފަހަރު ވެސް ވަނީ ދީފައެވެ. މަސައްކަތްކުރައްވާނެ އަތްދަށު ވަޑީން ހިތުހުރި ވަރަކަށް، ހިތުހުރި ނަމެއް ވިދާޅުވެފައި އައްޔަނުކުރެއްވުމުގެ ބާރު ވެސް ރައްޔިތުން ވަނީ ދީފައެވެ. އަދި އަތްދަށު ވަޑީންނަށް ވެސް މުސާރައާއި އިނާޔަތްތައް އޮންނަނީ ދީފައެވެ. ރައްޔިތުން ބޭނުންވަނީ އެ މީހުންގެ ގައުމަށް ތެދުވެރިކަމާއި އަމާނާތްތެރިކަމާއި އިޚުލާސްތެރިކަމާއެކު މަސައްކަތްކުރާނެ ބައެއްގެ އިޚްލާސްތެރި މަސައްކަތެވެ.
އެކަމަށް ޓަކައި ޑރ މުއިއްޒު ވަޒީރުން އައްޔަނުކުރެއްވެވިއެވެ. ވަޒީރުންގެ ސަފުތައް އަތުރާލެއްވުމަށް ފަހު ރައްޔިތުންނަށް ދައްކާލި އިރު ސަހަރޯއޭ ހީވިއެވެ. ވަރަށް ބޮޑު އުއްމީދެއްގައި ރައްޔިތުން ތިއްބާ، ދެއަހަރާ ބައިވެގެން ދިޔައިރު، ވަޒީރުންގެ ފަރާތުން ފެނުނީ ނާގާބިލުކަމާއި މަގާމަށް ކުފޫހަމަނުވާ ކަމުގެ އަލާމާތްތަކެވެ. އަމިއްލަ ހައިބަތާއި ޖާހު ފިޔަވައި އެހެން އެއްވެސް އެއްޗެއް ދިވެހި ރައްޔިތަކަށް ދައްކައިނުދެވުނު ވަޒީރުން ގިނައެވެ.

ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމެއްގެ ތެރެއިން: -- ފޮޓޯ/ ރައީސް އޮފީސް
ޒުވާނުންގެ ކަންކަން ހަމަޖައްސާން އައްޔަނުކުރެއްވި ވަޒީރަކަށް ޒުވާނުންނަކީ ކޮބައިކަމާއި އެ މީހުންގެ ބޭނުންތަކަށް އަމާޒުކޮށް އެއްވެސް ކަމެއް ކޮށްދެވިފައެއް ނެތެވެ. ރަސްމީ ތައުލީމުގެ ތެރެއިން ޒަމާނާ އެކަށީގެންވާ ފެންވަރެއްގެ ތައުލީމެއް ލިބިފައި ނެތުމުގެ އިތުރުން ހިލްމުވެރިކަމެއް ވެސް ނެތެވެ. ވުޒާރާގައި ތިއްބެވި ވަރުވަރުގެ ވަޒީރުންނާ އެކު ބައްދަލުވުމެއް ވެސް ބާއްވައިލާކަށް ކެރިވަޑައެއް ނުގަންނަވައެވެ. ކަންކަން ރާއްވަވާ ހިންގަވަން ވެސް އެނގިވަޑައިނުގަންނަވަނީއެވެ. ދިހަވަރަކަށް މީހުން ގޮވައިގެން ޓީވީ ސްޓޭޝަނެއް ހިންގިއަސް ހަތަރު ލައްކަ މީހުންގެ އާބާދީއެއްގެ ޒުވާނުންގެ ކަންކަން ބަލަހައްޓާން ނޭގޭނެކަން ފެނި ހާމަވީއެވެ. ރިޔާސީ ބަހުސެއްގެ ސުވާލުތައް ފޯރުކޮށްދިނުމުގެ އަގަކީ ވަޒީރުކަން ލިބިވަޑައިގަތުން ކަމުގައި ވަނީ ނަމަ، ތައުލީމީ ޒުވާނުން ހިމެނޭ މި ގައުމުގެ ރައްޔިތުންގެ ވޯޓެއް ޑރ މުއިއްޒަކަށް ލިބިވަޑައެއް ނުގަންނަވާނެއެވެ. އޭގެ ނަތީޖާ މި ފެނުނީ ހިތިކޮށެވެ.
ވަރަށް ވަރުގަދަ ގައުމިއްޔަތެއްގެ ވާހަކަ ކެމްޕޭނުތެރޭގައި ދެއްކެވިއެވެ. ދިވެހި އަމިއްލަ ބަހަކާއި ސަގާފަތަކާއި ތަރިކައިގެ މުހިންމުކަމުގެ ވާހަކަ ދިވެހީން އަޑު އެހީ ނުހަނު ޝައުގުވެރިކަމާއެކުގައެވެ. އެކަމަށް ވުޒާރާއެއް އުފައްދަވައި އެ ތަނަށް ވެސް ދިވެހިރައްޔިތުންގެ ފައިސާއިން މުސާރަ ދެއްވާފައި "ވަޒީރަކު" ހުވާކުރެއްވެވިއެވެ. އެކަމަކު އެ ވުޒާރާއިން މިހާތަނަށް ދިވެހިރައްޔިތުންނަށް ލިބުނީ ކޮން އެއްޗެއްތޯއެވެ. ގައުމިއްޔަތުގެ ކޮލެޖެއް އުފައްދަވާ ވާހަކަ ވަޒީރުންގެ މަޖިލީހަށް ހުށަހެޅުނު ދުވަހު އެ މަޖިލީހުގައި ތިއްބެވި "ޕީއެޗްޑީ" ޑޮކްޓަރުންނަށް "ގައުމިއްޔަތުގެ ކޮލެޖު"އަކީ ކޮބައިކަން އެނގިވަޑައިނުގަންނަވާނެކަމަށް ވިދާޅުވި ވަޒީރު އެ އުޅުއްވަނީ އެ ބޭފުޅާއަށް ވެސް "ގައުމު" އެއީ ކޮން އެއްޗެއްކަން ވެސް އެނގިވަޑައިނުގަންނަވައިގެންނެވެ.
އަރިހުގައި ހުންނެވި މާ ކުޑަ އެހެނަސް "ބޮޑު ވަޒީރަ"ކީ ދިވެހި ގައުމު ދެނެވަޑައިގަންނަވާ ބޭފުޅެއް ވެސް ނޫނެވެ. ގައުމިއްޔަތުގެ ތެރޭގައި ދިވެހިބަސް ނުހިމެނޭނެކަމަށް ވަކާލާތުކުރައްވާ ދީނާ ފުށުއަރާ ފިކުރެއް ތައާރަފުކުރެއްވުމަށް ކުރައްވާ މަސައްކަތް ދިވެހީން ބަލައެއް ނުގަތެވެ. އެކާވީސް ވަނަ ގަރުނުގައި ޅެންކިޔައިގެން ފަރުވާ ދެވޭނެކަމަށް ގަބޫލުކުރައްވާ ބޭފުޅަކު ދިވެހި ރައްޔިތުންގެ ފައިސާއިން މުސާރަ ދީފައި ބަހައްޓާން ބޭނުންނުވާކަމަށް ތަކުރާރުކޮށް މީސްމީޑީޔާގެ މަންސަތަކުގައި ލިޔެފައި އެބަހުއްޓެވެ.
ނުވިތާކަށް ޑރ މުއިއްޒު ރައްޔިތުންނާ ބައްދަލުކުރެއްވި ބައްދަލުވުމެއްގައި މި ދެންނެވި ވަޒީރުގެ ނާގާބިލުކަމުގެ ވާހަކަ ފާޅުގައި ހާމަކުރައްވަވާފައިވެއެވެ. އަތޮޅުތެރެއަށް ވަޑައިގަންނަވާ އިރުވެސް ހަށިފާރަވެރީން ވަށައިގެން ލައިގެން އުޅޭ ވަޒީރެއް މި ނޫނިއްޔާ ނެތްކަމަށް ވަޒީރުން ވެސް ވިދާޅުވެއެވެ. ރައްޔިތުންނަށް ކަމެއް ކޮށް ނުދެވޭތާ، ހެޔޮ ހިތަކައިގެން ބަހާއި އަދަބާއި ސަގާފަތާއި ތާރީޚާއި ތަރިކައަށް ލޯބިކުރާ މީހަކާ ބަސްފުޅެއް ވެސް ވިދާޅުނުވެވެއެވެ. މިކަންކަން ރައްޔިތުން ބަލައިނުގަންނާނެކަން އެ އޮތީ ވޯޓުން ދައްކާފައެވެ.
ނިއުޒިލޭންޑާއި އިނގިރޭސި ވިލާތުގެ ރައްޔިތުންގެ ގޮތުގައި ތިއްބަވަނިކޮށް ދިވެހި މާހައުލަށް އޮޅުކުރެވޭތޯ ބައްލަވަން ގެންނަވައިފައިވާ ދެ ވަޒީރަކު ވެސް އަޅުގަނޑުމެންގެ ފައިސާއިން މުސާރަ ދީފައި އެބަ ތިއްބެވިއެވެ.
(މާދަމާއަށް އިންތިޒާރުކުރައްވާ!)