މިއަދު އަގު ބޮޑު ކުރި މަސްދަޅު، ކުރިން ހުރި އަގަށް އަނެއްކާ ހެޔޮކޮށްފި

މިފްކޯގެ ސީއީއޯ ފަރުހަތު: މިއަދު އަގު ބޮޑު ކުރި މަސް ދަޅު، ކުރިން ހުރި އަގަށް އަނެއްކާ ހެޔޮ ކޮށްފި --- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

ސަރުކާރުގެ މަސް ކުންފުނި މިފްކޯއިން މިއަދު ތެޔޮ މަސްދަޅުގެ އަގު ބޮޑުކުރުމަށް ނިންމި ނިންމުން ބަދަލުކޮށް، ކުރިންވެސް ހުރި އަގަށް އަނެއްކާވެސް ތިރިކޮށްފިއެވެ. ފުރަތަމަ އަގު ބޮޑުކުރަން ނިންމީ މެދުއިރުމަތީގެ މައްސަލަތަކާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލި، މަސްދަޅު އުފެއްދުމުގެ ޚަރަދު ބޮޑުވުމުގެ ސަބަބުންނެވެ. ނަމަވެސް، އާންމު ރައްޔިތުންގެ ޚިޔާލާއި ދިރިއުޅުމުގެ ޚަރަދުތަކަށް ބެލުމަށްފަހު، އެ ކުންފުނިން ވަނީ ކުރީގެ އަގު ކަމަށްވާ ދަޅަކަށް 17.50 ރުފިޔާ އަދި ކޭހަކަށް 760 ރުފިޔާގެ ރޭޓަށް އަގުތައް ރުޖޫއަކޮށްފައެވެ.

  • މިފްކޯއިން ތެޔޮ މަސްދަޅުގެ އަގު ބޮޑުކުރުމަށްފަހު އަލުން ކުރީގެ އަގަށް ބަދަލުކުރުން.
  • އަގު ބޮޑުކުރީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން ކަމަށް ބުނުން.
  • އަގު އަލުން ހެޔޮކުރީ ރައްޔިތުންގެ ޚިޔާލާއި ދިރިއުޅުމުގެ ޚަރަދުތަކަށް ބެލުމަށްފަހު.
  • ކުރިއެކޭ އެއްގޮތަށް ދަޅެއް 17.50 ރުފިޔާއަށް އަދި ކޭހެއް 760 ރުފިޔާއަށް ލިބޭނެ.
  • ޚަރަދު ކުޑަކުރުމުގެ ގޮތުން މިފްކޯގެ ރަސްމީ ގަޑިން 2 ގަޑިއިރު ވަނީ މަދުކޮށްފައި.

ސަރުކާރު މަސް ކުންފުނި, މިފްކޯއިން އުފައްދާ ތެޔޮ މަސްދަޅުގެ އަގު މިއަދު ބޮޑުކުރުމަށްފަހު، އަލުން އެ ނިންމުން ބަދަލުކޮށް، ކުރީގެ އަގަށް ބަދަލުކޮށްފިއެވެ.

މިފްކޯއިން މިއަދު ބުނީ، ތެޔޮ މަސްދަޅުތަކުގެ އަގު ބޮޑުކުރީ، މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އައި ބަދަލާއެކު، މަސްދަޅު އުފެއްދުމަށް ހިނގާ ޚަރަދު މައްޗަށް ދިއުމާ ގުޅިގެން ކަމަށެވެ. އެގޮތުން ތެޔޮ މަސްދަޅުގެ އަގު 18.50ރ. އަށް، އަދި ތެޔޮ މަސްދަޅު ކޭހެއް 800ރ. އަށް ބޮޑުކުރިއެވެ.

ނަމަވެސް މިރޭ އަނެއްކާ އެ ނިންމުން މިވަނީ ބަދަލުކޮށްފައެވެ.

މިފްކޯއިން ބުނީ އެ ކުންފުނިން ވިއްކާ ތެޔޮ މަސްދަޅުގެ އަގަށް މިއަދު ގެނައި ބަދަލާ ގުޅިގެން، ރައްޔިތުންގެ ޚިޔާލާއި ރައްޔިތުންގެ ދިރިއުޅުމުގެ އަގަށް ރިއާޔަތްކޮށް، ކުރިން އޮތް ގޮތަށް މަސްދަޅުގެ އަގު ދެމެހެއްޓުމަށް ނިންމި ކަމަށެވެ.

އެހެންކަމުން މިރެއިން ފެށިގެން މިފްކޯގެ މަސް ފިހާރަތަކުން ކުރިއެކޭ ވެސް އެއްގޮތަށް ތެޔޮ މަސްދަޅެއް 17.50ރ. އަށް އަދި ތެޔޮމަސްދަޅު ކޭހެއް 760ރ. އަށް ލިބޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

https://sun.mv/220216

އެ ކުންފުނިން ބުނީ މިފްކޯއިން އަބަދުވެސް ބަލާނީ ކޮލިޓީ ރަނގަޅު އުފެއްދުންތައް ވީ އެންމެ ހެޔޮ އަގެއްގައި ކަސްޓަމަރުންނާ ހަމައަށް ފޯރުކޮށްދިނުމަށް ކަމަށެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، ގެއްލުމުގައި ހިންގާ މިފްކޯގެ ޚަރަދު ކުޑަކުރުމުގެ ފިޔަވަޅެއްގެ ގޮތުން ރަސްމީ މަސައްކަތު ގަޑިން ދެ ގަޑިއިރު މަދުކުރަން ވެސް އިއްޔެ ވަނީ ނިންމައިފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް