އިންތިޚާބުތަކާ ދިމާކޮށް ސަރުކާރުތަކުން ސިޔާސީ ބޭނުމަށް ކުޅުން އާންމު ކުންފުންޏެެެއްގެ ގޮތުގައި ސިފަކުރަމުން އަންނަ ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުންނާއި ބޯޑު މެންބަރުކަމުގެ މަގާމުން މުޙައްމަދު ނަޖާޙް މިއަދުން ފެށިގެން ވަކިކޮށްފިއެވެ.
ޕްރަވަޓައިޒޭޝަން އެންޑް ކޯޕަރައިޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ވަނީ ނަޖާހު ވަކިކުރިކަން ހާމަކޮށްފައެވެ. ނަމަވެސް މި ކުއްލި ނިންމުން ނިންމީ ކޮން ސަބަބަކާހުރެ ކަން ހާމަކޮށްފައެއް ނުވެއެވެ.
އެމްޑީކަމުގެ މަގާމަށް ނަޖާހު އައްޔަންކުރީ 2024ވަނަ އަހަރުގެ ޑިސެމްބަރު 23 ވަނަ ދުވަހެވެ. އޭގެ ކުރިން އޭނާ ހުންނެވީ، ހެޕީ މާކެޓުގެ އެސިސްޓެންޓް ޖެނެރަލް މެނޭޖަރުގެ މަގާމުގައެވެ. ނަޖާހަކީ މި ސަރުކާރުގައި ފެނަކައަށް އައްޔަންކުރި ދެވަނަ އެމްޑީއެވެ.
އޭގެކުރިން އެމްޑީގެ މަގާމު ހުސްވީ، އެ މަގާމުގައި ފުރަތަމަ ހުންނެވި މުއާޒު މުޙައްމަދު ރަޝީދު މިއަދު އިސްތިއުފާ ދެއްވުމުންނެވެ.
މުއާޒު އިސްތިއުފާ ދެއްވައި އާންމު ކުރެއްވި ސިޓީގައި ވަނީ ފެނަކައިގެ މާލީ ހާލަތު އޮތް ގޮތުން، ލިބޭ އާމްދަނީއިން ނުހިންގޭ ކަމަށް ވިދާޅުވެފައެވެ. އަދި އިސްތިއުފާ ދެއްވި ސަބަބުތަކުގެ ތެރޭގައި ކުންފުންޏަށް ބޭނުންވާ އަދަދަށްވުރެ އެތައް ގުނައެއް އިތުރަށް ވަޒީފާ ހަމަޖައްސަން ޖެހުމާއި ކުންފުނީގެ މުވައްޒަފުންގެ އަދަދު މަދުކޮށް، ކުންފުންޏަށް ކަތާވަރަށް ހިންގުން ބަދަލުކުރުމަށް އިދާރާތަކުން އެކަށީގެންވާ އެއްބާރުލުމެއް ނުލިބުން ހިމެނޭ ކަމަށް ވިދާޅުވިއެވެ.
ނިމިދިޔަ ލޯކަލް ކައުންސިލް އިންތިޚާބަށް މަދު ދުވަސްތަކަކަށް ވެފައި ވަނިކޮށް ވެސް ވަޒީފާއަށް ހުޅުވައިލި ކުންފުނިތަކުގެ ތެރޭ ފެނަކަ ހިމެނެއެވެ. އަދި މިއީ ވެސް ވަރަށް ބޮޑަށް މާލީ ހާލަތު ދަށް ކުންފުންޏެއްގެ ގޮތުގައި ވަނީ ފާހަގަވެފައެވެ.
މީގެ ހަތަރު މަސް ކުރިން ނަޖާހު ވިދާޅުވީ ކުރީ ސަރުކާރުން ފެނަކަ ކޯޕަރޭޝަނަށް ވެފައިވާ އިހުމާލުގެ ސަބަބުން މި ސަރުކާރު އައިސް ދެއަހަރުވީއިރު ވެސް އޭނާއަށް އެ ކުންފުނި ހަމައަކަށް ނޭޅުވުނު ކަމަށެވެ.